ތަރުޖަމާ: އަބްދުﷲ ފާރޫގްޙަސަން
"އަހަރެން ފިކުރާވި އިސްލާމްދީން" މިސިލްސިލާ ކިޔުމަށްފަހު ޣައިރު މުސްލިމުންގެތެރެއިން ބައެއް މީހުންވަނީ އަޅުގަނޑުމެންގެ އަޚް އަބްދުﷲ އަޑްޔާރާ ބައެއް ސުވާލުކޮށްފައެވެ. އަޚް އަބްދުﷲ އަޑުޔާރުވަނީ އެސުވާލުތަކަށް ވެސް ޖަވާބުދެއްވައިފައެވެ. މިސިލްސިލާ ވިދާޅުވާ ބޭފުޅުންގެ ޝައުޤުވެރިކަމަށްޓަކައި މިހައިތަނުންފެށިގެން އަޅުގަނޑު ހުށަހަޅަމުން ގެންދާނީ އެސުވާލުތަކާއި އަބްދުﷲ އަޑްޔާރު އެސުވާލުތަކަށް ދެއްވައިފައިވާ ޖަވާބުތަކެވެ.
މުސްލިމު ދޭދޭޤައުމުތަކުގެ އަރައިރުމާއި އިސްލާމްދީން
ޣައިރު މުސްލިމު އަޚަކު ސުވާލުކޮށްފައިވެއެވެ.
"މިހާރަކަށްއައިސް އަހަރަމެންނަށް ފެންނަމުން މިދަނީ އިސްލާމީޤައުމުތައް އެއްބަޔަކު އަނެއްބަޔެއްގެ ކަރުގައި ހިފާން މަސައްކަތްކުރާތަނެވެ. އެއްބަޔަކު އަނެއްބަޔެއްގެ ކަނދުރާގެ އެންމެ ހިމަނާރު ބުރިކުރާން ވާގިލާތަނެވެ. އެކަމަކު އެޤައުމުތަކުގެ މީހުންނަކީ އިސްލާމްދީން ޤަބޫލުކުރާ މީހުންނެވެ. ކަންމިހެންހުރިއިރު އިސްލާމްދީންދެކެ ފިކުރާވުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟
އަބްދު ﷲ އަޑްޔާރު ޖަވާބު ދެއްވައިފައިވެއެވެ.
"އަހަރެން ޤަބޫލުކުރާ ގޮތުގައި އިޝްޤަކީ ހަމަ އިޝްޤަވެ. އާދެ ފިކުރާވުމަކީ ހަމަ ފިކުރާވުމެވެ. މުސްލިމުން އުޅޭގޮތަކާ އެޝުޢޫރަކާ އެއްވެސް ގުޅުމެއްނެތެވެ. މުސްލިމުންގެ ފަރުވާކުޑަކަމާއި' އެބައިމީހުންގެ ކިބައިގައި ހުންނަ އުނިކަން ފެނިފައެއް އަހަރެން އިސްލާމްދީނަށް ތާރީފުކުރުން ހުއްޓައެއް ނުލާނަމެވެ."
އަދި އެހެންބޭކަލަކު ސުވާލުކޮށްފައިވެއެވެ.
" އަރަބި ޤައުމުތައް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރާތަންފެނުމުން އިސްލާމްދީނާ މެދު އޮންނަ ޔަގީންކަން ނެތިގެނެއް ނުދޭހެއްޔެވެ؟"
އަޚް އަބްދުﷲ އަޑްޔާރު ޖަވާބުދެއްވައިފައިވެއެވެ.
