Sun Online
ހައްޖުގެ އަޅުކަމުގެ ތެރޭގައި ދެމިހަކު ސެލްފީ ނަގަނީ--ފޮޓޯ: ރޮއިޓާސް
ހައްޖުގެ އަޅުކަމުގެ ތެރޭގައި ދެމިހަކު ސެލްފީ ނަގަނީ--ފޮޓޯ: ރޮއިޓާސް

މިންތީގެ ޢަދާލަތު – އިސްލާމީ ނަޒަރަކުން

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

މިންތީގެ އަދާލަތަކީ މިޒަމާނުގެ ދުނިޔޭގައި ވަރަށް އަޑުހަރުކޮށް އަޑުއުފުލޭ މައިގަނޑުނަމެކެވެ. މިނަޢުރާގެ އަޑުއުފުލުމާމެދު ބެލެވިފައިވަނީ ލަތީފު ޖިންސުގެ މިޢުރާޖު ކަމުގައެވެ. މިހާރަކަށް އައިސް ދަޢުވާކުރެވޭ ގޮތުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކުޑަވެސް ފަރަގެއްނެތެވެ. އަންހެނުންނާއި ފިރިހެނުން ތަފާތު ކަމުގައި ވިސްނުމަކީ ބޯދާކަމެކެވެ. ކުށެކެވެ. ހަޔާތުގެ ހުރިހާ މައިދާންތަކެއްގައިވެސް ފިރިހެނުންނާ އެއްހަމައެއްގައި އަންހެނުން މަސައްކަތްކުރާންޖެހޭނެއެވެ. މަސައްކަތް ކުރެވޭންވެސް ޖެހޭނެއެވެ. ތަޢުލީމުގެ މައިދާނުގައެވެ. ވިޔަފާރިއާއި ވަޒީފާގެ ދާއިރާގައެވެ. ސިއްޙަތާއި ބޭސްފަރުވާގެ ރޮނގުގައެވެ. ސިޔާސީ މައިދާނުގައްޔާއި ސިޔާސަތު ރޭވުމުގެ ދާއިރާގައެވެ. ޚާއްސަކޮށް "އަމުރުކުރުމުގެ" ބާރުލިބިފައިވާ ކޮންމެކަމެއްގައެވެ. މިއިންކޮންމެ ދާއިރާއެއްގައިވެސް ފިރިހެނުންކުރާ ކޮންމެކަމެއްވެސް އަންހެނުންނަށް ކުރެވޭނެއެވެ. އަދުލު ނުވަތަ އަދާލަތުގެ މާނައަކީ ކޮންމެކަމެއްގައިވެސް އެއްހަމަވުމާއި އެއްވަރުވުން ކަމުގައި ބެލެވޭ ކަހަލައެވެ. ނަމަވެސް އަމަލީގޮތުން އަންހެނުންގެ ވައްސަލައިގެ ޙަޤީޤަތް އޮތީކީ އެގޮތަކަށެއްނޫނެވެ. އަންހެނުންނަކަށް ފިރިހެނުންގެ މަޤާމެއް ލިބިފައެއްނެތެވެ. އެހެންކަމުން އަންހެނުން އެދަރަޖަޔަށް އުފުލަންވަނީ މަޝްރޫޢުތަކެއް ރޭވިފައެވެ. އެކަމަށްޓަކައި ތަފާތު އެކިއެކި ތަދުބީރު ކުރެވެމުން އެބަދެއެވެ. ހިތްވަރު ދިނުމާއި އެހީތެރިވެދީ އަތްބާރުއަޅައިދިނުމުގެ ތަފާތު ވަސީލަތްތައްވަނީ ތަޖްރިބާ ކުރެވިފައެވެ. އދ މަޖިލީހުގައިވެސް "ޔޫ.އެން. ވޮމެން" ގެ ނަމުގައި ޚާއްޞަ އިދާރާއެއްވަނީ އުފައްދައިފައެވެ. އެއިދާރާގެ މަޤްސަދަކީ މުޅި ދުނިޔޭގައިވެސް އަންހެނުންނާއި ފިރިހެނުންނާ ދެމެދުގައި ހަމަހަމަކަން ޤާއިމުކުރުމެވެ. އެކަމަށް ބާރުއަޅައި މަސައްކަތްކުރުމެވެ.

