އެފްއޭއެމްގެ ދެވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގައި ކްލަބު ޕީކޭއިން ކުޑަހެންވޭރު ޔުނައިޓެޑް ބަލިކޮށްފިއެވެ.
މާފަންނު ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗު ޕީކޭއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުން ޕީކޭ މޮޅުވުމާއެކު ސިފައިންގެ ކްލަބަށް ވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފައެވެ. މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކުރި ސިފައިންގެ ކްލަބަށް ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބޭ އިރު، މިހާތަނަށް ދެ މެޗު ކުޅެފައިވާ ޕީކޭއާއި ކުޑަ ހެންވޭރަށްވެސް ލިބެނީ ކޮންމެ ޓީމަކަށް ތިން ޕޮއިންޓެވެ. އެ ގްރޫޕްގެ ފުލުގައި އޮތް ބީޖީ ކަޓާފައި ވާއިރު، ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އެބައޮތެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި ޕީކޭއަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ބޯޑު ޕްރިންސެވެ.
ދެވަނަ ހާފަށް ނުކުމެ ހާފްގެ ކުރީކޮޅުގައި ޕީކޭއިން ވަނީ ލީޑު ފުޅާކޮށްފިއެވެ. އެ ގޯލް ޕީކޭއަށް ކާމިޔާބުކޮށްދިނީ ޝިފާޒް އާދިލެވެ.
މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭއެވެ.
ދެވަނަ ގްރޫޕްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގޭންގް އަދި ޒެފްރޯލެވެ.
ދެވަނަ ޑިވިޝަންގެ މެޗެއް ދެން އޮންނާނީ އަންނަ އާދީއްތަ ދުވަހުގައެވެ. އެ މެޗުގައި ވާދަކުރާނީ ގްރޫޕް ދޭއްގެ ދަ ގޭންގާއި މަހިބަދޫ ސްޕޯޓްސް ކްލަބެވެ.