" ބޭރުފުށުން ބަލާއިރު ތިޔަސުވާލަކީ ކޮންމެވެސް މިންވަރެއްގެ ބުރަދަނެއްހުރި ސުވާލެއްކަމަށް ބަޔަކު ދެކެފާނެއެވެ. އެކަމަކު ޙަޤީޤަތަކީ އެޔެއްނޫނެވެ. ކަމަކާމެދު ޔަގީންކަން ގެއްލިގެންދާނީ ވަރަށް ހަރުދަނާ ބިންގަލެއް އޮވެގެންނެވެ. އަޅުގަނޑުމެން ދެކެމުންމިދާ ފަދައިން ޗައިނާ އާއި ވިއެޓްނާމަކީ ކޮމިއުނިސްޓް ދެގައުމެވެ. "ރަތްދިދަ އުފުލާ" ދެބައި މީހުންނެވެ. އެކަމަކުވެސް އެދެބައިމީހުން ހަނގުރާމަކުރެއެވެ. އެކަމާހުރެ އިންޑިޔާގެ ކޮމިއުނިސްޓުންގެ ހިތްތަކުން ކޮމިއުނިޒަމާމެދު ޔަޤީންކަން ނެތިގެން ހިނގައްޖެ ތޯއެވެ؟ ޔަގީނުންވެސް އެކަމެއް އެގޮތަކަށް ނުވެއެވެ. ހަމައެފަދައިން މިސްޓަރ ޗާޗިލާއި ހިޓްލަރާ ދެމީހުންނަކީވެސް ދެކްރިސްޓިޔަނުންނެވެ. އެދެމީހުންގެ ވެރިކަމުގައި އިނގިރޭސިވލާތާއި ޖަރުމަނު ވިލާތާ ދެމެދުވަނީ ވަރަށް މަދުންމެނުވީ ދުނިޔެ ނުދެކޭފަދަ ބިރުވެރި ހަނގުރާމައެއް ހިނގައިފައެވެ. ކްރިސްޓިޔަނުންގެ ހިތްތަކުގައި އެބައިމީހުންގެ ދީނާމެދު އޮންނަ ޔަގީންކަމަށް އެހަނގުރާމައިގެ ސަބަބުން ގުޑުމެއް އެރިތޯއެވެ؟ އެބައިމީހުން ކްރިސްޓިޔަނިޓީން ތައުބާވިތޯއެވެ؟ ހަމަކަށަވަރުންވެސް އެކަމެއްނުވެއެވެ. ހިންދުސްތާނުގެ ތަފާތު ފައްޅިތަކުގެ މެދުގައި އިރުއިރުކޮޅުން އަރައިރުން އުފެދި ކޯޅުންތައް ހިނގައެވެ. އެފައްޅިތަކުގެ ޕުޖާރީން އެކަމާހުރެ އެމީހުންގެ ކަލާނގެތަކާ މެދު ފޫހިވެ އެބައިމީހުންގެ ކަލާނގެތަކަށް އިންކާރުކުރިތޯއެވެ. ދީންޤަބޫލުކުރުން ހުއްޓައިލިތޯއެވެ؟ ފަހަރެއްގައިވެސް އެކަން އެހެންނަކުންނުވެއެވެ.
ބަޔާން މިކުރި ހާދިޘާތަކަކީ ދުނިޔޭގައި ކަންހިނގައިފައިވާ ގޮތްކަމުގައިވާނަމަ ހަމައެކަނި އިސްލާމީ ދޭދޭޤައުމު އެއްބަޔަކު އަނެއްބަޔަކާ ޚިޔާލުތަފާތުވެ ހަނގުރާމަކުރުމުން އިސްލާމްދީނާމެދު ހިތްހަމަނުޖެހުން އުފެދޭންވީ ކީއްވެގެންތޯއެވެ؟
އާދެ އެއީ ހައްތާވެސް ތަފާތު ޤައުމުތަކުގެ އަރައިރުންތަކެވެ. އެކަންކަމަކީ އަޤީދާއާ ނުވަތަ ދީނާ ގުޅުމެއްހުރި ކަންކަމެއް ނޫނެވެ. އެއަރައިރުންތައް މިއަދު އޮވެފައި މާދަމާ ހުއްޓިވެސްދާނެއެވެ. އަނެއްދުވަހަކުން ފެށިވެސްދާނެއެވެ. އެކަމަކު އަޤީދާގެ ޔަޤީންކަން މިއަދުވެސް އެބައޮތެވެ. މާދަމާވެސް އޮންނާނެއެވެ. އެއީ ބަދަލެއް އަންނާނެ ނުވަތަ ގުޑުމެއް އަރާނެކަން ކަމެއްނޫނެވެ.
މިއަދުގެ ދުނިޔޭގައި ކޮމިޔުނިޒަމަށްވަނީ ވަރުގަދަ ބާރެއްގެ ހައިޘިއްޔަތު ލިބިފައެވެ. އެބާރާ ވާދަކުރަނީ ރައުސުމާލިއްޔަތެވެ. އަދި އެހެން ބާރެއްވެސް އެބައޮތެވެ. އާދެ، މިއަދު ދުނިޔޭގައިވާ ތިންވަނަ ބާރަކީ އިސްލާމެވެ. އިސްލާމްދީނުގެ ބާރެވެ. އިސްވެ ދެންނެވި ދެބާރު ފަހުންމިދެންނެވި ބާރުގެ ކުރިމަތީގައި އެންމެފަހުންގޮސް ވަތަކުތޯޖެހޭނެ ކަމީ ކަށަވަރުކަމެކެވެ. ތާރީޚު މުޠާލިއާކުރުމުން ފާޅުވެގެން އަންނަނީ މިޙަޤީޤަތެވެ. މާޒީގެ ތާރީޚުންވެސް މިޒަމާނުގެ ތާރީޚުންވެސް ފެންނަނީ މިޙަޤީޤަތެވެ. މުސްތަޤްބަލުގެ ތާރީޚުންވެސް ފެންނާނީ މިޙަޤީޤަތެވެ.
