ޖުމައްޔިލްއާ ނިމާލްގެ ފިލްމުގެ ޝޫޓިން ރޯދައިގެ ފަހުން!

ނިމާލް އޭނާގެ ދަރިފުޅު ޖުމައްޔިލް އާ އެއްކޮށް ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަނީ--- ފޮޓޯ/ ފޭސްބުކް

ދަރިފުޅުު ޖުމައްޔިލް ނިމާލް (ޖުމަލް)އާ އެކު ފުރަތަމަ ފަހަރަށް އެއްކޮށް ފެނިގެންދާ ފިލްމުގެ ޝޫޓިން ރޯދަމަހަށް ފަހު ފަށާނެ ކަމަށް ކާމިޔާބު ޑައިރެކްޓަރު އަދި އެކްޓަރު މުހައްމަދު ނިމާލް ބުނެފިއެވެ.

އަމިއްލަ ސްކްރިޕްޓަކަށް، އަމިއްލައަށް ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ސްރީލަންކާ އަދި ރާއްޖެތެރޭގެ ރަށެއްގައެވެ.

ނިމާލް "ސަން"އަށް ބުނީ ފިލްމުގެ ބަތަލާއަށް އާ ފަންނާނެއް ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"ބޮޑަށް ވިސްނީ އާ ބަތަލާ އަކަށް. ވަރަށް މަސައްކަތް ކުރާނަން. ރޯދަމަހު ތެރޭގައި ބޮޑަށް އެ މަސައްކަތް ކުރިއަށް ދާނީ،" އޭނާ ބުންޏެވެ.

ވަރުގަދަ ސްކްރިޕްޓަކަށް ތައްޔާރު ކުރާ އެ ފިލްމުގެ ޝޫޓިން ފަށާތާ އެއް މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި އެއަށްފަހު ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ފިލްމުގެ އެހެނިހެން ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށްވެސް ނިމާލް ބުންޏެވެ.

އޭނާ ބުނީ ފިލްމު ސްކްރީނަށް ގެނައުމަށް ވިސްނާފައި އޮތީ އަންނަ އަހަރަށް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލަކަށް ހޮވުނު ޖުމައްޔިލް ފިލްމުން ފެނިގެންދާއިރު ނިމާލް ވެސް ދަރިފުޅާ އެކީ ފިލްމުން ފެނިގެންދާނެއެވެ. އެއާ އެކު މި ފިލްމު ވެގެންދާނީ އެ ދެތަރިން ފުރަތަމަ ފަހަރަށް އެއްކޮށް ފެނިގެންދާނެ ފިލްމަށެވެ.

މިއީ ނިމާލް 2016 ގައި ގެނެސްދިން ފިލްމު "އެ ރެއަށްފަހު" ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމުވެސް މެއެވެ.

"މިއީ ވަރުގަދަ ވާހަކައެއް ކިޔާދޭނެ ފިލްމެއްކަން ޔަގީން،" އޭނާ ބުންޏެވެ.

comment ކޮމެންޓް