ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް އަމާޒުކޮށްގެން ހޮޓެލިއަރ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމްގެ ތިންވަނަ ފޯރަމް މިއަދު ފަށައިފިއެވެ.
އެއްދުވަހުގެ މުއްދަތަށް ބާއްވާ އެ ފޯރަމް ކުރިއަށްދާނީ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.
ހޮޓަލިއަރ މޯލްޑިވްސްއިން ބުނީ، މިފަހަރުގެ ޖީއެމް ފޯރަމްގައި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށްވުރެ ގިނަ ކުންފުނިތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ކަމަށެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓްގައި އެއްދުވަހަށް ކުރިޔަށްދާ އެ ފޯރަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާއާ ބެހޭގޮތުން މަޝްވާރާކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ހޮޓެލިއާއިން ބުންޏެވެ.

ހޮޓެލިއާ މޯސްޑިވްސްގެ ޖީއެމް ފޯރަމްގެ ތެރެއިން --- ފޮޓޯ/ ހޮޓެލިއާ
މި ފަހަރުގެ ފޯރަމްގައި ކީ ނޯޓް ސްޕީކާޒްގެ ގޮތުގައި ހަމަޖެހިފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ މުހިއްމު މަޤާމުތަކެއް ފުރުއްވާފައިވާ، މިހާރު ސޮލަރެއްލެ އިންޝުއަރަންސް ކުންފުނީގެ ޗެއަރމަން އިބްރާހިމް ސަލީމްއާއި ލަގްޒަރީ އޭޝިއާ ޕެސިފިކް ރީޖަންގެ ވައިސް ޕްރެޒިޑެންޓް ޑެނިއަލް ވެލްކް އެވެ.
ފޯރަމް ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވަނީ، 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިގެން އައިސް މިހާރު އެސިނާއަތް ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ.

ހޮޓެލިއާ މޯސްޑިވްސްގެ ޖީއެމް ފޯރަމްގެ ތެރެއިން --- ފޮޓޯ/ ހޮޓެލިއާ
ސަލީމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަރައި ތަރައްގީވެ ކާމިޔާބުތަކެއް ހޯދައިފަވާ ކަމަށެވެ.
"އޭރު ކޮޓަރިއެއް ވިއްކީ ރެއަކަށް 15 ޑޮލަރަށް، އެކަމަކު މިހާރު އެންމެ ދަށްވެގެން ރިސޯޓަކުން ކޮޓަރިއެއް ލިބެނީ 200 އެއްހާ ޑޮލަރަށް. ފިނި މޫސުމުގައި އޭރު ރެއަކަށް ގާތްގަނޑަކަށް 75 ޑޮލަރަށް ކޮޓަރިއެއް ވިއްކާފައި އެބަހުރި،" ސަލީމް ވިދާޅުވިއެވެ.
އެ ފޯރަމްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ތައުރީފްކޮށް ޑެނިލް ވިދާޅުވީ، ރާއްޖެއަކީ މަތީ ފެންވަރުގެ ރިސޯޓުތައް ހިމެނޭ ވަރަށް އަގުހުރި މަންޒިލެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރަތަމަ އިންވެސްޓްކުރި އިންޓަނޭޝަނަލް ބްރޭންޑަށް ވެނުނީތީ ފަހުރުވެރިވާ ކަމަށެވެ.

ހޮޓެލިއާ މޯސްޑިވްސްގެ ޖީއެމް ފޯރަމްގެ ތެރެއިން --- ފޮޓޯ/ ހޮޓެލިއާ
ޑެނިލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހިލްޓަންއިންވެސް ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައި ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެ ބެރޭންޑްގެ ރިސޯޓްތަށް ރާއްޖޭގައި ހުޅުވާ އެ ދާއިރާގައި އިންވެސްޓްކުރުމަށް ވިސްނާ ކަމަށެވެ.
ހޮޓެލިއާއިން ބާއްވާ ޖީއެމް ފޯރަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އެންމެ އިސްވެރިންގެ މެދުގައި ބާއްވާ މިފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ޓޫރިޒަމް ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނަގާ ޓެކްސްތަކާއި، ޑެސްޓިނޭޝަން މާކެޓްކުރުމާއި، ހޮޓާތަކަށް ފައިދާ ހޯދާނެ އިތުރު ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ޕެނަލް ޑިސްކަޝަންތަކާއި ޕްރެޒެންޓޭޝަންތައް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.