ދުނިޔޭގެ ހުރިހާ އިސްލާމީ ޤައުމުތަކަކީވެސް ވަރަށް ފަޤީރު ޤައުމުތަކެކެވެ. ނަމަވެސް ދުނިޔެއަށް އަލިކަން ފެތުރިގެންދާނީ އަރަބިކަރައިގެ ސަހަރާއިންނެވެ. އެއީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވައިފައިވާ ނިމުތެކެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނާން މިފެށީ އަރަބިކަރައިގެ އަހްލުވެރީންގެ ފައިތިލަ ދަށުން އެތާނގެ ހިލަބިމުން ޕެޓްރޯލް ކޯދުލާއަރާންފެށިތަނެވެ. އަރަބީން އިސްލާމީ ޢަޤީދާތަކާމެދު އެބައިމީހުންގެ ޔަޤީންކަން އިތުރުކޮށް އެރޮނގުގައި އެބައިމީހުންގެ މަސައްކަތް ދުނިޔެއަށް ދައްކާންފަށައިފިނަމަ މާތްﷲގެ ދީލަތިވަންތަކަމާއި ބަރަކާތް މިދުނިޔޭގައިވެސް ނިހާޔަތެއްނެތް ވަރަށް އެބައިމީހުންނަށް އިތުރު ކުރައްވާނެކަމީ ކަށަވަރުކަމެކެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހަޔާތްޕުޅަކީ ކުޑަވެސް ކިލަނބުކަމެއް ނުވަތަ ހިރަފުސްކޮޅެއް ޖެހިލައިފައިވެސްނެތް ސާފުތާހިރު ހަޔާތްޕުޅެކެވެ. ހަމައެފަދައިން އަލްޚުލަފާއުއްރާޝިދޫންގެ ދާވަނިކޮޅުގައިވެސް އެއްވެސް ކަހަލަ ލަކެއްނެތެވެ. އިސްލާމީ ތާރީޚުގެ ފަހުގެ ދައުރުތަކުގައި ބައެއް ނަވާބުންނާއި ރަސްރަސްކަލުންގެ ފައިތިލަފުޅުވަނީ ކަސިޔާރުވެފައެވެ. އެބޭފުޅުންނަށްވަނީ ކޮންމެވެސްވަރަކަށް ކަތިފިޔަވަޅުފުޅުތައް އެޅުއްވިފައެވެ. ނަމަވެސް އިސްލާމީ އުންމަތް އޮތީ އެއުންމަތުގެ ދީނާއި ޢަޤީދާގައި ސާބިތުވެއެވެ. އެބައިމީހުން އުސޫލުތަކާމެދު ފުރިހަމަ ޔަޤީންކަމުގައެވެ. އިސްލާމީތާރީޚުގެ އެންމެފުރަތަމަ ދައުރުގައި މުސްލިމުން އަދަދުކުރެވުނީ ލައްކައިންނެވެ. ނަމަވެސް މިއަދު އެއަދަދުވަނީ ކުރޯޑުތަކަށް މަތިވެފައެވެ. އެއިން އެނގެނީ މުސްލިމުންނަށާއި، އިސްލާމީ ޤައުމުތަކަށް އެޅޭ ކަތިފިޔަވަޅަކުންވެސް ފަރުވާކުޑަކޮށްލެވޭ ފަރުވާކުޑަކޮށްލެވުމަކުންވެސް އެބައިމީހުންގެ ޢަޤީދާއަށް ގުޑުން އެރުމާމެދު ސުވާލެއްވެސް ނުއުފެދޭކަމެވެ. އެހެނީ އަފުރާދުންނަށް ކުރެވޭ ކުށްތަކަކުން އުސޫލުތައް ބާޠިލެއްނުވާނެއެވެ. ބަލިކައްޓެއްވެސްނުވާނެއެވެ.
ޝައްކަކަށް ވަސްވާހަކަށް ކުޑަވެސް ޖާގައެއްނެތެވެ. ދުނިޔޭގައިވާ ކޮންމެ އޮޅުންބޮޅުމަކާއި ކޮންމެ ހާލިބާލިކަމެއް ނިއުޅައި ހަމަމަގަށް އަޅުވައިލުމުގެ ބާރުވަނީ އިސްލާމްދީނުގައެވެ. ދުނިޔެއަށްކުރިމަތިވެފައިވާ ކޮންމެ މުޞީބަތެއްގެ ފަރުވާ ވަނީ އިސްލާމްދީނުގައެވެ. އިރުގެ ނޫރު ފަނޑުވެއްޖެނަމަ ދުނިޔެއަށް އަލިކަންލިބޭނީ ކޮންދިމާޔަކުންތޯއެވެ؟ ކޯރުތައްހިކި ތަރަވެއްޖެނަމަ ފެންލިބޭނީ ކޮންތަނަކުންތޯއެވެ؟ ހަމައެފަދައިން އިސްލާމްދީން ނާކާމިޔާބުވެ ބަލިކަށިވެއްޖެނަމަ ދުނިޔެއާއި އިންސާނީ ނަޢުއުގެ ވޭނާއި ތުރާތަކަށް ފަރުވާ ލިބޭނީ ކޮންވަސީލަތަކުންތޯއެވެ؟