އިރާނުގެ ދިފާއާ ކުޅެން އެމެރިކާ، އިސްރާއީލް އަދި ސައޫދީއަކަށް ނުކެރޭނެ: އިރާން

އީރާނުގެ ޖެނެރަލުންތަކަކާ އެކު އެޑްމިރަލް ސިޔާރީ --
ތެހެރާން (އެޕްރީލް 6) : އިރާނުގެ ދިފާއާ ކުޅެން އެމެރިކާއާއި އިސްރާއީލު އަދި ސައުދީ އަރަބިއްޔާއަކަށް ނުކެރޭނެ ކަމަށާ އިރާނުގެ ދިފާއީ ބާރުތައް ވަރުގަދަކޮށް، ހަތިޔާރު ހަދަން ބޭނުންވާ ވަރަށް ހަތިޔާރު ހަދާއިރު އެކަމުގައި ބޭރުގެ އެއްވެސް ފަރާތެއްގެ މޫނަށް ނުވަތަ ކަނދުރާއަށް ނުބަލާނެކަމަށް އެގައުމުން ބުނެފިއެވެ.

އިރާނުގެ ސިފައިންގެ ވެރިޔާގެ ނައިބު އެޑްމިރަލް ހަބީބުﷲ ސިޔާރީ ވިދާޅުވީ އިރާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާ އިރާނުން ހަތިޔާރު އުފައްދާނެ މިންވަރަކާއި އުފައްދާނެ ހަތިޔާރާއި އޭގެ ބާވަތްތައް ކަނޑައަޅާނީ އިރާނުން ކަމުގައެވެ. އެކަމުގައި އެއްވެސް ގައުމެއް ނުވަތަ މުއައްސަސާއެއްގެ ރުހުން އޮތްތޯ ނުވަތަ ނޫންތޯ އިރާނުން ނުބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިރާނަކީ ރަނގަޅު ގައުމެއްކަން ނުވަތަ ނުބައި ގައުމެއްކަން ކަނޑައެޅުމުގެ ސެޓްފިކެޓެއް އެމެރިކާ އަތުން ހޯދަން ބޭނުންނުވާ ކަމަށްވެސް ސިޔާރީ ވިދާޅުވިއެވެ.

ތެހެރާންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑްމިރަލް ސިޔާރީ ވިދާޅުވީ އިރާނަކީ ތިރީސް އެތައް އަހަރެއް ވަންދެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށާ އިރާނުން ހަތިޔާރު އިންޑަސްޓްރީއާއި ނިއުކްލިޔަރ އިންފްރާސްޓްރަކްޗަރާއި މިސައިލާއި ރޮކެޓް ޓެކްނޮލޮޖީއާއި ފަޒާގެ ސައެންސް ތަރައްގީކުރީވެސް އެމެރިކާއިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮއްވާ ކަމުގައެވެ.

އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެތީ އިރާން ބިރު ނުގަންނަ ކަމަށާ އެމެރިކާއާއި އިސްރާއީލާ އަދި ސައޫދީއަށްވެސް އީރާނުގެ އަމަނާ ކުޅެލަން ނުކެރޭނެކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން އޮތްކަމަށް އެޑްމިރަލް ސިޔާރީ ވިދާޅުވިއެވެ.

ސިޔާރީ މިހެން ވިދާޅުވީ ޔަމަނާ ދެކޮޅަށް ސައުދީ ވައިގެ ސިފައިން ދޭ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޔަމަންގެ ޙޫޘީ ޖަމާއަތުން ސައުދީއަށް ދޭ މިސައިލު ހަމަލާތަކުގެ ފަހަތުގައި އޮތީ އިރާނު ކަމަށް ސައުދީއާއި އެމެރިކާއިން ތުހުމަތުކޮށްފައި ވަނިކޮށެވެ. ހޫޘީން ސައޫދީއަށް ހަމަލާ ދެނީ އިރާނުގައި އުފައްދާ މިސައިލުން ކަމަށާ އެކަމާ ގުޅިގެން އިރާނަށް ރައްދުދޭނެ ގޮތަކާއި ރައްދުދޭނެ ވަގުތެއް ކަނޑައަޅާނީ ސައުދީކަމަށް ވިދާޅުވެ ސައުދީ އަސްކަރީ ތަރްޖަމާނަކު ވަނީ އިރާނަށް އިންޒާރު ދެއްވާފައެވެ.

ނަމަވެސް ޔަމަނުގެ ވެރިކަން ކޮންޓްރޯލްކުރާ ހޫޘީން ސައުދީއަށް ހަމަލާދެނީ ޔަމަނުގެ ސިފައިންގެ ގުދަންތަކުގައިވާ، ރަޝިއާއިން އުފައްދާފައިވާ މިސައިލްތަކުން ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. ޔަމަންގެ ޙޫޘީން އެގައުމުގެ ވެރިކަން އަތުލުމާއެކު ޔަމަންގެ ސިފައިންގެ ލަޝްކަރުތަކުގެ ބޮޑުބައި ކޮންޓްރޯލުކުރަނީ ހޫޘީން އުފައްދާފައިވާ ސަރުކާރުންނެވެ.

