މެގަ މޯލްޑިވްސްގެ މުވައްޒަފުންނަށް އުނދަގޫ ނިންމުންތަކެއް!

މެގަ މޯލްޑިވްސްގެ ބޯޓުތަކެއް ---

ރާއްޖޭގެ ބައިނަލްއަގުވަމީ އެއާލައިން، މެގަ މޯލްޑިވްސްގެ މާލީ ހާލަތު ދަށްވުމާ އެކު، އެ އެއާލައިނުގެ މުވައްޒަފުންނަށް އުނދަގޫ ނިންމުންތަކެއް ނިންމުމަށް އެކުންފުނިން ހުށަހަޅައިފިއެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މެގަ މޯލްޑިވްސްގެ ދަތުރުތައް، ވަކި މުއްދަތެއް ނެތްގޮތަށް މެދުކަނޑާލާފައިވާ އިރު، އެ އެއާލައިނުގެ ދަތުރުތައް ކުރުމަށް ކުއްޔަށް ގެނެސްފައިވާ ހުރިހާ އެއާކްރާފްޓެއް ވަނީ އެތަކެތީގެ ވެރިފަރާތްތަކަށް އަނބުރާ ފޮނުވާލައިފައެވެ.

މެގަ މޯލްޑިވްސްގެ ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކު "ސަން"އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އިއްޔެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، މުވައްޒަފުންނަށް ވަރަށް އުނދަގޫ ނިންމުމެއް ނިންމުމަށް ކުންފުނިން ވަނީ އަންގައިފައެވެ.

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ/ މެގަ މޯލްޑިވްސް

"ކުންފުނިން އެންގީ ތިން މަސް ދުވަސް ވަންދެން މުސާރަ ނުލިބޭ ގޮތަށް ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ދެމިތިބުމަށް. އެގޮތް ކަމު ނުދާނަމަ ކެނޑިގެން ދިއުމަށް،" ސަންއާ ވާހަކަދެއްކި މުވައްޒަފަކު ބުންޏެވެ.

މާލީ ހާލަތާ ހެދި ކުންފުނީގެ މުވައްޒަފުންނަށް ހަމައަށް މުސާރަވެސް ދެވިފައެއް ނުވެއެވެ. މުވައްޒަފަކު ބުނި ގޮތުގައި، ގިނަ ފަހަރަށް މުވައްޒަފުންނަށް ދެމުން ދިޔައީ މުސާރައިގެ ދެބައިކުޅަ އެއްބައެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެހެން މުވައްޒަފަކު ބުނި ގޮތުގައި، މެގަ މޯލްޑިވްސްގެ މެނޭޖްމެންޓުން ބުނީ، ނުދެވި ހުރި މުސާރަ ދެވޭނީ ކުންފުނީގެ މާލީ ހާލަތު އަލުން ރަނގަޅު ވުމުން އެކަނި ކަމަށެވެ.

އަދި ޖުލައި މަހުގެ ނިޔަލަށް ކުންފުނި ހަމައަކަށް ނޭޅިއްޖެ ނަމަ، މެގަ މޯލްޑިވްސްގެ އެއާ އޮޕަރޭޓަރ ސެޓްފިކޭޓްވެސް ކެންސަލް ކުރާނެ ކަމަށް ކުންފުނިން ބުނި ކަމަށް މެގަ މޯލްޑިވްސްގެ މުވައްޒަފަކު ބުންޏެވެ.

މިކަމާ ގުޅިގެން މެގަ މޯލްޑިވްސްގެ ތަރުޖަމާނުގެ ބަހެއް، ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން ވަނީ ލިބޭ ގޮތް ނުވެފައެވެ.

މެގަ މޯލްޑިވްސްގެ ބޯޓެއް ---

މެގަ މޯލްޑިވްސްއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލަނީ އެކުންފުނީގެ އޮނިގަނޑަށާއި ކެޕިޓަލައިޒޭޝަނަށް ގެންނަ ބަދަލުތަކެއްގެ ދަށުން ކަމަށެވެ.

އެމެރިކާގެ ކުންފުންޏަކާއި ރާއްޖޭގެ އަމިއްލަ ފަރާތަކުން ގުޅިގެން އުފެއްދި މެގަ މޯލްޑިވްސް އެއާލައިންސްގެ އޮޕަރޭޝަންތައް ފެށީ 2010 ވަނަ އަހަރުއެވެ. ބޭރުގެ 50 އަށް ވުރެ ގިނަ ތަފާތު މަންޒިލުތަކަށް، 1.1 މިލިޔަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލައިދީފައިވާ މެގަ މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ތެރޭގައި މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނު އިރު، އެ އެއާލައިނުން ގިނަ އަދަދެއްގެ މުވައްޒަފުން ކަނޑާލަން ވެސް ޖެހުނެވެ. ނަމަވެސް ފަހުން އެ ހުރިހާ މުވައްޒަފުންނަށް ވަޒީފާ އަލުން ދިނެވެ.

ސީއީއޯ ޖޯޖް ވެއިންމަންގެ 49 ޕަސަންޓު ހިއްސާ، އަދި ޑިރެކްޓަރ އޮފް ސްޓްރެޓަޖީ ޑިވެލޮޕްމެންޓް މިފްޒާލް އަހްމަދާއި ވައިސް ޕްރެޒިޑެންޓް އެޑްމިން އެންޑް ލީގަލް އެފެއާޒް މިޒްނާ އަހްމަދުގެ 51 ޕަސަންޓު ހިއްސާއާ އެކު ހިންގަމުން އަންނަ މެގަ މޯލްޑިވްސްގެ މެޖޯރިޓީ ހިއްސާ ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން ވަނީ ފެތުރިފައެވެ.

comment ކޮމެންޓް