ތިޔަ ލޯތްބާ ދުރަށް ޕްރިމިއާ ކޮށްފި

ދިވެހި ފިލްމު "ތިޔަ ލޯތްބާ ދުރަށް" ވަނީ ރޭ ޕްރިމިއަރކޮށްފައި--- ފޮޓޯ: ފޭސްބުކް

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ރޭ ޕްރިމިއާކޮށްފިއެވެ.

އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމުގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން ވަނީ ބައިވެރިވެފައެވެ.

ފިލްމު ޕްރިމިއާކޮށްދީފައިވަނީ މަރީގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ ލެެފްޓިނެންޓް ކާނަލް އަލީ ހުސައިން އެވެ.

ދިވެހިންގެ ލޭ ކައްކުވާލާ ބޮޑުބެރުގެ އައިޓަމެއް ފެނިގެން ދިޔައިރު އެންޓަޓެއިންމަންޓް ޓީވީ ޗެނަލް "ގޯ ޕްލަސް"ގެ ހެއްވާ މަޖާ އައިޓަމް އެއް ވެސް ރޭ ވަނީ ފެނިގެން ގޮއްސައެވެ. އޭގެ އިތުރުން ވަރަށް ހާއްސަ ދެ ނެށުމެއް ވެސް ރޭ ސްޓޭޖުން ފެނިގެން ދިޔައެވެ.

ސަޒާ ފިލްމުގެ ވާހަކަ ލިޔުނު މަރީގެ "ތިޔަ ލޯތްބާ ދުރަށް" އެއީ އޭނާގެ 40 ވަނަ ވާހަކަ އެވެ.

ފުރަތަމަ ނަޒަރުން ލޯބިވެވި އެ ލޯބި ހާސިލް ކުރުމަށް ކުރާ ބުރަ މަސައްކަތް ފިލްމުން ދައްކުވައިދެއެވެ.

ލޯބީގެ އަސަރުގަދަ އެ ފިލްމާ ގުޅޭ ގޮތުން ސަން އިން ސުވާލުކުރުމުން ބެލުންތެރިން ބުނީ ފިލްމުގެ "ސްޓޯރީ" ވަރަށް ކަމުދާ ކަމަށެވެ.

"އަސަރުގަދަ ވާހަކަ އެއް. ވަރަށް ވިސްނައިގެން އިންނަން ޖެހުނީ ފިލްމު ބެލިއިރު. ރީތި ފިލްމެއް. ފިލްމުގެ ޓްވިސްޓް ކަމުދޭ،" ފިލްމު ބެލުމަށްފަހު ނުކުތް ފިރިހެން ކުއްޖެއް ބުނީ މިހެންނެވެ.

ފިލްމުގެ ތެރެއިން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ދެ ލަވައެއް ވަނީ ފެނިގެން ގޮއްފައެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ހިމެނެއެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން އިސްމާއިލް ޖުމައިހް (ޖުމާ) ވެސް ވަނީ ފެނިގެން ގޮއްފައެވެ.

ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައި ވަނީ ސްރީލަންކާގައެވެ.

"ތިޔަ ލޯތްބާ ދުރަށް" އޮލިމްޕަހުގައި އިތުރުން ޝްވެކް ސިނަމާގައި ވެސް އަޅުވާނެއެވެ. ފިލްމުގެ ޝޯގެ ޓިކެޓް އޮލިމްޕަހުން މިހާރު ލިބެން ހުންނާނެއެވެ. ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ.

comment ކޮމެންޓް