ޔަމަނަކީ ގިނަ އަދަދެއްގެ ހަތިޔާރު ހުރި ގައުމަކަށް ވާއިރު އެހަތިޔާރުތައް ހުރީ ޙޫޘީންގެ ސަރުކާރަށް ނިސްބަތްވާ ޔަމަނުގެ ސިފައިންގެ އަތްދަށުގައެވެ. ޙޫޘީން ކޮންޓްރޯލްކުރާ ޔަމަނުގެ ސިފައިންގެ ގުދަންތަކުގައި 400 އަށް ވުރެ ގިނަ ދުރު ރާސްތާއާއި މެދުރާސްތާގެ މިސައިލް ހުރިކަމަށް ޖާސޫސީ ރިޕޯޓްތަކުން ހާމަވެފައިވެއެވެ.

އިރާނުން ވަނީ ފާއިތުވި އަހަރު ތެރޭގައި އެގައުމުން އުފައްދާ މިސައިލްގެ އަދަދު ދެގުނައަށް އިތުރުކޮށް، ދިފާއީ ބާރުތައް އިތުރަށް ވަރުގަދަކުރިކަން ހާމަކޮށްފައެވެ. އަދި އިރާނުން ވަނީ ރަޝިއާގައި އުފައްދާ ވައިގެ ދިފާއީ އައްޑަނައެއް ކަމަށްވާ އެސް-300 މަރުކާގެ ނިޒާމުތަކެއްވެސް ގަތުމަށްފަހު އެގައުމުގެ މުހިންމު މަރުކަޒުތަކުގެ ކައިރީގައި އޭގެ ބެޓްރީތައް ރުކުރުވާލާފައެވެ.

ހޫޘީން ސައުދީއަށް ދޭ މިސައިލުތައް ވައްޓާލުމަށް ސައުދީން ބޭނުންކުރާ އެމެރިކާގެ ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމުގެ ފެންވަރުދަށްކަން ހާމަވުމާ ގުޅިގެން ސައުދީން ވަނީ އެކަމުގެ ޝަކުވާ އެމެރިކާ ސަރުކާރާ ހަމައަށް ގެންގޮސްފައެވެ. ހޫޘީންގެ މިސައިލް ހަމަލާތަށް ކޮންޓްރޯލުކުރުމުގައި އެމެރިކާގެ ޕެޓްރިއޮޓް ނިޒާމުގެ ބެޓްރީތައް ނާކާމިޔާބުވުމުން އެހަމަލާތައް ސައޫދީގެ އެތަށް މިތަނަށް އަރާފައިވެއެވެ.

މީގެ ހަމަލާއެއް ސައޫދީ ވެރިރަށް ރިޔާޟްގެ ގެއަކަށް އެރުމުން އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެސް ވެފައިވެއެވެ. މިއާއެކު ސައުދީގައި ވަނީ އެމެރިކާއިން ސައުދީއަށް އަގުބޮޑުކޮށް ވިއްކާ މިސައިލު އައްޑަނައިގެ ނިޒާމުތަކުގެ ގާބިލުކަމާމެދު ސުވާލު އުފައްދައި ރަޝިއާއިން މިފަދަ ނިޒާމެއް ގަތުމުގެ ބޭނުންތެރިކަމުގެ ވާހަކަތަކެއް ފެތުރިފައެވެ.

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ދާދި ފަހުން ވަނީ އިރާނާ ދިމާކުރުމުގައި އިސްރާއީލާއި ސައޫދީގެ ގުޅިފައިވާ މަސްލަހަތުތަކެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ހައްގުތަކެއް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

މިއީ އަރަބި އެއްވެސް ވެރިއަކު މިހާތަނަށް ވިދާޅުވެފައިވާ ބަސްފުޅެއް ނޫންކަމާއި މިއީ އަރަބި ބެލްފޯރ ޑެކްލަރޭޝަންކަމަށް އިސްރާއީލުގެ ނޫސްތަކުންވަނީ ސިފަކޮށް އެކަމާ މެދު ހިތްހަމަޖެހޭކަން ހާމަކޮށްފައެވެ. މުހައްމަދު ބިން ސަލްމާން މިހެން ވިދާޅުވިއިރު އިސްރާއީލުން ދާދި ފަހުން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 1،500 މީހުން ޒަހަމްކޮށްލި ގަތުލުއާންމާ ދެކޮޅަށް އެމަނިކުފާނު އެއްޗެއް ވިދާޅުވެފައި ނުވާތީ ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ މާޔޫސްކަން ހާމަކޮށްފައެވެ.

ނަމަވެސް ވަލީއަހުދު މުހައްމަދުގެ ބަޔާނަށްފަހު ސައޫދީ ރަސްގެފާނު ވަނީ ފަލަސްތީނުގެ ދައުލަތަކަށް ސައޫދީން ތާއީދުކުރާނެ ކަމަށް ވިދާޅުވެފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް