މިންތީގެ ޢަދާލަތު – އިސްލާމީ ނަޒަރަކުން -2

(12 އޭޕްރީލްގެ ޢަދަދާ ގުޅޭ)

އިސްލާމީ ނަޒަރު

މިންތީގެ ޢަދާލަތާބެހޭ ގޮތުންވެސް އިސްލާމްދީނުގައިވަނީ އެދީނުގެ ޚާއްސަ ތަޞައްވުރެކެވެ. އިސްލާމީ ތަޞައްވުރުގައި ޢަދުލުވެރިވުމަކީ ނުވަތަ ޢަދާލަތަކީ ފިރިހެނުންކުރާކޮންމެ ކަމެއް އަންހެނުންނަށްވެސް ކުރެވޭނެ ކަމަށް ވަކާލާތު ކުރުމެއްނޫނެވެ. ހަމަ ކޮންމެ ކަމެއްގައި ދެޖިންސު އެއްވަރު ކަމަށް ދައުވާ ކުރުމެއްނޫނެވެ. އިންސާނެއްގެ ހަޔާތުގެ އަސާސީ ހުރިހާ ކަމެއްގައި އަދުލުވެރިކަމުގެ ޙަޤީޤީމާނައިގައި އަދުލުވެރިކަން ޤާއިމުކުރުމެވެ. ތިރީގައިމިފާހަގަކުރާ ނުކުތާތަކަކީ މިމައްސަލައިގައި އިސްލާމީފިކުރު އޮތްގޮތް ޝަރަޙަކޮށްދޭ ނުކުތާ ތަކެކެވެ.

  1. އިސްލާމްދީން ދެކޭގޮތުގައި އަންހެނުންނާއި، ފިރިހެނުންނަކީ އިއްޒަތާއި އިޙްތިރާމް ލިބުމުގައި ހަމަހަމަބައެކެވެ. އިންސާނީ ކަރާމަތާއި ޝަރަފާއި ދަރަޖަ މިންތީގެ ބިންގަލުގެމަތީގައި ތަފާތުކުރެވިގެންނުވާނެއެވެ. އަރަހުށިމާތް ﷲ ވަހީކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާދަމުގެދަރީން މާތްކުރެއްވީމެވެ." (އަލްއިސްރާއު:70)

މިކީރިތި އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ ބަނީއާދަމަ ("އާދަމުގެ ދަރީން") މިލަފުޒެވެ. އެބަސްފުޅުގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ.

އަރަހުށިމާތް ﷲ ސޫރަތުލް ޙުޖްރާތުގައި ވަޙީކުރައްވައިފައިވެއެވެ.

" އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި ހައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށްލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފު ވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ." (އަލްޙުޖުރާތު:13)

  1. ޢަމަލުކުރުމާއި ޢަމަލުތަކުގެ ދަރުމަލިބުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަޤު ކުރައްވައިފައެއް ނުވެއެވެ. އަންހެނަކަށްވިޔަސް ނުވަތަ ފިރިހެނަކަށްވިޔަސް އެމީހަކު މިދުނިޔޭގައި ކުރިކޮންމެ ޢަމަލަކަށް އާޚިރަތުގައި ހަމަހަމަ ދަރުމަލިބޭނެއެވެ. ފަރަޤެއްނެތިއެވެ. އާލު ޢިމްރާނު ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ.

" ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނުންކުރެ ނުވަތަ އަންހެނުންކުރެ ޢަމަލުކުރާ މީހެއްގެ ޢަމަލު ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާހުށީމެވެ. ތިޔަބައިމީހުންކުރެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ކިބައިންނެވެ." (އާލުޢިމްރާނު:195)

އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

" ހަމަކަށަވަރުން މުސްލިމު ފިރިހެނުންނާއި، މުސްލިމު އަންހެނުންނާއި، މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި ޞަދަޤާތްދޭ ފިރިހެނުންނާއި، ޞަދަޤާތްދޭ އަންހެނުންނާއި ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ ފަރުޖުތައް (އެބަހީ:ޖިންސީގުނަންތައް) ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ ފަރުޖު ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރާ ފިރިހެނުންނާއި، ޒިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."