މިދެންނެވި މަސައްކަތްތަކުން ނިކުންނަމުންދަނީ ކޮން ކޮންނަތީޖާތަކެއްތޯ ބަލައި އެކަންކަން ދެނެގަތުމަށްޓަކައިވެސް ހިނދުން ހިނދަށް ސާވޭ ކުރެވެމުންދެއެވެ. ރިޕޯޓްތައް ޝާއިޢުކުރެވެއެވެ. ނަމަވެސް އެސާވޭތަކާއި ރިޕޯޓްތަކުން އެނގެނީ މަންޒިލް އޮތީ އަދިވެސް ވަރަށް ދުރުގައިކަމެވެ. މީލާދީން 2014 ގައި ވޯލްޑް އިކްނޮމިކް ފޯރަމުންވަނީ މިންތީގެހަމަހަމަކަމާ ބެހޭ ރިޕޯޓެއް ޝާއިޢުކޮށްފައެވެ. ތައުލީމާއި، ވިޔަފާރިއާއި، ސިއްޙަތާއި ސިޔާސީ ބާރުވެރިކަން އަސާސަކަށް ބަލައިގެންނެވެ. އެރިޕޯޓުގައި ދުނިޔޭގެ 142 ޤައުމެއް ދަރަޖަކޮށްފައިވެސްވެއެވެ. އެލިސްޓުގައި ދިވެހިރާއްޖެއޮތީ 105ވަނައިގައެވެ. އިންޑިޔާ 114 ގައެވެ. ޕާކިސްތާނު 141 ގައެވެ. 142 ގައި އޮތީ ޔަމަނެވެ.

