ދައުލަތަށް ލޮޅުމެއް އަރާނަމަ ފުލުހުންގެ ވާޖިބު އަދާކޮށް ގައުމަށް އަމާންކަން ކަށަވަރުކޮށްދޭނަން: ނަވާޒު

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޑީސީޕީ އަބްދުﷲ ނަވާޒް ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ޕޮލިސް މީޑިއާ

ދައުލަތަށް ލޮޅުމެއް އަރާނަމަ ގާނޫނުގެ އެހީގައި ފުލުހުންގެ ވާޖިބު އަދާކޮށް، ގައުމަށް އަމާންކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަވާޒު ވިދާޅުވީ، ދިވެހި ފުލުހަކަށް ވުމުން އެންމެ މުހިއްމުވާނީ ދިވެހި ގައުމު ކަމަށެވެ.

"ކޮންމެ ފުލުހަލީ ދިވެހި ފުލުހެއް. ދިވެހި ފުލުހަކަށްވުމުން އެންމެ މުހިއްމުވާނީ ދިވެހި ގައުމު. ދިވެހި ރައްޔިތުންގެ ސަލާމަތް. މިއަދާ މާދަމާ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ގާނޫނު ލާޒިމުކުރާ އަމާންކަން،" ނަވާޒު ވިދާޅުވިއެވެ.

ނަވާޒު ވިދާޅުވީ "ކޮންމެ ރައްޔިތެއްގެ ރައްކާތެރިކަމާ ގައުމުގެ ސިޔާދަތު ދިފާއު ކުރުމަށް ގާނޫނާއި ގަވައިދުތައް ނިޔާކުރާގޮތަށް، ތެދުވެރިކަމާއި ކެތްތެރިކަމާއެކު" މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ގައުމުގައި އުމްރާނީ މަސައްކަތްތައް އިތުރުވަމުންދާއިރު ފުލުހުންގެ ދައުރު ފުޅާކޮށް ހަރުދަނާކުރަންޖެހޭ ކަމަށް ވެސް ފުލުހުންގެ މުއައްސަސާ ހިންގުން ހަވާލުކުރައްވާފައިވާ އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ނަވާޒު ކުރެއްވި އިލްތިމާސަކީ ފުލުހުންގެ ފަރާތުން ދެރަކަމެއް ވެއްޖެނަމަ އެކަން ފުލުހުންގެއިދާރާއަށް އަންގައިދިނުމަށް ކުރެއްވި އިލްތިމާސް އެވެ. އެކަން ހުށަހެޅުމުން އަޑުއަހާ، އިސްލާހުކޮށް ރަނގަޅު ކުރާނެ ކަމަށް ނަވާޒު ވިދާޅުވިއެވެ.

ގައުމުގެ ސިޔާދަތާއި އަމާންކަން ނެގެހެއްޓުމަށް ފުލުހުން ދެމިތިބޭނެކަމުގެ ޔަގީންކަން އެކްޓިން ޕޮލިސްކޮމިޝަނަރު ވަނީ ދައުލަތަށާއި ރަައްޔިތުންނަށް ތަކުރާރުކޮށް އަރުވައިފައެވެ.

comment ކޮމެންޓް