ކަކުލުގެ ސާޖަރީއާއެކު އަގުއޭރޯއަށް ސީޒަން ނިމިއްޖެ

ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ--

މެންޗެސްޓާ ސިޓީގެ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން "ކީ ހޯލް" ސާޖަރީއެއް ހަދައިފައިވާ އިރު، އެއް މެސް ދުވަހަށް އޭނާ ކުޅުމާ ދުރަށްދާން ޖެހިއްޖެއެވެ.

އަގުއޭރޯއަކީ ސިޓީގެ ތާރީހުގައިވެސް އެޓީމަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ސިޓީއަށް 199 ގޯލް ޖަހައިދީފައެވެ. އަދި މި ސީޒަންގައިވެސް އަގުއޭރޯ ވަނީ 30 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

އަގުއޭރޯ ކަކުލުގެ ކުޑަ ސާޖަރިއެއް ހަދައިފައިވާ ކަމަށް އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައިވެސް ޔަގީން ކޮށްދީފައިވާ އިރު، އޭނާ ބުނެފައި ވަނީ އަނިޔާއިން ސަލާމަތްވެ އަލުން ދަނޑަށް ނުކުންނަށް ތައްޔާރަށް ހުރި ކަމަށެވެ.

އުމުރުން 29 އަހަރުގެ އަގުއޭރޯގެ ކަކުލަށް އަނިޔާވީ މީގެ ކުރިން ފަސް ހަފްތާ ކުރިންނެވެ. އެ އަނިޔާއިން ރިކަވާ ވެ އޭނާ އެނބުރި ކުޅުމަށް އައި ނަމަވެސް އެންމެފަހުން ސިޓީ ކުޅުނު ލީގު މެޗުގައިވެސް އަގުއޭރޯ ފެނިފައެއް ނެތެވެ.

ސިޓީން މިދިޔަ ހަފްތާއިން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަގުއޭރޯ އަނިޔާއިން ސަލާމަތްވާނެ ދުވަހެއް ނޭނގޭ ކަމަށާއި، ވޯލްޑް ކަޕަށްވެސް އޭނާ ފިޓްވާނެކަން ނޭނގޭ ކަމަށެވެ.

އެހެން ނަމަވެސް "ކީހޯލް ސާޖަރީ"އެއް ހެދުމާއެކު އަގުއޭރޯ ވޯލްޑް ކަޕަށް ފިޓްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

comment ކޮމެންޓް