ދެކުނު އޭޝިއާގެ ޖޫނިޔާ ޓީޓީ މުބާރާތުގައި ރާއްޖެއަށް ހަތް މެޑަލް

މިއަދު ބޭއްވި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

ރާއްޖޭގައި ބޭއްވި ސަރަހައްދީ ލެވެލްގެ ފުރަތަމަ ޓޭބަލް ޓެނިސް މުބާރާތް، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑެޓް ޓީޓީ ޗެމްޕިއަންޝިޕް މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހަވީރުއެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާ އަދި ޕާކިސްތާނެވެ.

މިފަހަރު މުބާރާތުގައި ރާއްޖޭގެ 11 ކުޅުންތެރިން ވާދަކޮށްފައިވެއެވެ. އެއީ ފިރިހެން ހަ ކުޅުންތެރިންނާއި އަންހެން ފަސް ކުޅުންތެރިންނެވެ.

މުބާރާތުގައި ޓީމު އިވެންޓްގެ ދެ މެޑަލް އަދި ޑަބަލްސް މެޑައްޔެއްގެ އިތުރުން ރާއްޖެއިން ވަނީ ސިންގަލްސް ހަތަރު މެޑަލް ހޯދައިފައެވެ. މުބާރާތުގެ ހުރިހާ ޓީމު އިވެންޓެއް އަދި އިންޑިވިޖުއަލް އިވެންޓްތަކުގެވެސް ޗެމްޕިއަންކަން ހޯދައި، މުޅި މުބާރާތުގެ އެންމެ މޮޅު ޓީމަކަށް ހޮވިފައި ވަނީ އިންޑިއާއެވެ.

މިއަދު ޝޯޝަލް ސެންޓަރުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހީމްއެވެ. އެ މަނިކުފާނާއެކު ނިންމުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް އަދި ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރުގެ އިތުރުން ކުޅިވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވި އިބްރާހީމް އިސްމާއީލްވެސް ބައިވެރިވެ ވަޑައިގެންނެވެ.

މުބާރާތުގައި ރާއްޖެއިން ހޯދި މެޑަލްތައް:

  • ފިރިހެން ހޯޕްސް ކެޓަގަރީ ބްރޯންޒް މެޑަލް - އަޔާން ތޯހާ ރަޝީދު
  • އަންހެން ކެޑެޓް ކެޓަގަރީ ބްރޯންޒް މެޑަލް - އައިޝަތު ރަފާ ނާޒިމް
  • އަންހެން ޖޫނިއާ ކެޓަގަރީ ބްރޯންޒް މެޑަލް - އައިޝަތު ރަފާ ނާޒިމް
  • އަންހެން ޖޫނިއާ ޑަބަލްސް ކެޓަގަރީ ބްރޯންޒް މެޑަލް - އައިޝަތު ރަފާ ނާޒިމް/ ލައިޝާ ފަތުހުﷲ ޖަމީލް
  • އަންހެން ހޯޕްސް ކެޓަގަރީ ސިލްވާ މެޑަލް - ފާތިމަތު ދީމާ އަލީ
  • އަންހެން ކެޑެޓް ކެޓަގަރީ ބްރޯންޒް ޓީމް - ދިވެހިރާއްޖެ
  • އަންހެން ޖޫނިއާ ކެޓަގަރީ ބްރޯންޒް ޓީމް - ދިވެހިރާއްޖެ

މީގެ ކުރިންވެސް ރާއްޖެ ވަނީ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކޮށް ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން މިދިޔަ އަހަރު އިންޑިއާގައި ބޭއްވި މުބާރާތުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ތިން ބްރޯންޒް މެޑަލް ހޯދައިފައެވެ. އެ އަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ އިސްމާއީލް، އަންހެން ޑަބަލްސް އިވެންޓްގެ ބްރޯންޒް މެޑަލް ހޯދައިފައިވެއެވެ.

އޭގެ ކުރިން 2016 ވަނަ އަހަރު ޕާކިސްތާނުގެ ކަރާޗީގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ދެ ސިލްވާ މެޑަލް ހޯދައިފައިވެއެވެ.

comment ކޮމެންޓް