އެމެރިކާ އިސްވެ އޮވެ ސީރިއާ އަށް ހަމަލާދޭން ފަށައިފި

އެމެރިކާ އާއި އެ ގައުމުގެ ވާގިވެރިން ކަމަށްވާ އިނގިރޭސިވިލާތާއި ފްރާންސް ގުޅިގެން ސީރިއާ އަށް ހަމަލާދޭން ފަށައިފި އެވެ.

އެމެރިކާ ރައްޔިތުންނާ މުޚާތަބުކުރައްވާ ޓްރަމްޕް މިއަދު ވިދާޅުވީ އެގައުމަށް ވާގިވެރިވާ ގައުމުތަކާ ގުޅިގެން ސީރިއާ އަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ.

"އެމެރިކާގެ އަސްކަރިއްޔާ އަށް މިއަދު އަމުރު ކޮށްފިން ސީރިއާއަށް ހަމަލާތައް ދޭން. ސީރިއާ އިން ކެމިކަލް ހަތިޔާރު ބޭނުން ކުރުން ހުއްޓާލަންދެން މި ހަމަލާތައް ދޭނަން،"

އެމެރިކާ އާ ގުޅިފައިވާ ގައުމުތަކުން ސީރިއާ އަށް ހަމަލާތައް ދޭން ފަށާފައި މިވަނީ އދ.ގެ ކެމިކަލް ހަކަތައާ ބެހޭ ޖަމްއިއްޔާ އިން ދިމިޝްގަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވަނިކޮށެވެ.

ސީރިއާ އަށް ހަމަލާދޭން ފަށާފައިވާކަން ޓްރަމްޕް އިއުލާނުކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭ ވެސް ވަނީ އެ ހަމަލާތައް ދިނުމުގައި އިނގިރޭސިވިލާތުން ބައިވެރިވާކަން ޔަގީންކޮށްދެއްވައިފަ އެވެ. މީގެ އިތުރުން މި ހަމަލާތަކުގައި ފްރާންސްގެ އަސްކަރިއްޔާ އިން ބައިވެރިވާކަން އެގައުމުގެ ބޮޑުވަޒީރު އެމެނުއަލް މެކްރޮން ވެސް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނާ ގޮތުން މި ހަމަލާތައް ދޭން އުޅޭކަން ރަޝިއާ އަށް އަންގައިފައެއް ނުވާނެ އެވެ. މި ހަމަލާތަކާ ގުޅިގެން ރަޝިއާ އިން ބުނީ ރައްދުގައިދޭ ހަމަލާއެއް ފެނިގެން ދިއުމަކީ ނާދިރު ކަމެއް ކަމަށެވެ.

މިއީ އެއްބުރުގެ ހަމަލާތަކެއް ކަމަށާއި ހަމަލާތަކުގެ ބެނުމަކީ ސީރިއާ އަށް އިންޒާރުދިނުން ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް