ކުންފުނި ބަގުރޫޓުވެގެން އުވާލާފައިވާ މެގަ މޯލްޑިވްސްގެ މުވައްޒަފުންތަކަކަށް އެތަނުގައި ވަޒީފާ އަދާކުރަނިކޮށް މުސާރައިން އުނިކުރި ފައިސާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފިއެެވެ.
އެ މުވައްޒަފުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެމީހުން ވަޒީފާ އަދާކުރި އިރު ކުންފުނީގެ ވިޔަފާރި ދަށްވެގެން ކަމަށް ބުނެ، އިތުރު އިންވެސްޓަރަކު ލިބި ކުންފުނީގެ ވިޔަފާރި ރަނގަޅުވުމުން ދޭ ގޮތަށް މުސާރައިން އުނިކުރި 20 ޕަސަންޓު ފައިސާ ހޯދުމަށެވެ.
މެގަ މޯލްޑިވްސްގެ 40 އަށް ވުރެ ގިނަ މުވައްޒަފުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އިރު، މިހާތަނަށް ސިވިލް ކޯޓުން ނިންމާފައިވަނީ 25 މުވައްޒަފެއްގެ މައްސަލައެވެ. ބާކީ މައްސަލަތައް އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.
މައްސަލަ ނިންމައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްތަކުގައި ބުނެފައި ވަނީ މުވައްޒަފުންގެ މުސާރައިން އުނިކުރި 20 ޕަސެންޓް ކުންފުނީގެ ވިޔަފާރި ރަނގަޅުވުމުން ދައްކާނެ ކަމަށް ބުނެފައިވީ ނަމަވެސް 7 މާޗު 2018 ވަނަ ދުވަހު މެގަ މޯލްޑިވްސްގެ ލިކިއުޑޭޓަރުގެ ފަރާތުން މުވައްޒަފުންނަަށް ސިޓީއެއް ފޮނުވައި ދައްކަން ޖެހޭ ފައިސާ ކަމަށް އެއްބަސްވި ކަމަށެވެ.
އެހެން ކަމުން މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި ދައްކަން ޖެހޭ ކަމަށް މަދަނީ މިންގަނޑުން ސާބިތުވާތީ އިއްޔެއިން ފެށިގެން 11 ދުވަހުގެ ތެރޭގައި އެ ފައިސާ މުވައްޒަފުންނަށް ދައްކައި ހަލާސް ކުރުމަށް މެގަ މޯލްޑިވްސްއަށް ކޯޓުން ވަނީ އަންގައިފަ އެވެ.
ވަކިވަކިން ބަލައި ނިންމި ގަޒިއްޔާތަކުގައިވާ ގޮތުން، ގިނަ މުވައްޒަފުންނަށް ދޭންޖެހެނީ 3،800 ޑޮލަރާއި 1،100 ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާއެވެ. ކޯޓުން ބަލައި ނިންމި 25 މައްސަލައިގައި، މުވައްޒަފުންނަށް ޖުމްލަ 47،569 ޑޮލަރު މެގަ މޯލްޑިވްސްއިން ދޭންޖެހެއެވެ.
ދައުވާގައި މުވައްޒަފުންގެ ފަރާތުން ނޯޓިސްދިން މުއައްދަތަށް ވާ ފައިސާ ހޯދަން އެދުނު ނަމަވެސް އެފައިސާ ނަގައިދެވެން ނެތް ކަމަށް ހުކުމުގައި ބުނެފައި ވެއެވެ. ސަބަބެއް ކަމަށް ހުކުމުގައި ބުނެފައި ވަނީ ވަޒީފާ ދޭ ފަރާތް ބަނގުރޫޓު ވެއްޖެ ނަމަ ނުވަތަ މަސައްކަތް ހުއްޓާލާ ހާލަތުގައި ނޯޓިސް ދޭން ޖެހޭނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ ފައިސާ ނަގައިދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސް އަށް މާލީ ގޮތުން ދިމާވި ދަތިތަކަކާ ހުރެ، އެކުންފުނީގެ ފްލައިޓު އޮޕަރޭޝަންސް މިދިޔަ އަހަރުގެ މެއި މަހު ވަނީ ހުއްޓާލައިފަ އެވެ. އަދި މުވައްޒަފުންނަށް މުސާރަ ނުހިނގާ ގޮތަށް ލީވް ދިން އިރު، އެކުންފުނިން ބޭނުންކުރަމުން ދިޔަ ހުރިހާ މަތިންދާ ބޯޓުތައް އަނބުރާ ފޮނުވާލި އެވެ.