ހުޅަނގު ދުނިޔެ

އެންމެ ޝައުގުވެރިވާ ކަމަކީ މިންތީގެ ހަމަހަމަކަމުގެ ދިދަ އުފުލާކަމަށް ދަޢުވާކުރާ އަދި އެރޮނގުން އެންމެ ހަރު އަޑުން އަޑުއުފުލާ ގައުމުތަކުގައި އެތައްކަމެއްގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަމެއްނެތްކަމެވެ. އެމެރިކާގެ ނޭޝަނަލް އޮގަނައިޒޭޝަން ފޯރ ވިމެންގެ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ރިޕޯޓްގައިވާ ގޮތުން އެމެރިކާގައި ފިރިހެނުންނާ އެއްމަސައްކަތެއްކުރާ އަންހެނުނަށް ލިބޭ މުސާރަ ތެއްތިރީސް އިންސައްތަ ކުޑައެވެ. އިނގިރޭސިވިލާތުގެ ޗާޓަޑް މެނެޖްމެންޓް އިންސްޓިޓިއުޓުން 2011 ވަނަ އަހަރުގެ އޯގަސްޓުގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ. އިނގިރޭސިވިލާތުގެ އިދާރީ ހިންގުމުގެ މަޤާމުތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ލިބެނީ ފިރިހެނުންނަށްވުރެ ދިހަހާސް ޕައުންޑް ކުޑަ މުސާރައެކެވެ. އިނގިރޭސިވިލާތުގެ މަޝްހޫރު ގާޑިޔަންނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތުގައި ކޮންމެ އަހަރަކު ތިރީސްހާސް އަންހެނުން ވަޒީފާއިން ވަކިކުރެއެވެ. މާބަނޑުވުމާ ގުޅިގެންނެވެ. މާބަނޑުއަންހެނުންނަކީ ބޭކާރު މީހުން ތަކެއްކަމުގައި ކުންފުނިތަކުގެ ވެރީންނަށް ފެނިގެން ވަޒީފާއިން ވަކިކުރަނީއެވެ. ގާޑިޔަންގެ އެހެން ރިޕޯޓެއްގައިވާގޮތުން އިނގިރޭސިވިލާތުގެ އެންމެ ބޮޑެތި ކުންފުނިތަކުގައި އަންހެނުންގެ ހިއްސާގެ އަދަދަކީ ސުމެކެވެ. "ޑިލައިޓް" އެވެކިޔާ އިދާރާއަކުން ކުރި ސާވޭއަކުން އެނގުނު ގޮތުގައި FTSE100 ގެ ވިހިއިންސައްތަ ކުންފުނީގެ ބޯޑުގައި އަންހެން ޑައިރެކްޓަރަކުނެތެވެ. ހިންގުމާބެހޭ މަޤާމުތަކުގައި ތިބީ މުޅިއެކު ފަހެއް އިންސައްތަ އަންހެނުންނެވެ. ދުނިޔޭގެ ފެންވަރުގައިވެސް އަންހެނުންނަށްދަނީ ގެވެށިއަނިޔާއާ ކުރިމަތިވަމުންނެވެ. ޚާއްޞަކޮށް އެމެރިކާއާއި އިނގިރޭސިވިލާތުގައި ކޮންމެއަންހެނަކީވެސް ހަޔާތުގެ ކޮންމެވެސް މަރްހަލާއެއްގައި ކޮންމެވެސް ކަހަލަ އަނިޔާއެއް ތަޙައްމަލު ކުރާން ޖެހިފައިވާ މީހެކެވެ. ޖިންސީގޯނާއެވެ. ނުވަތަ ޖިސްމާނީ އަނިޔާއެވެ. ނުވަތަ ފުރައްސާރައާއި ޖެއްސުންކޮށް ގަނާ ކުރުންފަދަ ކަންކަމުގެ ސަބަބުން ލިބޭ ނަފުސާނީ އަނިޔާއެވެ. އަދި ކީއްތޯއެވެ؟ ކުޑަވެސް ރަހުމެއްނެތި އަންހެނުން ގަތުލުކުރެވޭ ނިސްބަތްވެސް ވަރަށް މައްޗެވެ. މިކަންކަމާބެހޭގޮތުން ކުރެވޭ ދިރާސާތަކުގައި ހާމަކުރެވޭ އަދަދުތަކަކީވެސް ޙަޤީޤަތުގައި ކަންއޮތްގޮތް ހާމަކޮށްދެވޭ އަދަދު ތަކެއްނޫނެވެ. އެދިރާސާތަކުގައި ހާމަކުރެވެނީ ހިނގާ ޙާދިޘާތަކުގެ ބައިކުޅަބަޔެކެވެ. އެހެނީ އެކިއެކި ހުރަސްތަކާހުރެ އެތައްއެތައް ޙާދިޘާތަކެއް އޮންނަނީ ވަންހަނާ ކުރެވިފައެވެ. ޙަޤީޤަތް ފޮރުވައިލެވިފައެވެ.

މުޅިދުނިޔޭގައިވެސް ޖިންސީ ވިޔަފާރި ނުވަތަ "ސެކްސް އިންޑަސްޓްރީ" ހިނގަމުންދަނީ ނުޙައްޤުން އަންހެނުންގެ ބޭނުންހިފައިގެންނެވެ. ގާޑިޔަންގައި ޝާއިޢުކުރި ރިޕޯޓްގައިވާގޮތުން އިނގިރޭސިވިލާތުގައި އަހަރަކު ހަތަރުހާހަށްވުރެ ގިނަ އަންހެނުން ހަށިވިއްކުމުގެ މަސައްކަތަށް އަލަށް ނެރެވެއެވެ. އޭގެ ތެރެއިން އައްޑިހަ ހަތަރެއް އިންސައްތަ އަންހެނުންނަކީ ބޭރުޤައުމުތަކުން ގެނެވޭމީހުންނެވެ. ގަނެވިއްކުމުގެ ޒަރީޢާއިންނެވެ. ޖިންސީ އުފާލިބިގަތުމަށްޓަކައި އަންހެނުން ގަތުމާމެދު ފިރިހެނުން ދެކެނީ "ބާޒާރުކޮށްލުމެއް" ކަމުގައެވެ. އެމީހުންގެ ނަޒަރުގައި އަންހެނަކު ގަނެލުމަކީ އޯޑަރަށް ޕިއްޒާއެއްގެނައުންހައި ފަސޭހަކަމެކެވެ.

އަންހެނުންގެ އިޙްސާސުތައް

ހުޅަނގުގެ މިންތީއަދާލަތުގެ ތަސައްވުރު މިހާރުވަނީ އިރުމަތީގެ ޤައުމުތަކަށްވެސް އެތެރެކުރެވިފައެވެ. އިރުމަތީގެ ޤައުމުތައްވެސް މިހާރުގެންދަނީ އެ އަވާމެންދުރުގެ ފަހަތުން ކަޑަބޮއްޖަހައިފައި ދުވަމުންނެވެ. ދެލޯމަރައިލައިގެންތިބެ ހުރިހާ މައިދާންތަކަކަށް އަންހެނުންނެރެ އިޝްތިހާރު ކުރަމުންނެވެ. އަންހެނުންނާއި ފިރިހެނުން ހުރިހާގޮތަކުން ހަމަހަމަ ކުރުމަށް ފޯރިއާއެކުދަނީ މަސައްކަތްކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިރުމަތީގައިވެސްވަނީ ދުނިޔަވީ ލައްޒަތަށް ހެއްލުމާއި އާވާރާކަމާއި، އަންހެނުންގެ އިއްޒަތާއި ކަރާމަތް ވެއްޔާމޮޑުން އާއްމުވެފައެވެ. ޖިންސީގޯނާތަކާއި، ކުޑަކުދީންގެ އިއްފަތްފޭރުމާއި، އާއިލީނިޒާމު ރޫޅުމާއި، ވަރިގިނަވުމާއި، ކާވެނިނުކުރާ މަންމައިންގެ މައްސަލަތައް އަންނަނީ ނިހާޔަތަށް އިތުރުވަމުންނެވެ. ބެލެނިވެރިކަމުން މަޙްރޫމްވެފައިވާ ތުއްތު ކުދީންގެ މައްސަލައިގެ ގޮތުގައި އާއްމުވަމުންނެވެ. އަނެއްކޮޅުން ހުޅަނގުގެ އަންހެނުން މިހާރު ގެންދަނީ ގޭގެ ރައްކާތެރި ހަތަރުފާރުގެ ތެރެޔަށް އެނބުރި އަންނަން އަތްފައި ހޫރަމުންނެވެ. އިސްވެ މިދެންނެވި މައްސަލަތަކާހުރެ ގޮތްހުސްވެގެންނެވެ. އިނގިރޭސިވިލާތުގެ Top Sante މަޖައްލާއިން މީގެ ކުޑަދުވަސްކޮޅެއް ކުރީން ވަނީ ސާވޭ ރިޕޯޓެއް ޝާއިޢުކޮށްފައެވެ. ވަޒީފާ އަދާކުރާ އަންހެނުންގެ ތެރެއިން ނުވަދިހަ ހަތަރެއް އިންސައްތަ އަންހެނުން އެސާވޭގައި ބުނެފައިވާ ގޮތުގައި އެބައިމީހުން މިހާރުގެންދަނީ "ކެއްސަމުން ލޯގަނޑު އުކައިލަމުން" ނެވެ. އަނތްބެއްގެ މަސްއޫލިއްޔަތާއި، މައިވަންތަކަމުގެ ޒިންމާއާއި ވަޒީފާގެ ވާޖިބު އެއްފަހަރާ އަދާކުރާން ޖެހުމުގެ ސަބަބުން އެމީހުން ވަނީ ލޮޑުވެފައެވެ. މަތިނޭވާލެވިފައެވެ. ފިކުރުބޮޑުވެ ގޮތްހުސްވެފައެވެ. މަޖައްލާގެ އެޑިޓަރ މިކަންބަޔާންކޮށްފައިވަނީ އިނގިރޭސިވިލާތާއި، ސްކޮޓްލޭންޑާއި، ވޭލްސާއި އުތުރުއަޔަރލޭންޑުގެ އަންހެން މުވައްޒަފުންގެ ތެރެއިން ފަސްހާސްމީހުންގެ ބަސްދީގަތުން ހޯދުމަށްފަހުގައެވެ. އޭނާ ގެ ހޯދުމުގެ ނަތީޖާ ހުށައަޅައިފައިވަނީ މިދަންނަވާގޮތަށެވެ.

It is Time for Superwoman to put in her box

"ސުޕަވޮމަނުން އެނބުރިގެޔަށް ގޮސް އެމީހުންގެ އަސްލު ޒިންމާއާ ހަވާލުވުމުގެ ވަގުތު އަތުވެއްޖެއެވެ."

ސާވޭގައި ބުނެފައިވާގޮތުގައި ސްޕަވޮމަނުންގެ މިރޯލުމޮޑެލަކީ އާއްމު އަންހެނުންނާ ކުފޫހަމަވާ މޮޑެލެއްނޫނެވެ. މި މޮޑެލާ އަރައިއަރަފޯދެނީ ގޭގެ މަސައްކަތުގައި އަތްބާރު އަޅައިދީ ކުދީންބަލައިދޭނެ އާޔާއިންނާއި ގޭތެރެ ކުނިކަހައި ސާފުކޮށްދޭނެ ޚާދިމާއިންގެ ފައުޖު ފައުޖު ގެންގުޅެވޭ ވަރުގެ ފޯރުންތެރީންނަށެވެ. މިސާވޭގައި ޚިޔާލުފާޅުކޮށްފައިވާ އަންހެނުންގެ ތެރެއިން އައްޑިހަ އިންސައްތަ އަންހެނުން ބުނެފައިވާގޮތުގައި މަންމަޔާއި، ބައްޕަޔާ ދެމީހުން ބޭރުގައި ވަޒީފާ އަދާކުރުމަކީ ދަރީން ބިކަވެ ކާވެނިތައް ރޫޅުމުގެ އަސްލު ސަބަބެވެ. އަންހެނުން ވަޒީފާ އަދާކުރުމަކީ އަނބީންނާއި ފިރީންގެ ގުޅުން ހީނަރުވުމުގެ ސަބަބެވެ. އެހެނީ ވަޒީފާއަދާކުރާ ގިނަ އަންހެނުންނަށް ޤަބޫލުކުރެވޭގޮތުގައި އެބައިމީހުންގެ ފިރީން މަސްއޫލިއްޔަތު އުފުލަނީ މާކުޑަކޮށެވެ. އެމީހުންނަށް ނެގޭނެ ވަރަކަށް ޒިންމާއެއް ނުނަގައެވެ.

ހުއްޓައިނުލައި މަސައްކަތްކުރާން ޖެހުމުގެ ސަބަބުން އަންހެނުންގެ ސިއްޙަތަށް ދަނީ އެކަމުގެ ނުރަނގަޅު އަސަރު ފޯރަމުންނެވެ. ތަފާތު ބަލިބަލީގެ ސިކާރަތަކަކަށް ވަމުންނެވެ. ސާވޭގައި ބުނެފައިވާ ގޮތުގައި މައީޝީ މަޖްބޫރީތަކާއި ފިއްތުންތައް ނެތްނަމަ ސާޅީސް ނުވައެއް އިންސައްތަ އަންހެނުން ބޭނުންވަނީ އަރާމުކުރާށެވެ. ބައްތިރީސް އިންސައްތަ އަންހެނުން ޚިޔާރުކުރާނީ ގެވެހިކަމެވެ. ވަޒީފާގައި ދެމިތިބޭން ބޭނުންވަނީ ވިހިއިންސައްތަ އަންހެނުންނެވެ.

(ނުނިމޭ)

infinity loading...
×
DB released 01.