ލ. އަތޮޅުން 83 ފޮޓޯގްރާފަރުން ތަމްރީނުކޮށްފި

1000 ފޮޓޯގްރާފަރުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ދަށުން ލ އަތޮޅުން ފޮޓޯގްރާފަރުން ތަމްރީންކޮށް ދަސްވެނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން ލ. އަތޮޅުން 83 ފޮޓޯގްރާފަރުން ތަމްރީންކޮށްފިއެވެ.

ފޮޓޯގްރާފަރުން ދަސްވެނިވުމަށް ލ. ފޮނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދަސްވެނިވި ފޮޓޯގްރާފަރުންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

ފޮޓޯގްރާފަރުން ތަމްރީންކުރުމަށް ކުރިއަށްގެންދިޔަ ކޯހުގައި އަމަލީ ބައި ކުރިއަށް ގެންދިޔުމަށް "ނިކޮން 3400"ގެ ޕްރޮފެޝަނަލް ކެމެރާއެއް ވަނީ ދީފައެވެ. ފަހުން ދައްކާގޮތަށް އެ ކެމެރާތައް ދޫކޮށްފައިވަނީ ކޯސް ފުރިހަމަ ކުރުމަށްފަހު އެއް އަހަރު ތެރޭ ކޮންމެ މަހަކު 667 ރުފިޔާ ދައްކާ ގޮތަށެވެ.

1000 ފޮޓޯގްރާފަރުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ ދަށުން ލ. އަތޮޅުގައި ފޮޓޯގްރާފަރުން ތަމްރީންކޮށް ދަސްވެނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމް ވާހަަކަ ދައްކަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ)އިން ވަޒީފާތަކަށް ޒުވާނުން އަހުލުވެރި ކުރުވައި ތަމްރީން ދިނުމުގެ ގޮތުން 1000 ފޮޓޮގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކި ލެވެލްގައި ވަރަށް ގިނަ ފޮޓޯގްރާފަރުން ވަނީ ތަމްރީންކޮށްފައެވެ.

ވަޒީފާގެ ބާޒާރުގައި ވީހާވެސް ގިނައިން ދިވެހިންނަށް ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތްކުރެވޭނީ ހަމައެކަނި ދިވެހިން ކަމަށް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް