ބޭނުމީ ތައިމުރު ކްރިކެޓް ކުޅުންތެރިއަކަށް ވާން: ކަރީނާ

ކަރީނާ ކަޕޫރު އަދި އޭނާގެ ފިރިމީހާ ސައިފް ހާން އަދި ދަރިފުޅު ތައިމޫރު---

ބޮލީވުޑް ޖޯޑު ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމުރު އަކީ ބައެއް ބޮލީވުޑް ފަންނާނުންނަށް ވުރެ ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ކުއްޖެކެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޕަޕަރާޒީންގެ ކެމެރާތަކުގެ ލެންސް ތައިމުރު އަށް ވަނީ އަމާޒުވެފަ އެވެ. އަދި ތައިމުރު ބޮޑުވަމުން އަންނަ ވަރަކަށް ކެމެރާތަކާ ރައްޓެހިވެ، އަމިއްލައަށް ޕޯސް ކުރަން ވެސް މިވަނީ ފަށައިފަ އެވެ.

ތައިމުރު ވެސް ބޮޑުވެގެން ފިލްމީ ދާއިރާއަށް ނުކުންނާނެ ކަމަށް ގިނަ ބަޔަކު އަންނަނީ އުންމީދު ކުރަމުންނެވެ. އަދި އެ ސުވާލު ސައިފް އާއި ކަރީނާ އަށް ވެސް އަންނަނީ އަމާޒުވަމުންނެވެ.

އިއްޔެ ރޭ ކުރިއަށް ދިޔަ އެވޯޑު ހަފްލާއެއްގައި ވާހަކަ ދައްކަމުން ކަރީނާ މިވަނީ އެ ސުވާލަށް ޖަވާބު ދީފަ އެވެ. ކަރީނާ ބުނީ ތައިމުރު ކުރިއަށް ދާނީ ކޮން ދާއިރާ އަކުން ކަން ނިންމާނީ ތައިމުރު އަމިއްލަ އަށް ކަމަށެވެ.

"ނަމަވެސް އަހަރެން ބޭނުން ވަނީ ތައިމުރު ކްރިކެޓް ކުޅުންތެރިއަކަށް ވާން،" ކަރީނާ ބުންޏެވެ. ކަރީނާ މިހެން ބުނެފައިވާ އިރު ސައިފްގެ ބައްޕަ އަދި ތައިމުރުގެ ކާފަ، މަންސޫރު އަލީ ޚާން ޕަތައުދީ އަކީ އިންޑިއާ ދުށް ކާމިޔާބު ކްރިކެޓް ކުޅުންތެރިއެއް ކަން ފާހަގަކޮށްލެވެ އެވެ.

ތައިމުރު އަށް ލިބެމުން އަންނަ މަޝްހޫރު ކަމުގެ ސަބަބުން ސައިފް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސައިފް ބުނީ ތައިމުރު އަށް އާދައިގެ ދިރިއުޅުމެއް ހޯދައިދޭން ބޭނުންވާ ކަމަށާއި އަބަދު ކެމެރާތަކަށް ތައިމުރު އަރުވަން ބޭނުން ނުވާ ކަމަށެވެ.

އެހެންކަމުން ސްކޫލަށް ދާ އުމުރަށް އެޅުމުން، އިނގެރޭސިވިލާތުގެ ބޯޑިންގ ސްކޫލަކަށް ތައިމުރު ފޮނުވަން މިހާރު ވެސް ނިންމާފައިވާ ކަމަށް ސައިފް ބުންޏެވެ.

comment ކޮމެންޓް