އަހަރެން ފިކުރާވި އިސްލާމްދީން: ކޮމިޔުނިޒަމަށްވުރެ ފުރިހަމަވެފައި ރަނގަޅީ އިސްލާމްދީނެވެ.

މައްކާ -- ސަން ފޮޓޯ: މުޢީދު

ތަރުޖަމާ: އަބްދުﷲ ފާރޫގު ޙަސަން

ރައުސުމާލިއްޔަތުގެ މައިކަށިބިންދައިލަނީ ދެނަޒަރިއްޔާއެކެވެ. އޭގެތެރެއިން އެއްނަޒަރިއްޔާއަކީ ކޮމިޔުނިޒަމެވެ. ދެވަނަ ނަޒަރިއްޔާއަކީ އިސްލާމްއެވެ. އިސްލާމްދީނެވެ.

މިތާނގެ ކޮމިޔުނިސްޓުންގެ ތެރޭގައި ދާސްކެޕިޓަލް (Dascapital) ފުންކޮށް މުޠާލިއާކޮށްފައިވާނީ ދާދި މަދުމީހެކެވެ. މާކްސްގެ ތިޔަރީ ތަކުގެ ތެރެއިން އެއްތިޔަރީއަކީ އިތުރުއަގު(Surplus Value) ނުވަތަ އިތުރުފައިދާއެވެ. އިތުރު ނަފާއެވެ. މާކްސް އޭނާގެ މިއުސޫލު އިތުރަށް ޝަރަޙަކޮށްދިނުމަށްޓަކައި ލިޔެފައިވާ ލިޔުންތައް އެއްކޮށްލައިފައިވަނީ ވަރަށްބޯ ތިންވޮލިޔުމަށެވެ.

ކޮމިޔުނިޒަމް ދައުވާކުރާގޮތުގައި ވުނޭރުން އެބައިމީހުންގެ ރައުސުމާލު ވުނަކުރެއެވެ. މަސައްކަތްތެރީން އެބައިމީހުންގެ މަސައްކަތުން އޭގެ ފައިދާނެރެއެވެ. މިގޮތުން ލިބޭ މަންފާ އަސްލު ރައުސްމާލަށްވުރެ އިތުރުވެއެވެ. އިތުރުވާ އާމްދަނީއިން ވުނޭރުން ދެވަނަކާރުޚާނާ އެއް ބިނާކުރެއެވެ. އާއްމުންގެ ކިބައިން ނުހައްޤު ފައިދާ ހޯދައެވެ. މިދައުވާއަށްފަހު ކޮމިޔުނިޒަމް އިތުރަށް ކުރިޔަށްދެއެވެ. ވުނަކުރުމުގެ އަސްލުބާރު ކަމުގައި ހިމެނޭ ވުނޭރުން ހޯދާ އިތުރުފައިދާ ނިމުމަކަށްގެންނަން އަޒުމު ކަނޑައަޅައެވެ. އެމަޤްޞަދުގައި ވުނޭރުން އެއްފަރާތްކޮށްލުމަށްފަހު އުފެއްދުންތެރިކަމުގެ ހުރިހާ ވަސީލަތްތަކެއް ނުވަތަ ސިނާޢަތްތަކެއް ޤައުމީކުރެއެވެ. ޤައުމީ މިލްކިއްޔަތަކަށް ހަދައެވެ.

ވިސްނައިލާންޖެހޭ ނުކުތާއަކީ ސިނާޢަތްތައް ޤައުމީކުރުމަކީ މައްސަލައިގެ ހައްލުބާވައެވެ. ޤައުމީކުރުމުން ބޭނުންވާ މަޤްޞަދު ހާސިލްވޭބާވައެވެ؟ ޝައްކެތްނެތްގޮތުގައި އެއީ މަޤްސަދު ޙާޞިލުވާކަމެއްނޫނެވެ. އެހެނީ ޤައުމީކޮށްފައިވާ ސިނާއަތްތަކުންވެސް އިތުރުފައިދާ ލިބެއެވެ. އިތުރުމަންފާ ނެރެވެއެވެ. ސުވާލަކީ އެފައިދާ ނުވަތަ ނަފާދަނީ ކޮންތަނަކަށްބާވައެވެ؟ ބަލައިލާންޖެހެނީ އެމަންފާއަށް ވާގޮތެކެވެ.

އާދެ، ކޮމިޔުނިޒަމް އެންމެ ފުރަތަމަ ކުރާކަމަކީ ސިނާއަތްތައް ޤައުމީކުރުމެވެ. ލިބޭ މަންފާއިން އެކާރުޚާނާއެއްގެ މަސައްކަތްތެރީންނަށް ކުޑަމިންވަރެއްދެއެވެ. އެ ކާރުޚާނާއެއްގެ މަސައްކަތްތެރީން ކަމުގައި ނުހިމެނޭ އާއްމުންނަކަށް އެއްވެސް މިންވަރެއް ނުލިބެއެވެ. އާދެ، ސިނާއަތެއްގެ މަންފާއިން މިންވަރެއް މިލިބެނީ ހަމައެކަނި އެތަނެއްގައި މަސައްކަތްކުރާ މީހުންނަށެވެ. އެހެނިހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ މީހުންނަކަށްވެސް ޤައުމުގެ އާއްމު ރައްޔިތުންނަކަށްވެސް އެއިން އެއްވެސް ރާހަތެއް ނުކުރެއެވެ. ސިނާއަތްތައް ޤައުމީކުރުމުގެ މަޤްސަދަކަށް ވާންޖެހޭނީ މިއެއްނޫނެވެ. މަންފާބެހިގެންދާންޖެހެނީ ޤައުމުގެ އެންމެނަށެވެ.

ކޮމިޔުނިސްޓު ދައުލަތްތަކުން ޤާނޫނުގެ ބާރުގައި މަންފާ ފޭރުމަށްފަހު އެއިން މިންވަރެއް އެހެން މީހުންނަށް ބަހައިދެއެވެ. މިއާ ޚިލާފަށް އިސްލާމްދީން ބާރުއަޅަނީ އިތުރު ނަފާއިން އެހެންމީހުނަށް ޚަރަދުކުރުމަށެވެ. އެކަމަށް ދީނީގޮތުން ހިތްވަރުދެއެވެ. އިސްލާމްދީން މަގުދައްކާ މިއުސޫލުގެ ފަހަތުގައިވާ ބާރަކީ ސަރުކާރުގެ ގޮށްމުށުބާރެއްނޫނެވެ. އަދި ކީއްތޯއެވެ. ޢަޤީދާގެ ބާރެވެ. ދުނިޔެއާއި އާޚިރަތުގައި އެކަމުން ލިބޭނެ ލާބަ އާއި މަންފާ ވިސްނައިދިނުމެވެ.

ކޮމިޔުނިސްޓް ޤައުމުތަކުގައި ޤައުމީ ކުރެވޭ ސިނާއަތްތަކުން ލިބޭ އާމްދަނީ ކޮންމެވެސް ސިފައެއްގައި ބަހައިދެވުނު ކަމުގައި ވިޔަސް ޤައުމީނުކޮށް މީހުންގެ ބާރުގެ ދަށުގައި ހުންނަ ހަރުމުދާތަކާއި ރައުސްމާލުތަކުން ލިބޭ މަންފާއިން އާއްމުންނަށް ބައިހޯދައި ދިނުމުގެ ތަސައްވުރެއް ކޮމިއުނިޒަމަކުނެތެވެ. އަމަލީގޮތުން އެކަމަށް އެއްވެސް އިންތިޒާމެއް ހަމަޖައްސައިފައެއްވެސް ނޯވެއެވެ. އަނެއްކޮޅުން އިސްލާމްދީންވަނީ ފަރުދުންގެ އާމްދަނީގެ އިތުރުމަންފާގެ ތެރެއިން ބައެއް މުޖްތަމައުގެ އަފުރާދުންނަށް ބަހައިދިނުމުގެ މައްޗަށް ބާރުއަޅައިފައެވެ. އިތުރުމަންފާގެ ބައެއް ހެޔޮކަންކަމަށްޓަކައި ނެރުމަށާއި، ޚަރަދުކުރުމަށް އިސްލާމްދީނުގައި ދީފައިވާ ނަމަކީ ޒަކާތެވެ. އަރަބި ބަހުގައި ޒަކާތުގެ މަފްހޫމުގައި ތާހިރު ކުރުމާއި ސާފުކުރުންހިމެނއެވެ. އާދެ، ތިމާގެ އާމްދަނީގެ ބައެއް ހެޔޮކަމުގެ މަގުގައި ނެރުމަކީ ޒަކާތްދިނުމެވެ. ދީނީ މަފުހޫމުގައި އިންސާނާ އޭނާގެ މުދަލުގެ ބައެއް ޒަކާތަށް ނެރުމުގެ ޒަރީއާއިން ތިމާގެ މުދާ ތާހިރުކުރެއެވެ. މުދަލުން ޒަކާތް ނުނެރެފިނަމަ މުޅި ރައުސުމާލު ހުންނާނީ ނުތާހިރު ވެފައެވެ. މިފަދަ މަތިވެރި އިރުޝާދެއް ދުނިޔެއަށް ދީފައިވަނީ ހަމައެކަނި އިސްލާމްދީނެވެ.

