ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) ހޮވާ އިނގިރޭސި ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު މެންޗެސްޓާ ސިޓީގެ ޖަރުމަން ފޯވަޑް ލެރޯ ސާނޭ ހޯދައިފި އެވެ.
ޝާލްކޭ އިން 2016 ވަނަ އަހަރު 37 މިލިއަން ޕައުންޑްގެ އަގަކަށް ސިޓީއާ ގުޅުނު ސާނޭ ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވެސް ވާދަކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސާނޭ މިސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދި އިރު، އޭނާއާ އެކު ސިޓީއަށް ކުޅެމުންދާ ގޯލްކީޕަރު އެޑާސަންއާއި އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިން ވެސް އެ އެވޯޑަށް ވާދަކުރި އެވެ.
ސާނޭ ވަނީ މިސީޒަނުގެ މިހާތަނަށް ކުޅުނު 28 ލީގު މެޗުން ނުވަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ސިޓީއަށް މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ހޯދައިދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި ވެސް ސާނޭ ފާހަގަކޮށްލެވެ އެވެ. ހުރިހާ މުބާރާތެއްގައި މިހާތަނަށް ސިޓީން ކުޅުނު 45 މެޗުން ސާނޭ ވަނީ 13 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ހަ ކުޅުންތެރިން ވަނީ ޝޯޓްލިސްޓް ކޮށްފަ އެވެ. ޕީއެފްއޭ އިން 1974 ވަނަ އަހަރުން ފެށިގެން ހޮވާ އެ އެވޯޑަށް ނޮމިނޭޓްވާނީ އިނގިރޭސި ލީގުގައި އެންމެ ރަނގަޅު ކުޅުން ދައްކާ ކުޅުންތެރިންގެ ތެރެއިން 23 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.
ސިޓީގެ ކުޅުންތެރިންގެ އިތުރުން 15-2014ގެ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދި ޓޮޓެންހަމް ހޮޓްސްޕާގެ ހެރީ ކޭން ވެސް މިއަހަރުގެ އެވޯޑަށް ވާދަކުރި އެވެ. މިސީޒަނުގައި 37 ލަނޑު ކާމިޔާބުކުރި ކޭންއަށް ދެވަނަ ލިބުނު އިރު، ތިންވަނާގައި އޮތީ ސްޓާލިން އެވެ.
ފާއިތުވެ ދިޔަ ދެ އަހަރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދާފައި ވަނީ ޓޮޓެންހަމްގެ ޑެލޭ އަލީ އެވެ. އަދި 16-2015 އަދި 17-2016ގެ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދި ޑެލޭ އަލީ ވަނީ މިސީޒަނުގައި ވެސް އެ އެވޯޑަށް ވާދަކޮށްފަ އެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑުގެ ޝޯޓްލިސްޓުގައި ދެން ހިމެނިފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފާޑްއާއި ފުލަމްގެ ރަޔަން ސެސެގްނޮން އެވެ. އުމުރުން 17 އަހަރުގެ ސެސޮންގަން ވެގެންގޮސްފައި ވަނީ އިނގިރޭސި ފުރަތަމަ ޑިވިޝަން ނޫން އެހެން ޑިވިޝަނަކުން އެވޯޑަށް ނޮމިނޭޓްވި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ޕީއެފްއޭ އިން ހޮވާ އިނގިރޭސި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، މި އަހަރު ހޯދާފައި ވަނީ ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުންދާ މިސްރު ފޯވަޑް މުހައްމަދު ސަލާހު އެވެ.