ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަަމާ ގުޅޭ ގޮތުން ފުލުހުންނާ މަޝްވަރާކޮށްފި

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ މަޝްވަރާ ކުރަނީ --

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ ބައްދަލުކޮށް، މަޝްވަރާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު ބޭއްވި އެ ބައްދަލުވުމުގައި އިންތިޚާބުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ވޯޓުލާ ބައެއް މަރުކަޒުތަކުގައި މީހުން ގިނަވުމުގެ ސަބަބުން ދިމާވެދާނެ ކަންތައްތައް ހައްލުކުރުމާ ގުޅޭ ގޮތުން ވެސް މިއަދު ވަނީ މަޝްވަރާކޮށްފައި،" އަކުރަމް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ކޮމާންޑަރަކަށް ފުލުހުން ހަމަޖައްސާފައިވާ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދާއި މަތީ ރޭންކުގެ ފުލުހުންތަކެއް ވަނީ ބައިވެރިވެވަފަ އެވެ.

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންްތެރިކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި ފުލުހުން ވެސް ބައިވެރިކޮށް އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމާ ގުޅޭ ގޮތުން ވެސް މިއަދު މަޝްވަރާކުރި ކަމަށް އަކުރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ މަޝްވަރާ ކުރަނީ --

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހު ހުޅުވާލާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމާ ގުޅޭ ގޮތުން އެ ކޮމިޝަނުން އިއްޔެ ވަނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.

comment ކޮމެންޓް