ކުއާޓާގެ ފަހު ޖާގަތައް އުރީދޫ، މޯލްޑިވިއަން، އެމްޓީސީސީ އަދި އެމްޕީއެލްއަށް

ކްލަބު މޯލްޑިވްސް ކަޕްގެ މެޗެއްގެ ތެރެއިން --

ކްލަބު މޯލްޑިވްސް ކަޕް 2018ގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް އުރީދޫ، މޯލްޑިވިއަން، ކްލަބު އެމްޓީސީސީ އަދި އެމްޕީއެލްއިން ހޯދައިފިއެވެ.

އެ ހަތަރު ޓީމުން ކުއާޓާގެ ޖާގަތައް ހޯދާފައިވަނީ މާފަންނު ސްޓޭޑިއަމް މިނީ ދަނޑުގައި ރޭ ކުޅުނު ގަދަ 16ގެ ފަހު މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ކަސްޓަމްސް ރެކްރިއޭޝަން ކްލަބާ ވާދަކޮށް، އުރީދޫން މެޗު ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުރީދޫން ޖެހި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ފާޝިރެވެ. ކަސްޓަމްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ހުމައިރު އަދި ހަސަން ނޫރިޝްއެވެ.

ޕޮލިސް ކްލަބު އަތުން މޯލްޑިވިއަން މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މޯލްޑިވިއަނުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އަބްދުﷲ ޝައްފާން ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން އަފްސަލާއި އިބްރާހިމް ތަހުސީން އަދި އަހްމަދު ހަމްދާން ހުސައިނެވެ. ޕޮލިހުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ރިފްޝާން އަދި ޝިފާޒެވެ.

ކްލަބު އެމްޓީސީސީއާއި ޔުނައިޓެޑް ބީއެމްއެލް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި 5-4ގެ ނަތީޖާއަކުން މޮޅުވީ އެމްޓީސީސީއެވެ.

މެޗުގައި އެމްޓީސީސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަނޫނާއި މުހައްމަދު ތަޝްމީން (ތައްތި)އާއި އަކްމަލް މުހައްމަދާއި ޝުޖާއު ހުސައިން އަދި މުހައްމަދު ޝަހުޒާނެވެ. ބީއެމްއެލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނާސިދު އަހްމަދު ނަސީމާއި ސާމިން މުހައްމަދު ނަސީރާއި ހުސައިން ޝިފާން އިބްރާހިމް އަދި އިޝާން އިބްރާހިމް (ސައްޓު)އެވެ.

ރޭ ޕްރިޒަން ކްލަބު އަތުން އެމްޕީއެލް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްޕީއެލްއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ސިނާން އިބްރާހިމް ރަޝީދު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒާއި އަލީ ޝިފާއުއެވެ. އެ މެޗުގައި ޕްރިޒަނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ނަބީހެވެ.

އެ މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއާއި އަންގާރަ ދުވަހުއެވެ. މާދަމާ ރޭ ކުޅޭ ކުއާޓާގެ ފުރަތަމަ މެޗުގައި ދިރާގާއި ކްލަބު ޓީސީއެލް ބައްދަލުކުރާ އިރު، ކުއާޓާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެލައިޑާއި ކްލަބު އެޗްޑީސީއެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ކުއާޓާގެ މެޗުގައި އުރީދޫއާއި މޯލްޑިވިއަން ބައްދަލުކުރާ އިރު، ކުއާޓާގެ ފަހު މެޗުގައި އެމްޓީސީސީ ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ރަނަރަޕް އެމްޕީއެލްއާ ދެކޮޅަށެވެ.

comment ކޮމެންޓް