ގެއްލިގެން ހޯދަމުންދާ ކުއްޖެއްގެ ޓީޝާޓެއް ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫގެ ފުއްޓަރު ފަރާތަށް އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ އިރު އޭގެ ތެރެއިން އެއް ކުއްޖަކު ލައިގެން ހުރި ކަމަށް ބެލެވޭ ޓީޝާޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ ޑައިވަރުންގެ ޓީމުތަކުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގައި ރޭ އެ ސަރަހައްދުން ޓީޝާޓެއް ފެނިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އެއީ އެތަނުން ކުއްޖަކު ލައިގެން ހުރި ޓީޝާޓެއް ކަމަށެވެ. އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ދެ ކުދިން ގެއްލުނު ކަމުގެ ރިޕޯޓް އިއްޔެ ހެނދުނު ކުރުމާ އެކު އެމްއެންޑީއެފުން ހުއްޓުމެއް ނެތި ކަނޑާއި ވައިގެ ސަރަހައްދު ބަލަމުންދާ ކަމަށާއި އެ ގޮތުން މިހާތަނަށް ތިން ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ހަރަކާތްތެރި ވަނީ އެމްއެންޑީއެފްގެ 'ކުރަނގި' ހެލިކޮޕްޓަރެވެ. އަދި ކަނޑުގެ ސާފޭސް އޭރިއާ ކޯސްޓް ގާޑުގެ ލޯންޗަކުން ބަލަމުންދާ އިރު އެމްއެންޑީއެފްގެ ޑައިވަރުން އަންނަނީ ކަނޑުގެ އަޑި ވެސް ބަލަމުން ކަމަށް އާޒިމް ވިދާޅުވި އެވެ.

ދެ ކުދިން ހޯދުމުގައި ހިތަދޫގެ އަމިއްލަ ފަރާތްތަކުން ވެސް ބައިވެރިވަމުން އަންނަ އިރު މިއަދު ވަނީ އެ ރަށުގެ ޑައިވަރުންގެ ޓީމުތަކަކުން ކަނޑުގެ އަޑިބެލުމަށް ނިކުމެފަ އެވެ.

ގެއްލިގެން ހޯދަމުން ދަނީ 15 އަހަރު އަދި 17 އަހަރުގެ ދެ ކުދިންނެވެ. އެ ދެ ކުދިންނަކީ ވެސް ހިތަދު އަށް ނިސްބަތްވާ، ފަތަން ދަންނަ ދެކުދިންނެވެ.

comment ކޮމެންޓް