އީސީ އިން ޖޭޕީ އާއެކު ބާއްވަން ނިންމި ބައްދަލުވުމުގައި އެ ޕާޓި އިން ބައިވެރިއެއް ނުވި

ޖޭޕީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު--- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބާއްވަން ނިންމި ބައްދަލުވުންތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއާއެކު މިއަދު މެންދުރު ފަހު ބާއްވަން ތާވަލް ކުރި ބައްދަލުވުމުގައި އެ ޕާޓީ އިން ބައިވެރިނުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު ސަމީރު ސަން އަށް ވިދާޅުވީ މިއަދު މެންދުރުފަހު 2:00 ގައި އެ ޕާޓީން އިލެކްޝަން އާ އެކު ބައްދަލުވުމުގައި ބައިވެރި ނުވީ އެ ބައްދަލުވުމަކީ ޕާޓީގެ މަސައްކަތާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެއްކަމަށް އީސީ އިން ފޮނުވި ސިޓީގައި ބުނެފަިއވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު އަހަރީ ރިޕޯޓު އަދި އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

ސަމީރު ވިދާޅުވީ ހުރިހާ ޕާޓީތަކާއެކު ބާއްވަން ނިންމި ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ބުނެފައިވާނެ ކަމަށާއި ނަމަވެސް ވަކިވަކިން ބާއްވަން ނިންމި ބައްދަލުވުމުގައި އެ ޕާޓީ އިން ބައިވެރިނުވާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ.

މީގެ ކުރިންވެސް އެޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ މައުލޫމާތު އަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އެދުނު ކަމަށާއި ގޮފިތަކާއި އެ ގޮފިތަކުގެ އިސްކޮށް އުޅޭ މީހުންގެ މައުލޫމާތު ހޯދަންއީސީ އިން އެދުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ޕަޓީތަކުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ޕީޕީއެމް އަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ބުނެފައެއް ނުވޭ،" ސަމީރު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕާޓީ ތަކަށް ދޭންޖެހޭ ފައިސާ އަދިވެސް ނުދޭ ކަމަށާއި އެ ފައިސާތައް ޕާޓީތަކަށް ދީ "ޕާޓީތަކުގެ ހައްގު އަދާކުރުމަށް" ވެސް ސަމީރު ވަނީ ގޮވާލައްވައިފައެވެ.

comment ކޮމެންޓް