ރާއްޖޭގެ ބައިނަލްއަގުވާމީ އަމިއްލަ އެއާލައިން މެގަ މޯލްޑިވްސް މާދަމަ އިން ފެށިގެން ވަގުތީ ގޮތުން ހުއްޓަލަން ނިންމައިފި އެވެ.
މެގަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން މެގަ މޯލްޑިވްސް އެއާލައިންސްގެ ކޮމާޝަލް ފްލައިޓު އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި ވަނީ، އެކުންފުނީގެ އޮނިގަނޑަށާއި ކެޕިޓަލައިޒޭޝަނަށް ގެންނަ ބަދަލުތަކެއްގެ ދަށުން ކަމަށެވެ.
މެގަ މޯލްޑިވްސް އިން ބުނީ، އެ އެއާލައިނުގެ މެނޭޖްމެންޓާއި އިދާރީ މަސައްކަތްތައް މި މުއްދަތުގައި ކުރިޔަށް ދިޔަ ނަމަވެސް، އެ އެއާލައިނުގެ އެއްވެސް ފްލައިޓު އޮޕަރޭޝަނެއް ނުހިނގާނެ ކަމަށެވެ.
އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށީ 2010 ވަނަ އަހަރު އެވެ. ބޭރުގެ 50 އަށް ވުރެ ގިނަ ތަފާތު މަންޒިލުތަކަށް، 1.1 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދީފައިވާ މެގަ މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ތެރޭގައި މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު އިރު، އެ އެއާލައިނުން ގިނަ އަދަދެއްގެ މުވައްޒަފުން ކަނޑާލަން ވެސް ޖެހުނެވެ. ނަމަވެސް ފަހުން ވަނީ އެ ހުރިހާ މުވައްޒަފުންނަށް ވަޒީފާ އަލުން ދީފަ އެވެ.
މެގަގެ ބައެއް މުވައްޒަފުން "ސަން"އަށް ބުނި ގޮތުގައި، އެފަރާތްތަކަށް މުސާރަ ދިނުމުގައި ވެސް ކުންފުންޏަށް ވަނީ ދަތިވެފަ އެވެ.
ސީއީއޯ ޖޯޖް ވެއިންމަންގެ 49 ޕަސަންޓު ހިއްސާ، އަދި ޑިރެކްޓަރ އޮފް ސްޓްރެޓަޖީ ޑިވެލޮޕްމެންޓް މިފްޒާލް އަހްމަދާއި ވައިސް ޕްރެޒިޑެންޓް އެޑްމިން އެންޑް ލީގަލް އެފެއާޒް މިޒްނާ އަހްމަދުގެ 51 ޕަސަންޓު ހިއްސާއާ އެކު ހިންގަމުން އަންނަ މެގަ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން ވަނީ ފެތުރިފަ އެވެ.
މެގައިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ އަހަރުން ފެށިގެން އެކުންފުނިން ދަނީ ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް، އިތުރު ރައުސުލްމާލު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"މި މަސައްކަތުގެ ދަށުން އާއިންވެސްޓްމެންޓް ހޯދައި، ކުންފުނީގެ އޯނަޝިޕު އޮނިގަނޑަށް ބަދަލު ގެނެސް، އަދި މެގަގެ ފްލީޓު ސްޓްރެޓަޖީ ރިވިއުކޮށް، މެގައިން ޚިދުމަތްދޭ ތަފާތު މާކެޓުތަކާ ގުޅޭ އާ އެއާކްރާފްޓުތައް ހޯދޭނެ. އަދި މީގެ އިތުރުން މެގަގެ ފްލައިޓު ކްރޫއިން އަލުން ޓްރެއިންކޮށް، އަދި އެކުންފުނީގެ ފެސިލިޓީތައް މަރާމާތުކުރުން ވެސް ހިމެނޭ،" މެގައިން ނެރުނު ބަޔާނުގައިވެ އެވެ.
މެގަ މޯލްޑިވްސް އިން ބުނީ އެކުންފުނިން މިހާރު ދަނީ ސަރުކާރާއި ރެގިއުލޭޓަރީ އޮތޯރިޓީތަކުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމާއި އޭވިއޭޝަން ސެކްޓަރުގައި ހިމެނޭ އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާ އެކުގައި މަސައްކަތް ކުރަމުން ކަމަށާއި، އެފަރާތްތަކުގެ އެއްބާރުލުން ކުންފުންޏަށް ފުރިހަމައަށް ލިބެމުންދާ ކަމަށެވެ.