ބޭރުގެ ސޯޝަލް މީޑިއާ އެޕްތައް އިރާންގެ ސްކޫލުތަކުގައި މަނާކޮށްފި

ފޭސްބުކް އަދި މެސެންޖާ އެޕްތައް --

ބޭރު ގައުމުތަކުން ހިންގާ ސޯޝަލް އެޕްތައް އިރާންގެ ސްކޫލްތަކުގައި ބޭނުންކުރުން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީއިން މަނާކޮށްފިއެވެ.

އިރާންގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ އެޕްލިކޭޝަންތަކުގެ ނުފޫޒު އެ ގައުމުގެ ސްކޫލުތަކުގައި ކުޑަކުރުމުގެ ގޮތުން ކަމަށެވެ.

އިރާނުގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް އެޕްލިކޭޝަނަކީ ޓެލެގްރާމެވެ. އެގައުމުގެ 40 މިލިޔަނަށް ވުރެ ގިނަ މީހުން އެ އެޕްލިކޭޝަން ބޭނުންކުރެއެވެ.

ފޭސްބުކްއާއި ޓްވިޓާ ފަދަ އެޕްލިކޭޝަންތައް ބޭނުންކުރުން އިރާނުގައި ވަނީ މަނާކޮށްފައެވެ.

ޓެލެގްރާމް ފަދަ މަގުބޫލު އެޕްތައް އިރާނުގެ ސްކޫލްތަކުގައި ބޭނުންކުރުން މަނާކުރި ނަމަވެސް، ކޮންމެ ރައްޔިތަކަށްވެސް އިރާނުން އުފައްދާފައިވާ އެޕްތައް ބޭނުންކުރެވޭނެކަމަށް އިރާނު ސަރުކާރުން ބުނެއެވެ. އެގޮތުން، އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ އަމިއްލަ އެޕް "ސޮރޯޝް" ބޭނުންކުރެވޭނެ ކަމަށެވެ.

ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) މެދުވެރިކޮށް ފޭސްބުކްއާއި ޓްވިޓާ ފަދަ އެޕްތައް އެގައުމުގައި މީހުން ބޭނުންކުރެއެވެ.

މަސްދަރު: ދަ ނިއު އެރެބް

comment ކޮމެންޓް