އަނިލް އާއި މާދުރީގެ ޖޯޑު އަދި ވެސް ވަރަށް ހިތްގައިމު

އަނިލް އާއި މާދުރީ

އަނިލް ކަޕޫރު އަދި މާދުރީ ޑިކްޝިޓް އަކީ ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ހިތްގައިމު އެއް ޖޯޑެވެ. ދެމީހުންގެ އޮންސްކްރީން ކެމިސްޓްރީ ފުރިހަމަ ކަމުން ބެލުންތެރިންގެ ހިތްތައް ވެސް "ދަކް ދަކް" ކުރުވަ އެވެ.

ދެމީހުން އެކުގައި އެންމެ ފަހުން ފެނިގެން ދިޔައީ މީގެ 17 އަހަރު ކުރިން ރިލީޒް ކުރި ފިލްމު "ޕުކާރް" އިންނެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު ވެސް ތިބީ ދެތަރިން އަލުން އެކުގައި ސްކްރީން އިން ބަލައިލުމަށް ކެތްމަދުވެފަ އެވެ.

އަދި މިހާރު މިވަނީ ބެލުންތެރިންގެ ދިގު އިންތިޒާރަށް ނިމުން އަންނަން ވަރަށް ކައިރިވެފަ އެވެ. އިންދްރާ ކުމާރުގެ "ޓޯޓަލް ދަމާލް"ގެ ލީޑް ރޯލުން ފެނިގެން ދަނީ އަނިލް އާއި މާދުރީ އެވެ.

ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް ދާއިރު، ފިލްމުގެ ފަސްޓް ލުކް މިވަނީ ދައްކާލައިފަ އެވެ. ފިލްމުގެ ފަސްޓް ލުކް އިން އަނިލް އާއި މާދުރީ ފެނިގެން ދާއިރު، އެ ޖޯޑު އެކުގައި ފެންނަން ބޭނުންވެފައި ތިބި މީހުންގެ ހިތްތަކަށް ފިނި ކަމެއް ލިބޭނެ އެވެ.

ދެމީހުންގެ ކެމިސްޓްރީ އަދިވެސް ފަނޑުނުވެ އެވެ. ހާމަކޮށްފައިވާ ފޮޓޯތަކުން އެކަން ރަނގަޅަށް ފެނެ އެވެ. ވަރަށް ގުޅެ އެވެ. ޚަބަރުތައް ބުނާ ގޮތުން އެއީ ފިލްމުގެ ޓައިޓަލް ޓްރެކްގައި ދެމީހުންގެ ލުކް އެވެ. "ޓޯޓަލް ދަމާލް" އަކީ "ދަމާލް" ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމް ވެސް މެ އެވެ.

ފިލްމުގައި ދެ ތަރިންގެ އިތުރުން ދެން ހަރަކާތްތެރިވާނެ ތަރިންނަކީ އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދު ވާރްސީ އަދި ޖާވީދު ޖެފްރީ އެވެ. ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ.

comment ކޮމެންޓް