ވާދަވެރި އިޓަލީ އަތުން ފްރާންސަށް ބައްޔެއް، އެޓީމުގެ ހަމައެކަނި އުންމީދަކީ އެމްބާޕޭ؟

ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސް އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން--

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކިލިއަން އެމްބާޕޭއާ ނުލައި ފްރާންސް، އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އޭނާއާ ނުލައި މިވަގުތު އޮތް ތަރިންގެ ޓީމަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިދާނެކަމާމެދު ސުވާލުތަކެއް އުފެދިއްޖެއެވެ.

މައިކަލް އޮލީސޭ، ރަޔަން ޗާކީ، ޑިޒައިރޭ ޑުއޭ އަދި ބްރެޑްލީ ބާކޯލާ އެކުލެވޭ ވަރުގަދަ އެޓޭކިން ލައިން-އަޕަކާއެކު މެޗު ފެށި ފްރާންސުން ފުރަތަމަ ލަނޑުޖެހި ނަމަވެސް އިޓަލީން ވަނީ ފަހަތުން އަރައި 1-3 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 10 ވަނަ މިނިޓުގައި ފްރާންސްގެ މައިކަލް އޮލީސޭވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރި ހޯދައިދީފައެވެ. މިއީ އިޓަލީގެ ގޯލުކީޕަރު ޑޮނަރޫމާ ޖެއްސި ބޯޅައެއް އޮލީސޭއަށް ލިބުމުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް އޭގެ 16 މިނިޓު ފަހުން، އިޓަލީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެޓީމަށް މި ލަނޑޫ ކާމިޔާބުކޮށްދީފައިވަނީ ނިކޯ ކަމްބިއާގީ ދިން ޕާހަކުން ޕިއޯ އެސްޕޮސީޓޯއެވެ.

އިޓަލީން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ޑޭވިޑް ފްރަޓޭސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ކުރިން އިޓަލީއަށް ވަނީ ޕެނަލްޓީއެއް ލިބި، ނާކާމިޔާބުވެފައެވެ.

މި މެޗުގައި އިޓަލީން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 75 ވަނަ މިނިޓުގައި އިޓަލީއަށް ލިބުނު ޕެނަލްޓީއަކުން ޕިއޯ އެސްޕޮސީޓޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު، އިންޓަ މިލާނަށް ކުޅެމުން އަންނަ 21 އަހަރުގެ އެސްޕޮސީޓޯ އެންމެ ފަހުން ކުޅުނު 14 މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ ނުވައަކަށް އަރާފައެވެ.

ގްރޫޕް އެކެއްގައި ކުޅުނު މި މެޗުން އިޓަލީ މޮޅުވުމުން އެ ޓީމަށް ވަނީ ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބިފައެވެ. ދެވަނައިގައި އޮތް ފްރާންސަށް ވެސް 10 ޕޮއިންޓް ލިބުނު ނަމަވެސް އިޓަލީއަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ނޭޝަންސް ލީގުގައި މީގެ ކުރިން މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މުބާރާތުގައި ފްރާންސަށް ކުރިއަށް އޮތީ ހޯމަ ދުވަހު ތުރުކިޔޭއާ ދެކޮޅަށްކުޅޭ މެޗެވެ. މި މެޗުގައި އެމްބާޕޭއަށް ކުޅެވޭނެކަމުގެ ފެހި ސިގުނަލެއް، ކޯޗު ޒިދާން ދީފައިވެއެވެ. އިޓަލީއަށް ކުރިއަށް އޮތީ ހަމަ އެދުވަހު، ބެލްޖިއަމްއާ ދެކޮޅަށް ކުޅޭމެޗެވެ.

comment ކޮމެންޓް