މިކަމާބެހޭގޮތުން މީހަކު އިއުތިރާޒްކޮށްފާނެއެވެ. ތިމާގެ މުދަލުން ހެޔޮކަންކަމަށް ހޭދަކުރުމަށް ދެވޭ އިރުޝާދަކީ ހަމައެކަނި ދީން ގޮވައިލާ ހެޔޮކަމުގެ ގޮވައިލުމެކެވެ. މުއްސަންޖަކު ޒަކާތްނުދީ ކެހިވެރިގޮތުގައި ކަންތައް ކުރާން ގަސްދު ކޮށްފިނަމަ ނުވަތަ މަކަރު ހަދާން އުޅެފިނަމައެކަމަށް އޮތް ހައްލަކީ ކޮބައިހެއްޔެވެ؟

މި އިޢުތިރާޝްގެ ޖަވާބު އަޅުގަނޑުމެންނަށް ތާރީޚުން ލިބޭން އެބައޮތެވެ. އަމީރުލް މުއުމިނީން އަބޫބަކުރުއްޞިއްދީގް ރަޟިޔަﷲ އަންހުވަނީ ޒަކާތްދިނުމަށް އިންކާރުކުރި މީހުނާ ހަނގުރާމަ ކުރައްވައިފައެވެ. މިދެންނެވި ޒަކާތް ދިނުމަށް އިންކާރުކުރި މީހުންނަކީ ބޭރުފުށުން މުސްލިމުންނެވެ. ޒަކާތް ނުދިނުމުގެ ސަބަބުން އެބަޔަކާ ދެކޮޅަށް ކަނޑި ބޭނުންކުރެވުނު މީހުންނަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވާ މީހުންނެވެ. ނަމާދު ޤާއިމުކުރާމީހުންނެވެ. ނަމަވެސް އެބައިމީހުން އަރައިގަތް ކުށަކީ އެމީހުނާ ދެކޮޅަށް ކަނޑީގެ ބޭނުންކުރާހައިވެސް ބޮޑު ކުށަކަށްވީއެވެ. މާތްﷲ އަށް އީމާންވުމާއި ނަމާދު ޤާއިމުކުރުމާ ވިދިގެން އިސްލާމްދީން އެންމެބޮޑަށް ބާރުއަޅާ އެއްކަމަކީ ޒަކާތްދިނުން ކަމުގައިވާތީއެވެ. ތިމާގެ މުދަލުގައި ނިސާބުހަމަވާނަމަ އެ މުދަލުގެ ބައެއް ތިމާގެ ނިކަމެތި އަޚުން އުޚުތުންނަށް އެހީވެދިނުމުގެ ގޮތުން ހޭދަކުރުމަކީ މުސްލިމުންކުރަން ވާޖިބުކަމަށްވާތީއެވެ. މިތާނގައި އަޅުގަނޑުމެން ހަނދާންކުރާންޖެހޭކަމަކެވެ. އަފުރާދުން އެބައިމީހުންގެ އަމިއްލަ އާމްދަނީއިން ނުވަތަ ޒާތީ ވުނައިން އެހެންމީހުނަށް ޚަރަދުކުރާކަށެއް ކޮމިޔުނިޒަމް އިރުޝާދެއްނުދެއެވެ. ނަމަވެސް އިސްލާމްދީން އެކަމަށް އިންތިހާޔަށް ބާރުއަޅައެވެ. އެއީ ލާޒިމުކަމެއްކަމުގައި ކަނޑައަޅައެވެ. މިހޭދަނުކޮށްފިނަމަ އެމީހަކު މުސްލިމެއް ކަމުގައިވިޔަސް އެމީހަކާ ދިމާޔަށް ކަނޑި އުފުލުމަށް އިސްލާމްދީން އަމުރުކުރެއެވެ.

އާއްމުގޮތެއްގައި ވުނޭރުން ދެކޭގޮތުގައި އޭނާގެ ވުނައަކީ އޭނާގެ އަރާމަށާއި މަޖަލަށްޓަކައި ލިބިފައިވާ ވަސީލަތެކެވެ. އެއިން އެހެންމީހުނަށް ޚަރަދުކުރުމަކީ ތިމާގެ އަތްހުސްވެދާނެކަމެކެވެ. ތިމާ ފަގީރުވުމަށް ދައުވަތު ދިނުމެކެވެ. މީހުންގެ ހިތްތަކަށް ކަށިހަރަނީ މިޝައްކާއި ވަހުމެވެ.

އިސްލާމްދީން އެންމެ ފުރަތަމަ މިކުށްހީތައް މުޅިން ނައްތައިލައެވެ. ކީރިތި ޤުރްއާނުގައި އިޢުލާން ކުރައްވައިފައިވެއެވެ. ހެޔޮކަންކަމަށް ޚަރަދުކުރުމަކީ ފަގީރުވާނެކަމެއްނޫނެވެ. އަދިކީއްތޯއެވެ. އެއީ މުދަލުގައި ބަރަކާތްލައްވައި މުއްސަނދިކަން އިތުރުވާނެކަމެކެވެ. ވަހީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"ފަގީރުވެދާނޭ ކަމުގެ ބިރުން' ތިޔބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި އެޝައިޠާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރުކުރެތެވެ. ﷲ ތިޔަބައިމީހުންނަށް ވައުދުކުރައްވަނީ އެކަލާނގެ ހަޟުތުން ފާފަފުއްސެވުމާއި' ފަޟުލު ވަންތަކަމަށެވެ. ﷲ އީ ތަނަވަސްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 268)

ބަޚީލުކަމަކީ ކޮބައިތޯއެވެ. ތިމާގެ ބޭނުންތަކަށާއި ތިމާގެ އަނބިދަރިންނަށާއި' ތިމާގެ އަޚުން އުޚުތުންކަމުގައިވާ އިންސާނުންނަށް ޚަރަދުކުރުމެއްނެތި ތިމާގެ މުއްސަނދިކަން ޚަޒާނާކޮށްފައި ބެހެއްޓުމެވެ.

ތަމަޅަފިލްމީ ދުނިޔޭގެ މަޝްހޫރުލަވަކިޔުންތެރިޔެކެވެ. އިންތިހާޔަށް ބަޚީލު ބޭކަނބަލެކެވެ. އޭނާގެ ކުއްޖެއްގެ ފައިގައި ޒަޚަމެއް އުފެދުނެވެ. މިދެންނެވި ލަވަކިޔުންތެރިޔާ އޭނާގެ ދަރިފުޅަށް ބޭސްކުރަންވެސް ފަސްޖެހުނެވެ. އެންމެފަހުގެ ނަތީޖާއަކަށްވީ ފަރުވާ ނުލިބުމުގެ ސަބަބުން އެކުއްޖާ މަރުވުމެވެ. އާދެ މިއީ ދަހިވެތިކަމުގެ ސުންޕާ ނަތީޖާއެވެ. އިސްލާމްދީނު މިބާވަތުގެ ބަޚީލުކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައެވެ.

