އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް ދޭއްގައި މަހިބަދޫ ސްޕޯޓްސް ކްލަބާއި ޖޭޖޭ ސްޕޯޓްސް ވާދަކުރި މެޗު ފަސޭހަކަމާއެކު ޖޭޖޭ ސްޕޯޓްސްއިން ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު އެއް ނަންބަރު ޓާފްގައި ކުޅުނު މެޗު ޖޭޖޭ ސްޕޯޓްސްއިން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗުގެ 32 ވަނަ މިނެޓުގައި ޖޭޖޭއަށް ލީޑު ނަގައިދިނީ ހޮލެންޑްގެ ފޯވަޑް ލިއޭންޑްރޯ އެޑްރިއޭލާއެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
ދެވަނަ ހާފަށް ނުކުމެ ޖޭޖޭއިން ކުޅުން ރަނގަޅު ކޮށްފައިވާ އިރު، މެޗުގެ ދެވަނަ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ އަބުރާހީމް ޝިޔާމް (ދޮނާ)އެވެ. ދޮނާއަކީ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކަކުން ފާހަގަ ކޮށްލެވުނު ކުޅުންތެރިއެކެވެ.
ޖޭޖޭގެ ތިންވަނަ ގޯލް، މެޗުގެ 74 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު މުސްލިހު (މުއްޓި)އެވެ. މުއްޓިއަކީވެސް މީގެ ކުރިން ފުރަތަމަ ޑިވިޝަން އަދި ޒުވާން ގައުމީ ޓީމުންވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.
މެޗުގެ ޖޭޖޭން ޖެހި ހަތަރު ވަނަ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުހައްމަދު ލިޔާހު ކާމިޔާބުކޮށްދިން ގޯލެކެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަނަށް ޖޭޖޭ ތައްޔާރުވީ ބޮޑެތި ޓްރާންސްފާތަކަކާ އެކުގައެވެ. އެގޮތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިދިޔަ ސީޒަންގައި ކުޅުނު މިދުހަތު ފަހުމީ (ބިޗަޑު)ގެ އިތުރުން ހަމަ އެ ކްލަބުން ފާހަގަކޮށްލެވުނު އަހުމަދު ނުހާދު (ގުއްޕެ)ވެސް ޖޭޖޭއިން ފާހަގަ ކޮށްލެވުނެވެ. ޖޭޖޭގެ ކެޕްޓަނަކީ ވެލެންސިއާއިން ފާހަގަ ކޮށްލެވުނު އަބްދުލް ރަޝީދު މާހިރު (އަބޫ)އެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން މުބާރާތް، ދެ ގްރޫޕަކަށް ބަހައިލައިގެން ކުރިއަށްދާ އިރު، އިއްޔެގެ މެޗަކީ ގްރޫޕް ދޭއްގައި ކުޅެވުނު ދެވަނަ މެޗެވެ. އެ ގްރޫޕްގެ ފުރަތަމަ މެޗުގައި ކްލަބު ޒެފްރޯލާއި ދަ ގޭންގް ވާދަކުރި މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ދަ ގޭންގެވެ.
އިއްޔެގެ މެޗުގައި މަހިބަދޫ ޓީމުން ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)ވެސް ފާހަގަ ކޮށްލެވުނެވެ. ނިއުއާއި މާޒިޔާ ފަދަ ބޮޑެތި ކްލަބުތަކަކުން ވިދާލި ބޮކުރީ ވަނީ މިދިޔަ އަހަރު ކުރީ ކޮޅުގައި ގައުމީ ޓީމުންވެސް ޖާގަ ހޯދައިފައެވެ. އެހެން ނަމަވެސް މި ސީޒަންގައި އޭނާ ފުރަތަމަ ޑިވިޝަނުން ފެނިފައެއް ނުވެއެވެ.
ދެވަނަ ޑިވިޝަންގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. ވާދަކުރާނީ ގްރޫޕް އެކެއްގެ ބީޖީ ސްޕޯޓްސްއާއި ދިވެހި ސިފައިންގެ ކްލަބެވެ.