ރ. މަޑުއްވަރިއަށް އުދައަރައި ގެއްލުންތަކެއް ލިބިއްޖެ

ރ. މަޑުއްވަރިއަށް އުދަ އަރަނީ-- ފޮޓޯ: މަޑުއްވަރީ ކައުންސިލް

ރ. މަޑުއްވަރިއަށް އުދައަރައި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މަޑުއްވަރީ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު އަޝްހަދު "ސަން" އަށް ވިދާޅުވީ މިއަދު އެރަށަށް އުދަ އަރަން ފެށީ މެންދުރު ދޭއް ޖެހި އިރު ކަމަށާއި މިހާރު ވެސް ކުޑަކޮށް ދޭތެރޭ ދޭތެރެއިން އުދަ އަރަމުންދާ ކަމަށެވެ.

އަޝްހަދު ވިދާޅުވީ އުދައެރުމުގެ ސަބަބުން އެ ރަށުގެ ސިނާއީ ސަރަހައްދާއި އަދި މަސްކައްކާ ސަރަހައްދަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އުދައިގެ ސަބަބުން އެ ރަށުގެ ސިނާއީ ސަރަހައްދުގެ ބޭރު ތޮށިން ބައެއް ހަލާކު ވެސް ވެފައިވާ ކަމަށެވެ.

މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދަ އަރާކަމުގެ ރިޕޯޓްތައް ދަނީ ލިބެމުން ކަމަށާއި ރައްޔިތުން ސަމާލުވެ ތިބުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ސެންޓަރުގެ ޑިރެކްޓަރު ސޮފިނާޒް ހަސަން މިރޭ "ސަން" އަށް ވިދާޅުވީ މިއަދުގެ މިހާތަނަށް ވަރަށް ގިނަ ރަށްރަށުން އުދަ އަރާކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށާއި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

comment ކޮމެންޓް