ލޯކަލް މުބާރާތަކުން ބަލިނުވެ 22 މެޗު ހަމަކުރި ނިއު، ވިކްޓަރީގެ އަތްދަށުވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ވިކްޓަރީ މީގެކުރިން ވާދަކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިކްޓަރީން ނިއުގެ މައްޗަށް ކުރިހޯދީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ ނަތީޖާއާއެކު ވިކްޓަރީން ވަނީ ޑޮމެސްޓިކް މެޗަކުން ބަލިނުވެ ނިއު ދަމަހައްޓަމުން އަންނަ ރެކޯޑަށްވެސް ނިމުން ގެނުވާފައެވެ. ރާއްޖޭ ޓީމެއް އަތުން ނިއު އެންމެފަހުން ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުންނެވެ. ނިއުއިން ވަނީ ލޯކަލް 22 މެޗު ބަލިނުވެ ހަމަކޮށްފައެވެ.

ވިކްޓަރީއާއި ނިއު ރޭޑިއަންޓަކީ ދިވެހި ފުޓުބޯޅައިގައި އެންމެ ވާދަވެރި ދެ ކްލަބެވެ. ހާއްސަކޮށް ތާރީހީ ގޮތުންވެސް އެންމެ ބޮޑު ވާދަވެރިންގެ ގޮތުގައި ދިވެހި ފުޓުބޯޅައިގައި ނަގާ ކިޔާނެ ދެ ނަމެވެ.

ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ވިކްޓަރީ ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ އިރު، ފަހުގެ ތާރީހެއްގައި ވިކްޓަރީއަށް ނިއު ބަލިކުރެވިފައެއް ނުވެއެވެ.

މިރޭގެ މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޑޮމިނޭޓްކޮށް ކުޅުނީ ނިއުއިންނެވެ. ނިއުއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ވިކްޓަރީގެ ޑިފެންސުން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މެޗުގެ ކުރީ ކޮޅުގައި ނިއުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާއި އަލީ ފާސިރު (ސެންޓޭ)ގެ ދެ ހަމަލާއެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ 33 ވަނަ މިނެޓުގައި ވިކްޓަރީ ވަނީ ލީޑު ނަގައިފައެވެ.

ވިކްޓަރީގެ ހަންގޭރީ ފޯވަޑް ސައިމަން ތިބޯ އެ ގޯލް ޖެހީ ހަނި އޭންގަލްއަކުން ބާރު ބޯޅައެއް ނިއުގެ ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ.

ސައިމަންގެ ގޯލަށްފަހުވެސް މެޗު ޑޮމިނޭޓްކޮށް ކުޅެމުން ދިޔައީ ނިއުއިންނެވެ. ވިކްޓަރީ ފެނިގެން ދިޔައީ ވަރަށް ބޮޑަށް ޑިފެންސް ކޮށްގެން ކުޅުނު ތަނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ވިކްޓަރީގެ ކަނާތް ފަޅިން އޭރިއާ ތެރެއަށް ވަދެ ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ ވިކްޓަރީގެެ ޑިފެންޑަރު އަހުމަދު ޝާފިއު (ޝާފީ) ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ޖެހުނީ ގޯލްގެ އަރިމަތީ ދަނޑީގައެވެ.

ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ވިކްޓަރީ ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފެއްދީ ނިއުއިންނެވެ.

ނިއުއިން އެޓޭކް ކުރަން ވަރަށް ބޮޑަށް ކުރިއަށް ޖެހުމުގެ ނަތީޖާއަކަށް ވީ ވިކްޓަރީން ކައުންޓާ އެޓޭކް ކުރަން ފެށުމެވެ. ހާއްސަކޮށް މެޗުގެ ފަހު ހާފްގައި ނިއުއިން ޑިފެންސް ކުރަމުންދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ.

ނިއުއިން ކުރިއަށް ޖެހުމުގެ ބޭނުން ހިފައި، ލިބުނު ކައުންޓާ އެޓޭކް ބޯޅައިގައި އަހުމަދު ނާޝިދު (ނާއްޓޭ) ވިކްޓަރީއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ބޯޅާއެކު ވިކްޓަރީ ހާފް ތެރެއިން ދުވަން ފެށި ނާއްޓޭ، ނިއުގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލީ ކީޕަރު އިމްރާން މުހައްމަދު (އިންމަ) ވެސް ނައްޓާލުމަށްފަހުގައެވެ.

ވިކްޓަރީގެ ދެވަނަ ގޯލަށްފަހުވެސް އެޓޭކް ކުރީ ނިއުއެވެ. ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒު ނުވެ ދިޔަ އިރު، ސެންޓޭގެ ހިލޭ ޖެހުމުގެ ހުރަހަކަށްވީ ވިކްޓާރީގެ ކީޕަރު މުހައްމަދު އިމްރާނެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ނިއުގެ ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް އަބްރާހީމް އަތީގެވެ. ގޯލަށް ފަހުވެސް އޭނާއަށް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ. އަތީގަށް ފަހުން ލިބުނު ހުސް ފުރުސަތުގެ ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރެވެ.

މިރޭގެ މެޗުން މޮޅުވެ ވިކްޓަރީ ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ހަތް މެޗުން 12 ޕޮއިންޓާއެކު ވިކްޓަރީ ދެވަނައިގައި އޮތީ ތިން ވަނައިގައި އޮތް ކްލަބު އީގަލްސްއާއި ހަތަރު ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަދި ފަސް ވަނައިގައި އޮތް ޓީސީއަށް ވުރެ މެޗެއް އިތުރަށް ކުޅެގެންނެވެ. މެޗުން ބަލިވި ނަމަވެސް ހަ މެޗުން 13 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއުއެވެ.

މާލޭ ލީގުގެ ކުޅުން މާދަމާވެސް އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި ވާދަކުރާނީ ޓީސީއާއި ޔުނައިޓެޑް ވިކްޓާރީއެވެ. މާދަމާ ރޭގެ މެޗުގައި ވާދަކުރާނީ މާޒިޔާއާއި އީގަލްސްއެވެ.

comment ކޮމެންޓް