ޖޭޖޭއާއި ދަ ގޭންގްވެސް ސެމީއަށް

ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބު ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ޖޭޖޭ ސްޕޯޓްސް ކްލަބާއި ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް)ވެސް ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ގްރޫޕް ދޭއްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދަ ގޭންގްގެ އިތުރުން ޒެފްރޯލާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.

މިހާތަނަށް މަހިބަދޫ އަދި ޒެފްރޯލްވެސް ކުޅުނު ދެ މެޗުން ބަލިވެފައިވާ އިރު، ޖޭޖޭއާއި ދަ ގޭންގް ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ހަ ޕޮއިންޓް ހޯދައިފައެވެ. އެ ގްރޫޕްގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތް އިރު، ޒެފްރޯލަށް ދެން އޮންނާނީ މަހިބަދޫއާ ދެކޮޅަށް ނުކުންނަ މެޗެވެ.

ގްރޫޕް ދޭއްގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތައް ކަށަވަރުވާނީ ޖޭޖޭއާއި ދަ ގޭންގް ވާދަކުރާ މެޗުންނެވެ.

ދެވަނަ ޑިވިޝަންގައި އިއްޔެ ކުޅުނު މެޗުގައި ވާދަކުރީ ޖޭޖޭއާއި ޒެފްރޯލެވެ. އެ މެޗު 5-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

މެޗުގައި ޖޭޖޭގެ ލިއޭންޑްރޯ އާޑީލިއޯ އަދި އިބްރާހީމް ޝިޔާމް ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދީފައިވާ އިރު، އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑު)ވެސް ވަނީ ޖޭޖޭއަށް ގޯލް ޖަހައިދީފައެވެ.

އެ މެޗުގައި ޒެފްރޯލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު ރިފާއުއެވެ.

ދެވަނަ ޑިވިޝަންގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. މިއަދު އޮންނަ ގްރޫޕް އެކެއްގެ މެޗުގައި ވާދަކުރާނީ ކުޑަހެންވޭރު ޔުނައިޓެޑާއި ދިވެހި ސިފައިންގެ ކްލަބެވެ.

comment ކޮމެންޓް