ބަންސާލީ މިފަހަރު ބޭނުމީ ދީޕިކާއެއް ނޫން، އާލިއާ!

އާލިއާ ބަޓް ---

އިންޑިއާގެ ކާމިޔާބު ޅެންވެރިޔާ ސަހީރް ލުދިއާންވީގެ ހަޔާތުގެ މައްޗަށް ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ފިލްމުގެ އަންހެން ލީޑަކަށް އާލިއާ ބަޓް ހަމަޖެއްސުމަށް ބަންސާލީ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެ ފިލްމުގެ ވާހަކަ ދެކެވޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ޚަބަރުތައް ބުނާގޮތުން ފިލްމުގެ ލީޑުން ފެނިގެންދާނީ އެކްޓަރު އަބީޝެކް ބައްޗަން ކަން މިހާރު ޔަގީނާ ގާތަށް ކަށަވަރު ވެއްޖެއެވެ.

ކަށަވަރު ނުވަނީ ފިލްމުގެ އަންހެން ލީޑެވެ. ކުރިން ރިޕޯޓުތައް ބުނިގޮތުން ސަހީރް ލުދިއާންވީގެ އަނބިމީހާ އަމްރިތާ ޕްރިތަމްގެ ރޯލު ހުށަހެޅީ ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަދުކޯންއަށެވެ.

ޕްރިޔަންކާ ފިލްމަށް ނޫނެކޭ ބުނި އިރު، ބަންސާލީއަށް އެންމެ ކަމުދާ އަންހެން ބަތަލާ ދީޕިކާ ވަނީ، އެ ރޯލު އޭނާއަށް ހުށަހަޅައިފައި ނުވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ބަންސާލީގެ ނަޒަރު މިހާރު ހުއްޓިފައި ވަނީ ޒުވާން، ހުނަރުވެރި ބަތަލާ އާލިއާއަށް ކަމަށް ވެއެވެ. ބަންސާލީ ވަނީ އާލިއާއަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ.

ބަންސާލީ ބުނީ އެކްޓަރެއްގެ ގޮތުގައި އާލިއާ ކުރިއަރަމުން އަންނަނީ ހައިރާންވާފަދަ ބާރުމިނެއްގައި ކަމަށާއި، އެ އުމުރުގެ އެހެން އެކްޓަރުންގެ ފަރާތުން ނުފެންނަ ފަދަ ހުށިޔާރު ކަމެއް އާލިއާގެ ފަރާތުން ފެންނަ ކަމަށެވެ.

އަދި އާލިއާއަކީ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އިތުބާރުކުރާ ފަންނާނެއް ކަމަށާއި، ބޮލީވުޑް ދުށް އެންމެ ކާމިޔާބު އެކްޓަރުގެ ލިސްޓުގައި އާލިއާގެ ނަން ހިމެނެން ވަރަށް ކައިރިވެއްޖެ ކަމަށެވެ.

"އެހެންކަމުން އާލިއާއާ އެކު މަސައްކަތް ކޮށްލަން ވަރަށް ބޭނުން،" ބަންސާލީ ބުނެފައި ވެއެވެ.

އާލިއާއަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ބިޒީ އަންހެން ފަންނާނެވެ. އާލިއާ އަންނަނީ މިހާރު ވެސް ތިން ފިލްމެއް ޝޫޓު ކުރަމުންނެވެ. އެއީ "ބްރަހްމާޝްތުރަ"، "ގަލީ ބޯއީ" އަދި "ކަލަންކް"އެވެ. އޭގެ އިތުރުން އޭނާގެ ފިލްމު "ރާޒީ" އަންނަ މެއި މަހު ރިލީޒް ކުރާނެއެވެ.

ސަހީރް އަދި އަމްރިތާގެ ލޯބީގެ ވާހަކައަކީ ގިނަ އަދަދެއްގެ ޅެންތަކުން ފެންނަ ވާހަކައެކެވެ. ބަންސާލީ ބޭނުންވަނީ އެ ލޯބި ސްކްރީނުން ގެނެސްދޭށެވެ.

ބަންސާލީ މިވަގުތު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. އެ ފިލްމަށް މިހާތަނަށް ހަ ބިލިޔަން ރުޕީސްގެ އާމްދަނީއެއް ލިބިފައި ވާއިރު، އެއީ މި އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމެވެ.

comment ކޮމެންޓް