ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވާނެކަން ސިރިސޭނާ ހާމަކުރައްވައިފި

ސްރީލަންކާގެ ރައީސް ސިރިސޭނާ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --- ފޮޓޯ/ ކޮލޮމްބޯ ޓެލެގްރާމް

ސްރީލަންކާގެ ވަޒީރުންގެ މަޖިލީހަށް ބޮޑު ބަދަލެއް ގެންނަވަން ނިންމަވާފައިވާކަން އެގައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނާ މިއަދު ހާމަކުރައްވައިފިއެވެ.

މި ހަފްތާގައި އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ގެންދިޔަ އިރު، ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީގެ ބައެއް މެމްބަރުން ވަނީ ރަނިލްގެ އިތުބާރު ނެތްކަމަށް ވޯޓު ދީފައެވެ. އޭގެ ތެރޭގައި ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންވެސް ހިމެނެއެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ މެމްބަރު މަހިންދަ ރާޖަޕަކްސައަށް ތާއީދުކުރާ އިދިކޮޅު އިއްތިހާދުން އިސްވެ މަޖިލީހަށް ހުށަހެޅި ރަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓުން ރަނިލް ވަނީ ސަލާމަތްވެވަޑައިގެންފައެވެ. ރަނިލްއާ ދެކޮޅަށް 76 ވޯޓު ދިން އިރު، ރަނިލް ސަލާމަތްކުރުމަށް 122 މެމްބަރަކު ވޯޓު ދެއްވިއެވެ.

ސްރީލަންކާގެ މީޑިއާ ސްޓޭޝަންތަކުގެ އިސްވެރީންނާ އެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައި ރައީސް ސިރިސޭނާ ވިދާޅުވީ ބޮޑުވަޒީރު ރަނިލްއާ މަޝްވަރާކުރެއްވުމަށްފަހު، ކެބިނެޓު ޕޯޓްފޯލިއޯތައް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށާއި، ބަދަލުތައް ވަަރަށް އަވަހަށް ގެންނަވާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވި އިރު، ލަންކާގެ ހެލްތު މިނިސްޓަރު އަދި ކެބިނެޓުގެ ތަރުޖަމާނު ޑރ. ރާޖިތަ ސޭނާރަތުނަ ވިދާޅުވެފައިވަނީ ހޯމަ ދުވަހު ކެބިނެޓަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިނިސްޓަރު ރާޖިތަ ވިދާޅުވީ ސްރީލަންކާ ފްރީޑަމް ޕާޓީ ޕާލަމެންޓުގައި ތަމްސީލުކުރާ މެމްބަރުންގެ ތެރެއިން ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމަށް ވޯޓުދެއްވި މިނިސްޓަރުން، މިނިސްޓަރުންގެ މަގާމުން ވަކިކުރާނެ ކަމަށެވެ. ނަމަވެސް އެ ވޯޓުގައި ބައިވެރިނުވާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ހަމަޖެހިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަަމަށް ވޯޓުދެއްވި ވަޒީރުންގެ ތެރޭގައި ހިމެނެނީ

  • މިނިސްޓަރ އޮފް ސޯޝަލް އެމްޕަވަމެންޓް އެންޑް ވެލްފެއާ އެސްބީ ޑިސާނާޔަކަ
  • މިނިސްޓަރ ފޮރ ސްޕޯޓްސް ދަޔަސިރީ ޖަޔަސޭކަރަ
  • މިނިސްޓަރ އޮފް ޓެކްނޮލޮޖީ އެންޑް ރިސާޗް ސުސިލް ޕްރޭމަޖަޔަންތަ
  • މިނިސްޓަރ އޮފް ލޭބާ އެންޑް ޓްރޭޑް ޔޫނިއަން ރިލޭޝަންސް ޖޯން ސެނަވިރަތުނަ
  • މިނިސްޓަރ އޮފް ޑިޒާސްޓާ މެނޭޖްމެންޓް އަނޫރަ ޕްރިޔާދަރްޝަނަ ޔާޕާ
  • މިނިސްޓަރ އޮފް ސްކިލްސް ޑިވެލޮޕްމެންޓް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް ޗަންދިމަ ވީރަކްކޮޑީ

ބޮޑުވަޒީރު ނިސްބަތްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ގިނަ މެމްބަރުންތަކެއް ސޮއިކޮށް ފޮނުވި ސިޓީއެއްގައި، މި މިނިސްޓަރުން ކެބިނެޓުން ވަކިކުރުމަށް ރައީސް ސިރިސޭނާއަށް ދެންނެވުމަށްވެސް އެދިފައިވެއެވެ.

comment ކޮމެންޓް