ހައުސިން މިނިސްޓްރީން ކުރަމުންދިޔަ މާލޭގެ ކުނިކެހުމާއި ކުނި ނެގުން ވެމްކޯއާ ހަވާލުކޮށްފި

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިން މިނިސްޓްރީން ކުރަމުންދިޔަ މާލޭގެ ކުނިކެހުމާއި ކުނި ނެގުން ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ހަވާލުކޮށްފިއެވެ.

މިއަދު މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވަނީ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެނަވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ. އަދި ވެމްކޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝިފާއުއެވެ.

އެ އެއްބަސްވުމުގައި ވާގޮތުން މާލޭގެ އެކި ސަރަހައްދަށް ޖަމާވާ ކުނި ދެން ނަގާނީ ވެމްކޯއިންނެވެ. އޭގެތެރޭގައި މަގުމައްޗާއި ހައުސިން މިނިސްޓްރީން ބަލަހައްޓަމުންދާ ފިނި މައިޒާންތައްވެސް ހިމެނެއެވެ.

އެ ރައްސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސަރުކާރުން މިގެނައި ބަދަލާއެކު މިހާރަށް ވުރެ ހަރުދަނާކޮށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ގަބޫލުކުރެވޭ ކަަމަށެވެ. އަދި ވެމްކޯއިން މިހާރުވެސް މާލޭ ސަރަހައްދުގެ ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ކުރަމުންދާތީ ކުންޏާ ގުޅޭ ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށަށް ގެނައުމުން ފަސޭހަވެގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެންވާރަމެންޓް މިނިސްޓަރު ތޯރިގް ވިދާޅުވީ އަލަށް ގެނައި ބަދަލާ އެކު މާލޭގެ ވޭސްޓް މެނޭޖްމަންޓް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށާއި ސަރުކާރުން ކުރާ މިފަދަ ކަންކަމާ އެއްވަރަށް އާންމުންވެސް ފަރުދީ ޒިންމާ ނަގަން ޖެހޭ ކަމަށެވެ.

ދެމެހެއްޓެނިވި ގޮތުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމަށް ވެމްކޯ އިން ކުރަމުންދާ މަަސައްކަތްތަކުގެ ދަށުން މާލެ އަދި ވިލިމާލޭގެ މަގުތައް ސާފުކުރުމުގެ ވަޒީފާތައް އެކުންފުނިން ވަނީ މީގެ ކުރިން ހުޅުވާލާފައެވެ. އަދި މިހާރުވަނީ ގިނަ އަދަދެއްގެ ބަޔަކު އެ ވަޒީފާތަކަށް ނަގާފައެވެ.

comment ކޮމެންޓް