އިސްލާމްދީން ހަމައެކަނި ހޭދަކުރުމަށް އިރްޝާދު ދެނީކީނޫނެވެ. އަދިކީއްތޯއެވެ. އެއިރްޝާދު ތަކާއެކުވަނީ ހޭދަކުރުމުގެ އަދަބުތައްވެސް ދަސްކޮށްދީފައެވެ. ބައެއްމީހުން ހޭދަކުރެއެވެ. ނަމަވެސް މަޤްސަދަކީ އެހެންމީހުންގެ ތާއީދު ހޯދުމެވެ. އަނެކުން ތިމާގެ އަތްދަށުލުމެވެ. މަޝްހޫރުކަން ހޯދުމެވެ. އިސްލާމްދީން މިބާވަތުގެ ނޭއްދާރުވިސްނުމާ ދެކޮޅުހަދައެވެ. ނުރަނގަޅު ސުލޫކުތަކަށް ނަފުރަތުކުރެއެވެ. އެކަންކަން މުޖްތަމައުން ފޮހެލަން ބާރުލައެވެ. އިސްލާމްދީން އިރުޝާދުދޭގޮތުގައި ހޭދަކުރުމަކީ ދީނީ ވާޖިބެކެވެ. ނަމާދަށްފަހު ދެންޖެހިގެންއޮތް ދީނީ ރުކުނެކެވެ. އެހެންކަމުން ހޭދަކުރުމުގައި އޮންނާންވާނީ އެންމެ މަޤްޞަދެކެވެ. މާތްﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. އެހެން އެއްވެސް މުހުތާދެއް އޮވެގެން ނުވާނެއެވެ. ކީރިތި ޤުރްއާން ބާރުއަޅުއްވާގޮތަކީ މިއީއެވެ.

އަޅުގަނޑު ބައެއް ރަށްރަށުން ދުށީމެވެ. އެއްބޭކަލެއް އޭނާގެ އެހީފުޅެއްގެ ގޮތުން ހޮޅިބުރިތަކެއް ހަދިޔާކުރެއްވިއެވެ. އެހޮޅިބުރިތަކުގައި އެފަރާތުގެ ނަން ލިޔެފައިވާލެއް ފަލަކަމުން އެހޮޅިބުރިތަކުން ސާފުކޮށް އަލި ލިބޭވަރެއް ނުވެއެވެ. އިސްލާމްދީން ބުނެދޭގޮތުގައި މިބާވަތުގެ ހޭދަ މިފަދަގޮތްގޮތަށްކުރުމަކީ ހަމައެކަނި ނުރަނގަޅު ކަމަކީއެއްނޫނެވެ. އަދި ކީއްތޯއެވެ. އެއީ ހުރިހާ ހެޔޮކަމެއް ބާޠިލުވެދާނެވެސް ކަމެކެވެ. ބައެއްމީހުން މީހުނަށް މާލީ އެހީ އާއި އެހެނިހެން ބާވަތްބާވަތުގެ އެހީދެއެވެ. އެކަމަކު ތިމާގެ އިހްސާންތެރިކަމުގެބަރު އެހީ ލިބޭ ފަރާތްތަކުގެ ކޮނޑުގައި އަޅުވާވަރުން އެހީލިބޭމީހުންގެ ހިތްތައް ފާރުވެއެވެ.އިސްލާމްދީން މިފަދަ ހުރިހާ ކަންކަމެއް މަނާކުރެއެވެ. ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އެސަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި ޢަފޫކުރުން، ހެޔޮކަންމާބޮޑެވެ. ﷲ އީ ފުދިވޮޑިގެންވާ ހަލީމުވަންތަ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 263)

