ލީގުގައި ބަލިނުވެ ބާސާއިން އަނެއްކާ ވެސް ރެކޯޑެއް

ބާސާއިން ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިހާތަނަށް މި ސީޒަންގައި ބާސެލޯނާއިން ކުޅުނު 33 މެޗުން ވެސް ބަލިވެފައި ނުވާ އިރު، ބާސާއިން އަނެއްކާވެސް ބޮޑު ރެކޯޑެއް މުގުރާލައިފި އެވެ.

ބާސާއިން ރޭ ސެލްޓާ ވީގޯއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، މެޗުގައި ބާސާގެ ފުރަތަމަ 11 ފެނުނީ މުހިއްމު ކުޅުންތެރިން ނުހިމަނަ އެވެ.

އަންނަ ހަފްތާގައި ކޮޕް ޑެލްރޭ ފައިނަލްގައި ބާސާއިން ސެވިއްޔާއާ ދެކޮޅަށް ނުކުންނަ އިރު، ރޭގެ މެޗަށް ބާސަ ނުކުތީ އެޓީމުގެ ތަރި ލިއޮނަލް މެސީގެ އިތުރުން ޑިފެންޑަރު ޖެރާޑް ޕީކޭއާއި ސަމިއުލް އުމިޓީޓީ އަދި މިޑްފީލްޑަރު އެންދްރޭސް އިނިއެސްޓާއާއި އީވަން ރެކެޓިޗްވެސް ނުލަ އެވެ.

ރޭގެ މެޗުގައި ބާސާގެ ސާޖިއޯ ރޮބާޓޯއަށް ރެފްރީ ވަނީ ރަތް ކާޑުވެސް ދައްކައިފަ އެވެ.

މެޗުން އެއްވަރުވެ ބާސާއިން މުގުރާލި ރެކޯޑަކީ މިހާތަނަށް ލަލީގާގެ ތާރީހުގައި ފުރަތަމަ މެޗުން ފެށިގެން ބަލިނުވެ އެންމެ ގިނަ މެޗު ކުޅުނު ޓީމުގެ ރެކޯޑެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ރެއާލް ސޮސިއެދާދު އަތުގަ އެވެ. އެއީ 1979-80 ވަނަ އަހަރުގެ ސީޒަންގައި އެޓީމު ވަނީ ލީގުގެ ފުރަތަމަ މެޗުން ފެށިގެން ބަލިނުވެ 32 މެޗު ހަމަކޮށްފަ އެވެ.

މިދިޔަ ހަފްތާ ތެރޭގައި ވެސް ބާސާއިން ވަނީ ލަލީގާގެ ރެކޯޑެއް މުގުރާލައިފަ އެވެ. މިހާތަނަށް މި ސީޒަންގައި ލީގު މެޗަކުން ބާސާ ބަލިވެފައިނުވާ އިރު، މިދިޔަ ސީޒަނާ އެކު ބާސާ ވަނީ ލީގުގައި ބަލިނުވެ ޖުމްލަ 39 މެޗު ހަމަކޮށްފަ އެވެ. މީގެ ކުރިން އެ ރެކޯޑު ވެސް ކުރިން އޮތީ ރެއާލް ސޮސިއެދާދު އަތުގަ އެވެ. އަދި 1978-79 އަދި 1979-1980 ސީޒަންގައި ސޮސިއެދާދު ވަނީ ބަލިނުވެ 38 މެޗު ހަމަކޮށްފަ އެވެ.

ބާސާއަށް އަދި ލީގުގައި ބާކީ ފަސް މެޗު އޮތް އިރު، ބަލިނުވެ ލީގު ނިންމާލަން ކުރިމަތިވާ އެންމެ ބޮޑު ޓެސްޓަކަށް ވާނީ އަންނަ މަހު ހަ ވަނަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް އެޓީމު ނުކުންނަ މެޗެވެ.

ލީގު ތާވަލުގެ އެއްވަނާގައި ބާސާއިން 12 ޕޮއިންޓްގެ ލީޑެއް ދަމަހައްޓަމުން އަންނަ އިރު، ރެއާލްއާ ދެކޮޅަށް ކުޅޭ މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ބާސާ އަތުން ލީގު ގެއްލިގެން ދިއުމަށް އޮތީ ކުޑަ ފުރުސަތެކެވެ.

އެހެން ނަމަވެސް ލީގު މެޗަކުން ބަލިނުވެ މިހާތަނަށް އެއްވެސް ޓީމެއް ލީގު ނަގައިފައި ނުވާ އިރު، ބާސާއިން ބޭނުން ވަނީ އެކަން ކުރަން ކަމަށް ވެސް ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް