އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށްވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

އައްޑޫ ސިޓީ ފޭދޫއަށް މިއަދު ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުން ފެން ހިއްކުމުގައި ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/ މީސް މީޑިއާ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ އަދި ފުއްވަމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި އެ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އިއްޔެ ޔެލޯ އެލާޓް ނެރުނު އައްޑޫ ސިޓީއަށް މިއަދު ކުރި ވިއްސާރައިގައި އެސިޓީގައި އެންމެ ބޮޑަށް ފެންބޮޑުވީ ފޭދޫ ސަރަހައްދުގައެވެ.

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލް މެމްބަރު އަލީ ފަހްމީ އަހުމަދު މިރޭ ވިދާޅުވީ، ފޭދޫ އަކީ އާންމުކޮށް ފެން ބޮޑުވާ ސަރަހަދެއް ކަމަށާއި އެގޮތުން މިއަދު ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަރަހައްދުގެ ހުޅަނގު ފަރާތުގެ މެދު ތެރެއާއި އިރުމަތީ ފަރާތުގެ މެދު ތެރޭގެ މަގުތަކުގައި ގާތްގަނޑަކަށް ދެ ފޫޓާއި ތިން ފޫޓަށް ފެންބޮޑުވި ކަމަށެވެ.

ފޭދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދާން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.

އައްޑޫ ސިޓީ ފޭދޫއަށް މިއަދު ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުން ފެން ހިއްކުމުގައި ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ/ މީސް މީޑިއާ

ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ފޭދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ ގިނަ ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ވައުދާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ފޭދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން ސިފައިން ހަރަކާތްތެރިވާއިރު، ފުވައްމުލަކު ސިތީގައި ވެސް ފެން ބޮޑުވުމާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން، ފުވައްމުލަކު ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް މޫދަށް ކާނުކޮނުމުގެ މަސައްކަތުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފެނުގެ އަސަރުކުރި ބައެއް ގޭގެއަށް ފެން ވަނުން ހުއްޓުވުމަށް ވެލި ބަސްތާ ޖެހުމުގައި ވެސް ސިފައިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް