ބޮޑު ތަފާތަކުން މަހިބަދޫ ބަލިކޮށް، ދަ ގޭންގުން އުންމީދު ބޮޑުކޮށްފި

ދަ ގޭންގުން ޒެފްރޯލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް ދޭއްގައި ބޮޑު ތަފާތަކުން މަހިބަދޫ ސްޕޯޓްސް ކްލަބު ބަލިކޮށް، ދަ ގްރޭންޑް އަމީގޯސް ނިއު ޖެނަރޭޝަން (ދަ ގޭންގް) އިން ސެމީ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

މިހާތަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ މަހިބަދޫ ކަޓާފައިވާ އިރު، ދަ ގޭންގުން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. ގްރޫޕްގެ މެޗެއް މިއަދުވެސް އޮންނަ އިރު، މިއަދުގެ މެޗަށްފަހު ދެން ކޮންމެ ޓީމަކަށްވެސް ބާކީ އޮންނާނީ އެއް މެޗެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި މަހިބަދޫއިން ލީޑު ނެގީ އިސްމާއީލް ނަޒީރުގެ ގޯލުންނެވެ. އެހެން ނަމަވެސް ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ހުސައިން ޝަރީފް (އޮންލީ)ގެ ގޯލުން ދަ ގޭންގް ނަތީޖާ ހަމަހަމަކުރިއެވެ.

މެޗުގެ ދެވަނަ ހާފްގައި ދަ ގޭންގްގެ އަހުމަދު ހަލީމް (އައްމަޑޭ) ދެ ގޯލް ޖެހުމުގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ސޯޒާ ސަންޓޯސް އަދި އަބްދުލް މުހައިމިން (ބިއްދެ) ވަނީ ގޯލް ޖަހައި މެޗުގެ ނަތީޖާ 5-1 އަކަށް ބަދަލުކޮށްލައިފައެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭއެވެ.

ގްރޫޕް ދޭއްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގޭންގް އަދި ޒެފްރޯލެވެ.

ދެވަނަ ޑިވިޝަންގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. ވާދަކުރާނީ ޒެފްރޯލާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް