ލަންކާގެ ބޮޑުވަޒީރުގެ އިތުބާުރު ނެތް ކަމަށް ވޯޓު ދެއްވި 16 މިނިސްޓަރަކު އިސްތިއުފާ ދެއްވައިފި

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހުގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ޕާލިމެންޓުގައި ނެގި ވޯޓުން ރަނިލް ވަނީ ސަލާމަތްވެފައި -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (އޭޕްރިލް 12): ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތް ކަމަށް މިދިޔަ ހަފްތާގައި ވޯޓު ދިން 16 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިއްޔެ އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރޭގައި ހިމެނެނީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އަށް ނިސްބަތްވާ ހަ ކެބިނެޓު މިނިސްޓަރަކާއި ފަސް ސްޓޭޓް މިނިސްޓަރަކާއި ހަތަރު ޑެޕިއުޓީ މިނިސްޓަރަކާއި ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސެވެ.

އެމިނިސްޓަރުން އިސްތިއުފާ ދެއްވީ ރަނިލްއާ ދެކޮޅަށް ވޯޓު ދެއްވި މިނިސްޓަރުންނާ އެކު ސަރުކާރު ނުހިންގޭނެ ކަމަށް ބުނެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އިން ރައީސް ސިރިސޭނާއަށް ޝަކުވާ ހުށަހެޅި ފަހުންނެވެ. ބޮޑުވަޒީރު ރަނިލް އިސްކޮށް ހުންނަވާ ޔޫއެންޕީއަކީ ލަންކާގެ ގުޅިފައިވާ ސަރުކާރުގައި އިސްކޮށް އޮންނަ ޕާޓީ އެވެ.

ސްޓޭޓް މިނިސްޓަރު ލަކްޝްމަން ޔަޕާ އަބޭވަރުދަން ވިދާޅުވި ގޮތުގައި ރައީސް ސިރިސޭނާ ވަނީ އެ 16 މިނިސްޓަރުންނާ ބައްދަލުކުރައްވައި އެބޭފުޅުންނަށް އިސްތިއުފާ ދެއްވުމަށް ހުއްދަ ދެއްވައިފަ އެވެ. އަދި އެމިނިސްޓަރުން ވަނީ އިސްތިއުފާގެ ސިޓީ ރައީސަށް އަރުވައިފަ އެވެ.

އެސްއެލްއެފްޕީން ވަނީ އެޕާޓީގެ މިނިސްޓަރުން އިސްތިއުފާ ދެއްވި ނަމަވެސް ރައީސް ސިރިސޭނާއަށް ތާއިދު ކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ލަންކާ ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ބޮޑުވަޒީރު ރަނިލް ސަލާމަތްވެވަޑައިގެންނެވީ 122 ވޯޓުންނެވެ. އޭނާގެ އިތުބާރު ނެތް ކަމަށް ވޯޓުދެއްވީ 76 މެމްބަރުންނެވެ. އަދި 26 މެމްބަރަކު ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެވޯޓާ ގުޅިގެން ސިރިސޭނާ ވަނީ ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. (ކޮލަމްބޯޕޭޖް)

comment ކޮމެންޓް