މި އުމުރުގައި އެކަނިމާއެކަނި ދަންވަރު އޮތުމަކީ ނުރައްކަލެއް ދިމާވެދާނެ ކަމެއް: މައުމޫން

މީގެ ކުރިން އޮތް މުއްދަތުގެ މަޖިލީހަށް ކޯޓަށް ހާޒިރުކުރުމަށްފަހު ރައީސް މައުމޫން ދޫނިދުއަށް ގެންދަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ރޭގަނޑާއި ދުވާލު އަކަނިމާއެކަނި ތަނެއްގައި އޮތުމަކީ ސިއްހީ ގޮތުން ނުރައްކަލެއް ދިމާވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން އެމަނިކުފާނަށް ލަދާ ދެއްވާފައިވާ ކަމަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 80 އަހަރުގެ ރައީސް މައޫމުނަށް އުފުލާފައިވާ ދެ ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ބާއްވާފައެވެ. ވަކީލަކު އައްޔަނުކުރުމަށް 10 ދުވަސް ދެއްވައި ޝަރީއަތް ނިންމާލުމުގެ ކުރިން ގާޒީ އާދަމް އާރިފް ވަނީ ރައީސް މައުމޫން އެއްޗެއް ވިދާޅުވާން ބޭނުންފުޅުވާނަމަ އެކަމަށް ފުރުސަތު ދެއްވާފައެވެ.

ތިރީސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ރައީސް މައުމޫން އެދިވަޑައިގަތީ ދެ ކަމަކަށެވެ. އުމުރުން ދުވަސްވުމާއި ބަލިހާލަތު ހުރި ގޮތުން ހައްޔަރުން ދޫކޮށްލުމަށް ނުވަތަ ގެއަށް ބަދަލުކޮށްދިނުމަށް މައުމޫން އެދިވަޑައިގަތެވެ.

"ރޭގަނޑު ދަންވަރު އެކަނިމާއެކަނި ތަނެއްގައި އޮތުމަކީ ސިއްހީ ގޮތުން ނުރައްކަލެއް ދިމާވެދާނެ ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައި. ޑޮކްޓަރުންގެ ލިޔުންތަކާ އެކު ސިޓީއެއް ވެސް ވާނީ ކޯޓަށް ފޮނުވާފައި،" ޝަރީއަތުގެ މަޖިލީހުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ ވާހަކަފުޅުތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ، މައުމޫން ބަންދުގައި ބަހައްޓާފައި ހުންނެވީ އެހެން މައްސަލައެއްގައިކަން ލިޔެކިޔުންތަކުން އެނގެން އެބައޮތް ކަމަށާއި ލިޔެކިޔުންތައް ބެއްލެވުމަށްފަހު ސިއްހީ ހަލަތާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް