ދަގަނޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ކުލަގަދަކޮށް ފާހަގަކުރަނީ

ޑިސެމްބަރު 21، 2015: ސާފް ސުޒުކީ ކަޕަށް ގައުމީ ފުޓުބޯޅަ ޓީމު ފުރުމުގެ ކުރިން ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޑަކުދިންނާ އެކު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ދިވެހި ފުޓްބޯޅައިގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ، އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭ ވާހަކަ އެވެ. އޭނާ ބޭނުންވާ ގޮތަށް، ފުރިހަމަ އިހްތިރާމާއެކު އޭނާއަށް ރިޓަޔާކުރަން ފުރުސަތު ދޭން ޖޭހޭނެ ވާހަކަ އެވެ.

މިހާރު ޢުމުރުން 32 އަހަރު ވެފައިވާ ދަގަނޑޭ، ދިވެހި ފުޓްބޯޅައަށް ކޮށްދީފައިވާ ޚިދުމަތްތަކަކީ އޭނާއާ ދޭތެރޭ ހަމަ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވާނޭ ފަދަ ޚިދުމަތްތަކެކެވެ. އެހެންކަމުން ދަގަނޑޭ ގައުމީ ޓީމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އޭނާއަށް "ފެންވަރުގައި" ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ފުރުސަތު ދިނުމަށް ތައްޔާރުވަމުން ދާކަން ގައުމީ ފުޓްބޯޅައާ ބެހޭ މައި އިދާރާއިން މިވަަނީ ހާމަކޮށްފަ އެވެ.

ހޮންކޮންގަށް ދިއުމަށްޓަކައި ގައުމީ ޓީމު މާލެއިން ފުރުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް، ކެޕްޓަން އަލީ އަޝްފާގާ ވާހަކަދައްކަނީ-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ސަން ސްޕޯޓްސްއަށް ވިދާޅުވީ، ދިވެހީން އެ ކުޅުންތެރިއަކާ މެދު ފަޚުރުވެރިވާ އަލީ އަޝްފާގު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ހަމަޖެހިފައިވާ ކަމަށެވެ.

"ކޯޗު ޕީޓާ ސެގަޓް ގައުމީ ޓީމާ ހަވާލުވުމުގެ ވެސް ކުރީން، އަޝްފާގު ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށް ބުނެފައި. ނަމަވެސް ކޯޗު ޓީމާ ހަވާލުވުމަށް ފަހު އެންމެ ބޮޑަށް އެދުނު ކަމަކީ، އަޝްފާގު ގައުމީ ޓީމުގައި މަޑުކުރުން. ފަހުން އަޝްފާގުގެ ވިސްނުން ވެސް ހުރީ އެގޮތަށް،" ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަޝްފާގު ނިންމާފައި ވާތީ އެކަމާ ގުޅޭ ގޮތުން ބައްސާމް ވިދާޅުވި އެވެ.

"އޭރު އަޝްފާގު ބުނެފައި އޮތީ، ތިމަންނަ ބޭނުމޭ ބޫޓާން މެޗުގައި ރިޓަޔާކުރަން. އެކަމަކު އަޝްފާގާ އަޅުގަނޑުމެން އެންމެން މަޝްވަރާކުރުމަށް ފަހު ނިންމީ، އެއަށް ވުރެ ކުލަ ގަދަކޮށް އަޝްފާގުގެ ރިޓަޔަމަންޓް ފާހަގަކުރަން. އެގޮތުން އެކަމަށް ޚާއްސަ މެޗެއް ރާވަން."

ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ބޭނުންވާކަމަށް ބުނެ ބައްސާމާ މަޝްވަރާކުރިކަން ދަގަނޑޭ ވެސް ވަނީ ސަން ސްޕޯޓްސްއަށް ކަށަވަރުކޮށްދީފަ އެވެ.

އެފްއޭއެމްގެ ރައީސް ވިދާޅުވީ، ދަގަނޑޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރަން މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޚާއްސަ މެޗެއް ބޭއްވުމަށް ހުރިހާ މަޝްވަރާތަކެއް ކުރެވި އޭގެ ތައްޔާރީތައް ވެސް ވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އަޝްފާގު އެންމެ ބޭނުންވާ ކުޅުންތެރިއަކު އެ ޚާއްސަ މެޗަށް ގެންނަން ނިންމާފައި. އެގޮތުން އަޝްފާގު ވަނީ އޭނާގެ އެންމެ ފޭވަރިޓް ކުޅުންތެރީންގެ ލިސްޓެއް ވެސް އެފްއޭއެމްއާ ހިއްސާކޮށްފައި."

ގައުމީ ޓީމު ސިންގަޕޫރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބައްސާމް ވިދާޅުވީ، ދަގަނޑޭގެ ރިޓަޔަމަންޓުގެ ވާހަކައަކީ ކުޅުންތެރިޔާއާ، ގައުމީ ފުޓްބޯޅައިގެ މައި އިދާރާއާ ދެމެދު ވަރަށް ކުރިން މަޝްވަރާކުރެވި ނިމިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، ރާއްޖެ އެންމެ ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭއަށް ރިޓަޔާކުރަން ފުރުސަތު ނުދިން ކަމަށް ބުނެ، އަދި ދަގަނޑޭގެ އަގު ވަޒަން ނުކުރި ކަމަށް ބުނެ ބަޔަކު ދައްކަމުންދާ ވާހަކަތަކަކީ ފުޓްބޯޅަ އާއިލާތެރޭގައި އޮތް ގުޅުންތައް ހީނަރުކުރުވުމަށް ބަޔަކު ދައްކަމުންދާ ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ގައުމީ ޓީމަށް އަޝްފާގު ކޮށްދިން ޚިދުމަތާއި ދިވެހި ފުޓްބޯޅައަށް ޓަކައި އޭނާވީ ގުރުބާން އެންމެ ރަނގަޅަށް އެނގޭނީ އަޅުގަނޑުމެންނަށް ދެއްތޯ. އަޅުގަނޑަކީ އަޝްފާގު ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށިއިރުއްސުރެން މިއަދާ ހަމައަށް ވެސް އޭނާއާ އެކު މަސައްކަތް ކުރަމުން އައި މީހެއް. އަޅުގަނޑަށް އޭނާގެ ޚިދުމަތް ވަރަށް ރަނގަޅަށް އެނގޭ. އަޅުގަނޑުމެން ވާނީ، އޭނާގެ ރިޓަޔަމަންޓް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައި. އަޝްފާގާ އެކު އެ މަޝްވަރާތައް ކުރެވި، އެއްބަސްވުމަކަށް ވެސް އާދެވިފައި ވަނީ،" އެފްއޭއެމްގެ ރައީސް ވިދާޅުވި އެވެ.

"ބޫޓާން މެޗަށް ފަހު ވެސް، އަޅުގަނޑާ އަޝްފާގު ވަނީ މިކަމުގައި މަޝްވަރާކޮށްފައި. އަޅުގަނޑު އެދުނިން ކޯޗު ވަރަށް ބޭނުމޭ، ޒުވާން ޓީމެއް އުފައްދާ އިރު، އަޝްފާގު ފަދަ ތަޖްރިބާ ހުރި ކުޅުންތެރިއަކު ޓީމުގައި ހުންނަން. އެކަމަށް ވަކި ގޮތެއް އަޝްފާގު ވެސް ނުނިންމާ އޮތީ. ކޯޗާ އެކު އަޝްފާގު ކުރި މަޝްވަރާތަކަށް ފަހު ޓީމާއެކު ކުރިއަށް ދާފަދަ ގޮތަކަށް ވެސް ވާހަކަ ދެކެވިފައި އޮތީ. މިކަމުގައި އަޅުގަނޑުމެންނާއި އަޝްފާގާ ދެމެދު މައްސަލަތަކެއް ނެތް. އެހެން ނަމަވެސް، ބުންޏޭ ބުންޏޭ ކިޔައިގެން، މި ހާލަތުގެ ބޭނުން ހިފަައި ފުޓްބޯޅަ އާއިލާ ބަލިކަށިކުރަން ބަޔަކު މަސައްކަތްކުރަމުންދާ މަންޒަރު މި ފެންނަނީ."

"ގައުމީ ޓީމަށް ޚިދުމަތްކޮށްފައިވާ ހަމަ ކޮންމެ ކުޅުންތެރިއެއްގެ ވެސް އަގު ވަޒަންކުރާނަން. އަޅުގަނޑުމެން ބޭނުން ހަމަ ކޮންމެ ކުޅުންތެރިއަކު ވެސް ރިޓަޔަރކުރާ އިރު އެކަން ފާހަގަކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން."

ބައްސާމް ވިދާޅުވީ، ގައުމީ ޓީމުން އަޝްފާގަށް އަދި ވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދަގަނޑޭ މަޑުކުރުވަން ވެސް ބޭނުން ކަމަށެވެ. ނަަމަވެސް ޓީމާ އެކު އިތުރަށް ކުރިއަށް ދާން ދަގަނޑޭ ނުނިންމާ ނަމަ، ކުރިން ވެސް މަޝްވަރާކުރެވިފައިވާ ގޮތަށް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ދަގަނޑޭ ރިޓަޔާކުރާ ޚާއްސަ މެޗު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑު ދަގަނޑޭ ފުރަތަމަ އެޅީ، މީގެ ނުވަ އަހަރު ކުރީންނެވެ. އޭރު އޭނާގެ އުމުރަކީ 23 އަހަރެވެ. އޭނާއަށް ވުރެ ތަޖުރިބާ ގިނަ، ސީނިއާ ކުޅުންތެރީންތަކެއް ތިއްބާ، ދަގަނޑޭއާ ކެޕްޓަން ބޭންޑު ހަވާލުކުރީ އޭރު ވެސް އޭނާގެ ފަރާތުން ފެންނަމުން ދިޔަ އިސްނެގުމާއި ދަނޑުމަތީގެ ހިންގުންތެރިކަމުގެ ސަބަބުންކަން ކަށަވަރެވެ.

ގައުމީ ޓީމް ކުޅުނު މެޗެއްގައި ދަގަނޑޭ ގޯލެއް ޖެހުމަށް ފަހު އުފާފާޅު ކުރަނީ ---

މަޖީދިއްޔާ ސްކޫލް ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ދެއްކި މޮޅު ކުޅުމާއި ހުނަރަށް ބަލައި، 2001 ވަނަ އަހަރު، އޭރު ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ވެލެންސިއާ އިން، އުމުރުން 16 އަހަރުގެ ދަގަނޑޭއަށް ޖާގަ ދިނެވެ. އެހިސާބުން ދަގަނޑޭގެ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށުނީ އެވެ. ދެން ފެނިގެން ދިޔައީ ކުޑަވެސް ހުއްޓުމެއް ނެތި، އެތަކެއް ކާމިޔާބެއް ދަގަނޑޭ ހޯދަމުން ދިޔަ މަންޒަރެވެ. ދިވެހި ފުޓްބޯޅައިން ދަގަނޑޭ ހަދަންފެށި ރެކޯޑުތައް، ސަރަހައްދީ ފުޓްބޯޅައާއި އެއަށްވުރެ ވެސް ދުރަށް ދިޔަ އެވެ.

ދަގަނޑޭ އަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ، ތަޖްރިބާ ފުރަތަމަ ކުރެވުނީ، 2003 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އުމުރުން 18 އަހަރުގައި ދިވެހި ޓީމާ އެކު ނުކުތް ކުޅުންތެރިޔާ ވަނީ، ގައުމީ ޓީމަށް ކުޅުނު 78 މެޗުން 52 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ފުޓްބޯޅައިގައި ދިވެހީން ތަޖްރިބާކުރި އެންމެ އުފާވެރި ވަގުތުކޮޅު ކަމަށްވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޓްރޮފީ ދިވެހި ގައުމީ ޓީމުގައި ވެސް ދަގަނޑޭގެ ހިއްސާ ބޮޑެވެ. އޭގެ ފަހުން ވެސް ދިވެހީން ފުޓްބޯޅާގައި ހޯދި ކާމިޔާބީ ތަކާއި ނާކާމިޔާބީތަކުގައި ވެސް ދަގަނޑޭ ނަމަކީ ފަނޑުވުމެއް ނުވާ ނަމެކެވެ.

comment ކޮމެންޓް