ޒެފްރޯލް ކައިރިން ދަ ގޭންގަށް ހަނި މޮޅެއް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ކްލަބު ޒެފްރޯލް ކައިރިން ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް) ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ކްލަބު ޒެފްރޯލް ކައިރިން ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް) ހަނި މޮޅެއް ހޯދައިފިއެވެ.

މާފަންނު އެއް ނަންބަރު ޓާފްގައި އިއްޔެ ކުޅުނު މެޗުން ދަ ގޭންގް މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު ނަމަވެސް، އެ ހާފްގައިވެސް ގިނަ ހަމަލާތަކެއް ފެނިފައިވެއެވެ. ހާއްސަކޮށް ދަ ގޭންގްގެ ފަރާތުން ޒެފްރޯލްގެ ގޯލަށް ނުރައްކާ ކުރިކަން ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ގިނަ ހަމަލާތަކެއް އުފެއްދީ ދަ ގޭންގުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 79 ވަނަ މިނެޓުގައި އަބްދުލް މުހައިމިންގެ ގޯލުން ދަ ގޭންގް ވަނީ ލީޑު ނަގައިފައެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ކްލަބު ޒެފްރޯލް ކައިރިން ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް) ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިއަހަރުގެ ދެވަނަ ޑިވިޝަންގައި އަށް ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގްރޫޕް އެކެއް

  • ކުޑަ ހެންވޭރު ޔުނައިޓެޑް
  • ބީޖީ ސްޕޯޓްސް
  • ކްލަބު ޕީކޭ
  • ދިވެހި ސިފައިންގެ ކްލަބު

ގްރޫޕް ދޭއް

  • ކްލަބު ޒެފްރޯލް
  • ޑަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން
  • ޖޭޖޭ ސްޕޯޓްސް ކްލަބު
  • މަހިބަދޫ ސްޕޯޓްސް ކްލަބު

ދެވަނަ ޑިވިޝަންގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރު ދުވަހު ހަވީރުއެވެ. އެ މެޗުގައި ވާދަކުރާނީ ގްރޫޕް ދޭއްގެ ޖޭޖޭ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސްއެވެ.

comment ކޮމެންޓް