ގޭގައި ވީދިފައި ހުންނަ ބާހެދުމާއި، ރޭހުރިކާއެއްޗެއްސާއި، މުއްދަތު ހަމަވެފައި ހުންނަ ތައްޔާރީ ކާނާއާއި ހަލާކުވެފައިހުންނަ ގެވެހިކަންވާރުފަދަ ތަކެތި މީހުނަށް ހަދިޔާކުރާ "ދީލަތި މީހުން" ވެސް ދުނިޔެވަނީ ދެކެފައެވެ. ވީދިފައި ހުންނަ ނޫޓާއި، ވަގުފައިސާއިން ޚައިރާތުކުރާ މީހުންވެސް ދުނިޔެއިން ފެނިދާނެއެވެ. ނަމަވެސް އިސްލާމްދީން އިރްޝާދުދެނީ ތިމާޔަށް ލިބިގެންވާ ރަނގަޅު މޮޅުތަކެތި ސަދަގާތްކުރުމަށެވެ. ތިމާ ލާހިތްވާ ހެދުމާއި، ތިމާއަށްމީރު ތާޒާކާއެއްޗެއްސާއި ތިމާ ލޯބިވާ މުދާ މާތް ﷲ ގެ މަގުގައި ހޭދަކުރުމަށެވެ. އަރަހުށިމާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދި ތަކެތީގެ ތެރެއިން ރަނގަޅުތަކެތީން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ ބިމުން ނެރެދެއްވި ތަކެތީންވެސްމެއެވެ. އަދި އެއިން ހޭދަކުރުމަށްޓަކައި ދެރަތަކެތި ގަސްދު ނުކުރާށެވެ. ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭމީހުން ކަމުގައިވާނަމަ) އެތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން މެނުވީ އެތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ." (އަލްބަޤަރާ: 267)

ފޭރާމާއި، ކާބޯތަކެއްޗާއި، އެހެނިހެންބާވަތް ބާވަތުގެ ތަކެތީން މާތްﷲ އަށްޓަކައި މީހުނަށް އެހީވެދޭއިރު އިސްލާމްދީން އެދެނީ ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި މެނުވީ އެކަން ސިއްރުކުރުމަށެވެ. ޝައްކެއްނެތެވެ. ޒަރޫރަތު ނިޔާކުރާ ހިނދު ފާޅުގައިވެސް ސަދަޤާތް ކުރެވިދާނެއެވެ. ކީރިތި ޤުރްއާނުގައި ވަހީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"(ވާޖިބުނޫން) ސަދަޤާތްތައް ތިޔަބައިމީހުންފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅުކަމެކެވެ. އަދި ތިޔަބައިމީހުން ވަންހަނާކޮށް އެ ސަދަޤާތްތައް ފަޤީރުންނަށް ދެނީނަމަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި އެއީ ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭކަމެކެވެ. (އަލްބަޤަރާ:271)

މާތް ﷲ ގެމަގުގައި ހޭދަކުރުމުގައި ކުރިމަތިވާ މައްސަލައެކެވެ. ވިޔާނުދާ ގޮތްގޮތަށް ޚަރަދުކުރާމީހުންނާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް އެހީހޯދަންއާދެއެވެ. އެފަދަ ޙާލަތެއްގައި އެބައިމީހުންނަށް އެހީވެދޭނެ ހެއްޔެވެ؟ މިއީ އުފެދޭ ސުވާލެކެވެ. އެހީވެދީފިނަމަ އެ ވެވޭއެހީ ވާނީ ކޮންކަހަލަ އެހީއަކަށް ހެއްޔެވެ؟ އިސްލާމްދީންވަނީ މިސުވާލުތަކަށްވެސް ޖަވާބުދީފައެވެ. ވިޔާނުދާ، ދޯދިޔާ ޒާތުގެ މީހުނާ ފައިސާ ހަވާލުނުކުރުމަށްވަނީ އިރްޝާދުދީފައެވެ. ނަމަވެސް އެފަދަ މީހުންނަށް ފޭރާމާއި ކާބޯތަކެތީގެ އެހީދެވިދާނެއެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

" އަދި ދޯދިޔާ މީހުންނަށް (އެބަހީ: ވިޔާނުދާ ޚަރަދުކޮށް އިސްރާފުކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައި މީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ. އެމުދަލަކީ ދިރިއުޅުން ހިފެހެއްޓުމަށްޓަކައި ތިޔަބައި މީހުންނަށް ލައްވައިފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނުދޭށެވެ. އެއުރެންނަށް ހެޔޮބަސްބުނާށެވެ. (ސޫރަތުއް ނިސާއު:5)

އެހީއަށް އެދޭފަރާތްތަކަށް އެހީ ވުމާ ބެހޭގޮތުން އިސްވެދެންނެވި ނުކުތާ ތަކަށްފަހު އިސްލާމްދީނުގައި މިމޭރުމުން އައިސްފައިވާ އިތުރު ބައެއް އިރްޝާދުތަކަށްވެސް މަތިމަތީން ކަޅި ހިންގައިލާނަމެވެ.

