މެޗު ނިމެން ދަނިކޮށް، އައްޒާމް ޖެހި ލަނޑުން ޔޫވީ އަތުން ޓީސީއަށް މޮޅެއް

ޔޫވީއާ ދެކޮޅަށް ކުޅުނު މާލޭ ލީގު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީސީގެ އައްޒާމް: ޓީސީން ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައްޒާމް --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗު ނިމެން ދަނިކޮށް، މުހައްމަދު އައްޒާމް ކާމިޔާބުކޮށްދިން ލަނޑުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީ އަތުން ޓީސީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ ގުޅިގެން ކުޅުނު ހަތް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޓީސީ ޖެހިލި އިރު، އެއްވަނައިގައި އޮތް ނިއުއަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ހަ މެޗު ކުޅުނު ނިއު ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ޓީސީ އަތުން މިއަދު ބަލިވި ޔޫވީ އޮތީ ކުޅުނު ހަތް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.

މާލޭ ލީގުގައި ޓީސީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ޓީސީންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ) ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.

އެ ލަނޑަށްފަހު ވެސް ފުރަތަމަ ހާފުގައި ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޓީސީގެ އައްޒާމާއި ސައްޓުއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އަހްމަދު ރިލްވާން ނަގައިދިން ހުރަހަކުން އައްޒާމް ބޮލުން ފޮނުވާލި ހަމަލާއާއި ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސައްޓު ފޮނުވާލި ހަމަލާވެސް ޔޫވީގެ ކީޕަރު ތޮލާލް ހަސަން ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ދެވަނަ ހާފުގައި ލަނޑުޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ޓީސީންނެވެ. މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުތެރޭ އިއްބެ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޓީސީގެ ބިދޭސީ މިޑްފީލްޑަރު ވްލަސިޗޭވް އެނަޓޯލީ ފޮނުވާލި ހަމަލާ، ކީޕަރު ތޮލާލް ވަނީ ދިފާއުކޮށްފައެވެ.

މާލޭ ލީގުގައި ޓީސީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީސީ މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

ޔޫވީން ކުޅުން ރަނގަޅުކޮށް، މެޗުގެ 70 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޔޫވީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ސެމިއުލް ކޯޑެލް ޑެވޯންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުމާއެކު ޓީސީގެ ގޯލުގެ ތިރީ ކަނަށް އޭނާ ވަނީ ބޯޅަ ފޮނުވާލައިފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އައްޒާމް ވަނީ ޓީސީއަށް އަލުން ލީޑު ހޯދައިދީފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޓީސީއަށް އައްޒާމް ލީޑު ހޯދައިދިން އިރު، ޔޫވީގެ ޑިފެންޑަރުންގެ ގޯސްތަކެއް ފެނިގެންދިޔައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށްވެސް ހޮވުނީ އައްޒާމެވެ.

މާލޭ ލީގުގައި މިރޭވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ 11 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ކްލަބު އީގަލްސްއާއި 10 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މާޒިޔާއަކީ މާލޭ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

comment ކޮމެންޓް