"މާ ސާފު" އަންނަ ހޮނިހިރު ދުވަހު!

އޯގަސްޓް 27، 2016: މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މުވައްޒަފުން ވިލިމާލެއިން ކުނި ނަގައި ސާފުކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އަދި ވިލިމާލެ ސާފުކުރުމަށް "މާ ސާފު" ގެ ނަމުގައި ބޮޑު ޕްރޮގްރާމެެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހުއެވެ.

މިއަދު އިންޑަސްޓްރިއަލް ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މާލެ އަދި ވިލިމާލެ ސާފު ތަނެއްގައި ބޭއްވުމަށް އެ މިނިސްޓްރީއާ ވެމްކޯ އަދި ހައުސިން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ ހޮނިހިތުދުވަހު ބޮޑު ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެއް ދުވަހުގެ އެ ޕްރޮގްރާމްގައި ބައިވެރިވާނީ ދައުލަތުގެ އެކިއެކި މުވައްސަސާތަކުން ކަމަށާއި ސާފުކުރުން ފެށިގެންދާނީ ހެނދުނު ސަޔާ އެކު ކަމަށެވެ.

"އެ ސާފުކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ ވެމްކޯއިން މާލެ ތެރެ ކުނިކެހުމާއި ކުނި ނެގުމުގައި ހަވާލުވާއިރު ތަންކޮޅެއް ރަނގަޅު ސާފުވުމަކުން ފައްޓައިފިކަމަށްވާނަމަ ދެން ކުރިއަށްދާއިރު ވެމްކޯއަށްވެސް ފަސޭހަވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ މިހާރުވެސް އެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިހާރުވެސް 3000 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވާން ނަންނޯޓްކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ކުރަމުންދިޔަ މާލޭގެ ކުނިކެހުމާއި ކުނި ނެގުން ވެމްކޯ ހަވާލުކޮށްފައިވަނީ މިއަދުއެވެ. ރަސްމީކޮށް އެ މަސައްކަތް އެ ކުންފުނިން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކުރިއަށްދާ "މާ ސާފު" ޕްރޮގްރާމަށް ފަހުއެވެ.

comment ކޮމެންޓް