  1. ތިބާއާއި ތިބާގެ އާއިލާއަށް ޚަރަދުކުރުމަށްފަހު ބާކީހުރި އެއްޗަކުން މާތްﷲގެ މަގުގައި ހޭދަކުރާށެވެ.
  2. ތިބާއަށް ކުޅަދާނަކަން ލިބިގެންވާ ވަރަށްވުރެ އިތުރަށް ޚަރަދުނުކުރާށެވެ. ބަޚީލުވެސް ނުވާށެވެ. ތިބާގެ ކަންތައް މެދުމިންވަރުގައި ބަހައްޓާށެވެ.
  3. ޚަރަދުކުރުމުން މުޅީން އެއްކިބާ ނުވާށެވެ. ތިބާގެ އަތްމަތި މުޅީން ހުސްވެ ތިބާވެސް އަނެކުންގެ ކުރިމަތީގައި އަތްފަތުރައިލާން މަޖްބޫރުވާ ވަރަށް މުށް ހުޅުވައިވެސްނުލާށެވެ.
  4. ތިމައުރެންގެ ގާތްތިމާގެ ފަޤީރުންނާއި، އެކިއެކި ބޭނުންތައް ޖެހިފައިވާ މީހުންނާއި، ޔަތީމުންނާއި، ދުރު ފަޤީރުންނާއި، ދަތުރުވެރީންނަކީ ތިބާގެ އެހީލިބުން ޙައްޤު މީހުންނެވެ.

ތިމައުރެންގެ މުދަލުން ޒަކާތް ދިނުމަކީ މުސްލިމުންގެ މައްޗަށްވާ ފަރުޟެކެވެ. އެވާޖިބު އަދާކުރުމާމެދު ޣާފިލުވެ ފަރުވާ ކުޑަކުރާ މީހުންނާމެދު މާތްﷲ ވަނީ ވަރުގަދަ އިންޒާރުގެ ބަސްފުޅުތަކެއް ވަޙީކުރައްވައިފައެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަޔަށް ޞަޙާބިއްޔާއެއްގެ އަތްޕުޅުގައި އޮތް ރަން އުޅަލެއް ފެނިވަޑައިގެންނެވި ދުވަހެއްގައި އެކަމަނާއާ ސުވާލު ކުރެއްވިއެވެ. " ކަމަނާ ތިޔަ އުޅަލުގެ ޒަކާތް ދެމުހެއްޔެވެ؟" އެސަހާބިއްޔާ ނޫނެކޭ ވިދާޅުވުމުން ޙަދީޘުކުރެއްވިއެވެ. އާޚިރަތްދުވަހުން ކަމަނާގެ އަތުގައި އަލިފާނުގެ އުޅަލެއް އެޅުއްވޭ ހުއްޓެވެ. (އެ ޞަޙާބިއްޔާ ހަމަ އެވަގުތު އެއުޅާ ޚައިރާތަށް ދެއްވިއެވެ.)

