ފިލްމީ ދާއިރާއަށް ލުއި ލޯނު ދެނީ

ފިލްމީ ދާއިރާގެ ފަރާތްތަކާ ޕީއެސްއެމް އިން ބައްދަލުކުރަނީ --- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއަރުވަން ލު އިލޯނު ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓްރީއިން ދީފައިވާކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބުނެފިއެވެ.

އޮލިމްޕަސް ހިންގުން ހަވާލުކޮށްފައިވާ ޕީއެސްއެމްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފިލްމީ ދާއިރާއަށް ފަންޑު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު އިއްޔެ މަޝްވަރާ ކުރި ކަމަށެވެ. އަދި ފިލްމީ މަސައްކަތްތަކަށް ލުއި ލޯނު ދޫކުރެވޭނެ އިންތިޒާމުތަމެއް ހަމަޖައްސައިދޭނެކަމުގެ ޔަގީންކަން އެ މިނިސްޓްރީއިން ދިން ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ފިލްމު އިންޑަސްޓްރީއަށް ލުއި ލޯނު ދޫކުރުމާއި ފަންނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ފެށުމަށް ކަނޑައަޅާފައިވާ ކަމަށާއި އެކަން ފަހުން ހާމަކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ޕީއެސްއެމްއިން އޮލިމްޕަސް ހިންގުމާ ހަވާލުވުމަށްފަހު އެ ކުންފުނިން ވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނާއި ބައްދަލުކޮށްފައެވެ.

ފިލްމީ ދާއިރާއަށް ލުއި ލޯނު ދެނީ މިހާރު ފިލްމް ހަދާ މީހުންނަށާއި އަލަށް މިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ މީހުންނަށް ކުރިއަށް ދާން މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށްވެސް ޕީއެސްއެމްއިން ބުނެއެވެ.

comment ކޮމެންޓް