ގެދޮރު ގަތުމަށް ސީބީއެމްއިން ނަގާ ލޯނުގެ ޑައުންޕޭމެންޓަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދައިފި

ގެދޮރު ގަތުމަށް ސީބީއެމްއިން ނަގާ ލޯނުގެ ޑައުންޕޭމެންޓަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުން -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ގެދޮރު ގަތުމަށް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ހޯމް ލޯނުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާއަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މިކަން ހަމަޖެއްސުމުގެ ގޮތުން މިއަަދު ސީބީއެމްއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު ވަނީ ސޮއިކޮށްފައެވެ. ސީބީއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑިލަން ރާޖްޕަކްސައެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ.

އެ އެއްބަސްވުމުގެ ދަށުން، ގެދޮރު ގަތުމަށް ސީބީއެމް ނަގާ ހޯމް ލޯނަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައި ރައްކާ ކޮށްފައިވާ ފައިސާ ބޭނުން ކުރެވޭނެއެވެ. ލޯނުގެ މުއްދަތުގައި އެ ފައިސާ ޕެންޝަން އޮފީހުގައި ކޮލަޓަރައިޒް (ރަހުނު)ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

ގެދޮރު ގަތުމަށް ސީބީއެމްއިން ނަގާ ލޯނުގެ ޑައުންޕޭމެންޓަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސީބީއެމްގެ ސީއީއޯ ވާހަކަ ދައްކަނީ -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ސީބީއެމްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑިލަން ރާޖްޕަކްސަ ވިދާޅުވީ، ރާއްޖެއަށް ބޮޑެތި ތަރައްގީތަކެއް އައިސް ގިނަ ހައުސިން ޕްރޮޖެކްޓްތަކެއް ނިމެމުން އަންނަ ދުވަސްވަރަކަށްވާތީ، ހައުސިން ސްކީމަށް ވަރަށް ޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ. އަދި މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ހައުސިން ސްކީމަށް ފައިސާ ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިލަން ވިދާޅުވީ، ސީބީއެމްއިން މަސައްކަތް ކުރަނީ ހައުސިން ސްކީމްގެ ކަަންކަން ވީހާވެސް ފަސޭހަ ގޮތަކަށް އާންމުންނަށް ފޯރުކޮށްދެވޭތޯ ކަމަށެވެ. އަދި މިއަދުން ފެށިގެން ގެދޮރު ގަތުމުގެ ކަންކަމަށް، ރިޓަޔަމެންޓް ޕެންޝަން ސޭވިންގްސްގައިވާ ފައިސާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޭނުން ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެންބަރުން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހި ކޮށްދިނުމަށް ޕެންޝަން އޮފީހުން މިފަދަ އެއްބަސްވުމެއް އެކުލަވާލި މިއީ ހަތަރުވަނަ ފަރާތެވެ. މީގެ ކުރިން ބީއެމްއެލް، އިސްލާމިކް ބޭންކް އަދި އެޗްޑީއެފްސީއާއެކު ވެސް ވަނީ މިފަދަ އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން ސްކީމްގެ ފައިސާ ބޭނުންކޮށް މިހާތަނަށް 74 މީހުން ހައުސިން ސްކީމަށް ފައިސާ ނަގާފައި ވާކަމަށްވެސް ޕެންޝަން އޮފީހުން ބުންޏެވެ.

comment ކޮމެންޓް