ޒަކާތަށް ލިބޭ ފައިސާ ޚަރަދު ކުރެވޭނީ ކޮންބަޔެއްގެ މައްޗަކަށް ހެއްޔެވެ. ކީރިތިޤުރްއާނުގައި އެކަމުގެ ތަފްސީލުވެސްވަނީ ދެއްވައިފައެވެ. އާދެ، ފަޤީރުންނާއި، މިސްކީނުންނާއި، ދަރަނިވެރީންނަށާއި، ޔަތީމުންނާއި، ދަތުރުވެރީންގެ އިތުރަށް އަލަށް އިސްލާމްވާ މީހުންނަށްވެސް ޒަކާތުން ޚަރަދުކުރެވިދާނެއެވެ. އަޅުން މިނިވަންކުރުމަށް ވެސް ޒަކާތުގެ ފައިސާ ހޭދަކުރެވިދާނެއެވެ. ހަމައެފަދައިން ގައިދީން މިނިވަންކުރުމަށްވެސް ޒަކާތުގެ ފައިސާ ހޭދަކުރެވިދާނެއެވެ. ޒަކާތާ ގުޅުންހުރި މަސައްކަތްތަކުގައި އުޅޭމީހުންނަށް އެފައިސާއިން އުޖޫރަވެސް ދެވިދާނެއެވެ. ޒަކާތުގެ ފައިސާ ހޭދަކުރެވޭ ދާއިރާތަކުގެ ތެރޭގައި "މާތް ﷲ ގެ މަގުގައި ކުރެވޭ ހޭދަ" ވެސް ހިމެނެއެވެ. އާދެ، މިއީ ވަރަށްފުޅާ މަފްހޫމެއްގެ އިސްޠިލާހެކެވެ. ހެޔޮކަމުގެ ދާއިރާގައި ހިމެނޭ ކޮންމެކަމެއް އޭގައި ޝާމިލުކުރެވިދާނެއެވެ. ޚާއްސަކޮށް ދީން ފެތުރުމާއި، ދީނަށް ނަސްރުދީ ދީން ކުރިއަރުވާން ކުރެވޭ ކޮންމެ ކަމަކީ ﷲގެ މަގުގައި ކުރެވޭ ކަންކަމެވެ.

މައިންބަފައިންނާއި، އަނބި ދަރީން ފަދަ ތިމާ އެބަޔަކު ބެލުން ވާޖިބުވާ މީހުންގެ ޚަރަދު ބަރަދު ބެލެހެއްޓުމަކީ ތިމާގެ ވާޖިބެކެވެ. ނަމަވެސް އެމީހުނަށް ޚަރަދު ކުރާންވާނީ ޒަކާތަށް ނެރޭންޖެހޭ ފައިސާއެއްނޫނެވެ.

އިސްލާމީ އިރްޝާދުތަކާމެދު އަދި އެހެން އަރިމައްޗަކުންވެސް ބަލައިލަމާ ހިންގަވާށެވެ. އެހެންމީހުންގެ ކުރިމަތީގައި އަތްފަތުރައިލުމާއި، ސަލާމްޖެހުމުން އެއްކިބާވުމަކީވެސް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަންކަމެވެ. އިންސާނާ މަސައްކަތްކުރާން ޖެހެނީ ދޭމީހަކަށް ވުމަށެވެ. ލިބޭމީހަކަށް ވާކަށެއް ނޫނެވެ. އެހެންމީހުންގެ ކުރިމަތީގައި އަތްފަތުރައިލުމަށްވުރެ ހެޔޮކަންބޮޑީ އެއަތުން ކުނބުރާންކޮށުމެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރްޝާދު ދެއްވަނީ މިފަދައިންނެވެ.

ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ އެއްފަހަރު ބަދަވީއަކު އަރިހަށް ގެންނެވިއެވެ. އޭނާގެ އަތްތިލައިގައި މަސައްކަތުގެ ސަބަބުން ލައިފައިހުރި ކުރައިގެ އަސަރު ހުއްޓެވެ. އިތުރުސާހިބާ އޭނާގެ އެއަތުގައި ބޮސްދެއްވިއެވެ.

އިސްލާމްދީން ސަލާމްޖެހުން މަނާކުރާއިރު ދީލަތިކަމަށާއި ހިތްހެޔޮކަމާއެކު މީހުނަށް އެހީވެ ތިމާގެ މުދާ ޚަރަދު ކުރަންވެސް އަމުރުކުރެއެވެ. މިއިންވެސް އެނގެނީ އިސްލާމްދީނުގެ ފުރިހަމަކަމާއި ވަޒަންހަމަކަމެވެ. މެދުމިންކަމެވެ. އެދީނުގެ އުސޫލުތައް ދީލިކަޑަވެފައިވެސް ނެގިމަޑުވެފައިވެސް ނުވާކަމެވެ.


comment ކޮމެންޓް