ޕީއޭފްއޭއިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސަލާހަށް

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް --- ފޮޓޯ/ އޭޕީ

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކޮންމެ އަހަރުކުވެސް ހޮވާ އިނގިރޭސި ލީގުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، މިއަހަރު ލިވަޕޫލްގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު ހޯދައިފިއެވެ.

ޕީއެފްއޭއިން ހޮވި މިސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސަލާހު ވަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކައިފައެވެ. ލިވަޕޫލްއާއެކު އޭނާ ވަނީ މިސީޒަނުގައި މިހާތަނަށް 41 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ކުރިއަށްގެންދިޔަ ވޯޓުގެ ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ. އަދި ތިންވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާގެ އިނގިރޭސި ސްޓްރައިކަރު ހެރީ ކޭންއެވެ.

ޗެލްސީއާއެކު ކުރިން އިނގިރޭސިވިލާތުގައި ސަލާހުގެ ނަން ވިދާލާފައި ނުވި ނަމަވެސް، މިސީޒަނުގައި 36.9 މިލިއަން ޕައުންޑުގެ އަގަކަށް ލިވަޕޫލާ ގުޅުމަށްފަހު އޭނާ ވަނީ އިނގިރޭސިވިލާތުގައި އޭނާގެ ފެންވަރު ދައްކާލައިފައެވެ.

އިނގިރޭސި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ސަލާހުއާ އެންމެ ގާތުން ވާދަކުރި ސިޓީގެ ޑި ބްރޭނާ ވެސް ވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ހޯދައިދިނުމުގައި ޑި ބްރޭނާގެ ދައުރު ބޮޑެވެ.

ޑި ބްރޭނާގެ އިތުރުން ސިޓީގެ ޖަރުމަން ފޯވަޑް ލެރޯއީ ސާނޭއާއި ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާ ވެސް އެ އެވޯޑަށް ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ. މެންޗެސްޓާ ޔުނައިޓެޑާއެކު މޮޅު ކުޅުމެއް ދެއްކި ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވެސް އެވޯޑަށް ވާދަކުރި ގަދަ ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ.

މިދިޔަ ސީޒަނުގައި ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާ އެވޯޑު ހޯދީ ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއެވެ. މިސީޒަނުގައި ކަންޓޭ އަދި ޗެލްސީއަށް ވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

comment ކޮމެންޓް