  1. އިޖްތިމާއީ ހަޔާތުގައި އަންހެނުންނާއި ފިރިހެނުންނަށް ލިބިގެންވަނީ ހަމަހަމަ ޙައްޤުތަކެކެވެ. ފުރާނަ އެޅުއްވި ކޮންމެ ފަރާތަކަށްމެވަނީ ދިރިހުރުމުގެ ޙައްޤު ލިބިގެންނެވެ. އަރަހުށި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "އަދި ފަޤީރުވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރީން ނުމަރާށެވެ! އެކުދީންނަށާއި އަދި ތިޔަބައިމީހުންނަށް ރިޒުޤުދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ހަމަކަށަވަރުން އެ ދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ." (އަލްއިސްރާއު:31)

ހަމައެކަނި މިއެއް ނޫނެވެ. މައިންގެ ރަޙިމުގައި އުފެދި ބޮޑުވަމުން އަންނަ ކުދީން މަރައިލުންވެސް އެއީ ހުއްދަކަމެއްނޫނެވެ. އެކުއްޖަކީ އަންހެން ކުއްޖަކަށް ވިޔަސް ނުވަތަ ފިރިހެން ކުއްޖަކަށްވިޔަސްވެހެވެ. ޖާހިލިއްޔަ ޒަމާނުގައި އަރަބީންގެ ބައެއް ޤަބީލާ ތަކުން އަންހެން ކުއްޖަކު ދުނިޔެ އުފަން ވުމާއެކު އެކުއްޖާ ދިރިއޮއްވައި ވަޅުލައެވެ. އިސްލާމްދީން އެކަންވަރަށް ވަރުގަދަޔަށް މަނާކުރިއެވެ. ޤިޔާމަތްދުވަހުން އެކަމުގެ ބަދަލުހިއްޕަވާނެއެވެ. ކީރިތިޤުރްއާނުގައި އެކަމަށް އިޝާރާތްކުރައްވައި ވަޙީކުރައްވައިފައިވެއެވެ.

"އަދި ދިރިއޮއްވައި ވަޅުލެވުނު އަންހެން ދަރީންނާ ސުވާލުކުރެއްވޭ ހިނދެވެ. އެނާ މަރައިލީ ކޮންކުށެއްގެ ސަބަބުންހެއްޔެވެ؟" (އައްތަކްވީރު:9-8)

އިސްލާމްދީން އަމުރުކުރަނީ އަންހެންކުދީންވެސް ފިރިހެންކުދީންވެސް ހެޔޮގޮތުގައި ގެންގުޅެ ބޮޑުކޮށް ރިވެތިގޮތުގައި ތަރްބިޔަތުކުރުމަށެވެ. އެކުދީންނަށް ތައުލީމާއި ތަރުބިޔަތުދިނުމަށެވެ. މިގޮތުން ކުދީންބަލައި ބޮޑުކުރުމާއި ތައުލީމާއި ތަރުބިޔަތު ދިނުމުގައި އަންހެއްކުދީންނާއި ފިރިހެންކުދީން ތަފާތު ކުރުންވަނީ ނަހީކޮށްފައެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރުޝާދުދެއްވައިފައިވެއެވެ.

"އެމީހަކަށް އަންހެންދަރިޔަކު ލިބުމުން އެކުއްޖާ ދިރިއޮއްވައި ވަޅުނުލައި އޭނައަށް ނިކަމެތިކޮށް ނުހިތައި ތިމާގެ ފިރިހެންދަރީންނަށް އެކުއްޖާގެ މައްޗަށް ތަރުޖީހު ނުދީ ގެންގުޅެ ބޮޑުކޮށް ތަރްބިއްޔަތުކޮށްފިމީހަކު ސުވަރުގެ ވަންނާނެއެވެ." (އަބޫދާއޫދު، އަހްމަދު)

  1. އިސްލާމްދީން ވަނީ އަންހެނުންނަށް މަސައްކަތްކުރުމުގެ ފުރިހަމަ މިނިވަންކަންދީފައެވެ. އިސްލާމީ މުޖުތަމައުގައި އަންހެނަކަށް މަސައްކަތްކުރެވިދާނެ ދާއިރާތައް ވަރަށް ގިނައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ޑޮކްޓަރީކަމާއި ނަރުސްކަމާއި ޓީޗަރުކަމާއި ޤާނޫނީ ދާއިރާއާއި މިފަދަ އެތައްކަމެކެވެ. ޝަރްއީ ޙުދޫދުގެ ދާއިރާގައި ތިބެ އަންހެނުންނަށް ވަޒީފާ އަދާކުރެވިދާނެއެވެ. ސިޔާސީ ހަރަކާތްތަކާއި ޤާނޫނު ހަދާ މަޖްލިސްގައިވެސް ބައިވެރިވެވިދާނެއެވެ. ވިޔަފާރިވެސް ކުރެވިދާނެއެވެ. ތިމާގެ ރައުސްމާލު ވުނަ ކުރެވިދާނެއެވެ. މިގޮތުން އަންހެނުން ހޯދާ ރައުސްމާލާއި، މުއްސަނދިކަމުގެ މިލްކުވެރިކަމުގެ ފުރިހަމަ ޙައްޤު އެމީހުންނަށް ވަނީ ލިބިފައެވެ. އެކަނބަލުންގެ ރުހިޤަބޫލުގައި ހުއްދަދީގެން މެނުވީ އެކަކަށްވެސް އެމުދާ އަތުލައެއް ނުގަނެވޭނެއެވެ.
  2. ޒަވާޖީ ހަޔާތުގެ ދާއިރާގައިވެސް އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި އަދުލުވެރިކަން ޤާއިމުކުރުމަށް ފުރިހަމަޔަށް ޚިޔާލުކޮށްފައެވެ. ދެފަރާތުގެ ޙައްޤުތައް ސަރީހުކޮށް ބަޔާންކޮށްދީފައެވެ. ކާވެނީގެ ގޮށްޖެހެވުމުގައި އީޖާބާއި ޤަބޫލަކީ ލާޒިމުކަމެކެވެ. ބާލިޣުވެފައިވާ އަންހެން ކުއްޖެއްގެ ރުހުމާނުލައެއް އެއްވެސް ފަރާތަކާ އޭނާގެ ކާވެނި ޢަޤްދެއް ނުކުރެވޭނެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރައްވައިފައިވެއެވެ.

"އަންހެންކުދީންގެ ކާވެނި ކުރުވާއިރު އެކުދީންގެ އިޒްނަ ހޯދާންވާނެއެވެ. (އޭނާގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމުން ހަނުހުރެއްޖެނަމަ އޭނާ ރުހޭ ކަމެއްކަމުގައި ބެލެވިދާނެއެވެ.) އޭނާ އިންކާރުކޮށްފިނަމަ އޭނާގެ ރުހުމާނުލައި އޭނާގެ ކާވެނިކޮށްދިނުން ހުއްދައެއްނޫނެވެ." (އަބޫދާއޫދު)

ރަސޫލާﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެއްފަހަރަކު އަންހެންކުއްޖެއް އައިސް ޝަކުވާކުރިއެވެ. "އަޅުގަނޑުގެ ބައްޕަވަނީ ބައްޕައަށް ބޮޑުބޭބެކިޔާ މީހަކާ އަޅުގަނޑުގެ ކާވެނި ކުރުއްވަން ނިންމަވައިފައެވެ. އަޅުގަނޑުގެ ރުހުމަކާ ނުލައެވެ." އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކުއްޖާގެ ބައްޕަ ބަލައިފޮނުއްވައިގެން ގެންނެވިއެވެ. އެކުއްޖާގެ ބައްޕަގެގާތުގައި ސަރީޙު ބަސްފުޅުން ވިދާޅުވިއެވެ. އަންހެންކުއްޖާގެ ރުހުމާނުލައި އޭނާގެ ކާވެނިކުރުވުމަކީ ހުއްދަކަމެއްނޫނެވެ." (ނަސާއީ، އިބްނު މާޖާ)

ކޮންމެވެސް ސަބަބަކާހުރެ ކާވެނީގެ ގުޅުން އޮމާން ސުލްޙަވެރި ގުޅުމަކަށްނުވެ ދެމަފިރީންގެ މެދުގައި އަރާރުމާއި ދެބަސްވުން އުފެދެމުންދާނަމަ އިސްލާމްދީންވަނީ ދެމީހުންގެ މެދުގައި ޖެހެވިފައިވާ ކާވެނީގެ ގޮށް މޮހައިލައި ވަކިވުމުގެ ދޮރުހުޅުވައިދީފައެވެ. އެކަމުގެ އިޚްތިޔާރު ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށްވެސް ވަނީ ލިބިދީފައެވެ. ފިރިމީހާ ކާވެނީގެ ގޮށްމޮހައިލާން ބޭނުން ކަމުގައިވާނަމަ އޭނާއަށް ވަރިކުރުމުގެ އިޚްތިޔާރުދެއެވެ. އަނބިމީހާ ފިރިމިހާއާ އެކުއުޅޭން ބޭނުންނުވެގެން ކާވެނީގެ ގުޅުން ނިމުމަކަށް ގެންނާން އެދޭނަމަ ޚަލްޢުގެ ޒަރީއާއިން އޭނާއަށް މިނިވަންކަން ހޯދިދާނެއެވެ. މިފަދަ ހާލަތެއްގައި ފިރިމީހާ އަނބިމީހާއަށްއަށްދިން ކީރަން އަނބުރައިއަތުލަން ފިރިމީހާއަށް އެދެވިދާނެއެވެ. އަނބިމީހާ ޚަލްޢު ހޯދާން އެދޭނަމަ ފިރިމީހާއަށްޖެހެނީ އޭނާ ވަރިކޮށްދޭށެވެ. ފިރިމީހާ އެގޮތްޤަބޫލު ނުކޮށްފިނަމަ ކޯޓުމެދުވެރި އަނބިމީހާއަށް އޭނާގެ ކާވެނި ރޫޅުވިދާނެއެވެ.

(ނުނިމޭ)

comment ކޮމެންޓް