ވަކި ކަމެއް ހާސިލްކުރަން ބޭނުންކުރާ ހަތިޔާރަކަށް "ދަގަނޑޭ" ހަދަނީބާ!

އެފްއޭއެމުން މިހާރު ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ފުޓްބޯޅައިގެ ޒުވާން، ރަނގަޅު ޖީލެއް ބިނާކުރުން-- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މިދައްކަނީ ދިވެހި ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ވަރުގަދަ އެއް ޝަޚްޞިއްޔަތުގެ ވާހަކައެވެ. އެ ނަން އިވުމުން، ދިވެހި ފުޓްބޯޅަ އާއިލާއާއި ދިވެހި ފުޓްބޯޅައިގެ ސަޕޯޓަރުންގެ ޖަޒްބާތާ ކުޅެލާ ކުޅުންތެރިއެއްގެ ވާހަކައެވެ. މުޅި ދިވެހި ގައުމު އެ ކުޅުންތެރިއަކަށްޓަކައި ފަޚުރުވެރިވާ، ޢަލީ އަޝްފާޤު (ދަގަނޑޭ)ގެ ވާހަކައެވެ. މިހާރު ޢުމުރުން 32 އަހަރު ވެފައިވާ ދަގަނޑޭ، ދިވެހި ފުޓްބޯޅައަށް ކޮށްދީފައިވާ ޚިދުމަތްތަކަކީ އޭނާއާ ދޭތެރޭ ހަމަ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާނޭ ފަދަ ޚިދުމަތްތަކެކެވެ. އެހެންވެ ދަގަނޑޭއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދިވެހީން އަޑުއަހަނީ ނިކަން ޝައުގުވެރިކަމާ އެކީއެވެ. މިއަދު ދިވެހި ފުޓްބޯޅައާ ގުޅޭ މައުލޫތަކުގެ އެންމެ ކުރީގައި ދަގަނޑޭގެ ވާހަކަ ދެކެވެނީ އެހެންވެއެވެ.

މައްސަލައަކީ ކޮބާ؟

މައްސަލައަކީ ހަމަ ޔަގީނުންވެސް ދަގަނޑޭއެއް ނޫނެވެ. ދިވެހި ފުޓްބޯޅައަށް މައްސަލަތަކެއް ކުރިމަތިވެގެން އުޅެނީ އިއްޔެއަކު މިއަދަކު ނޫނެވެ. މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. މައްސަލައަކީ ކޮބައިކަން ފުޓްބޯޅައިގެ ތެރޭގައި މިއުޅޭ ގިނަމީހުން ދަނެއެވެ. އަދި ހައްލަކީ ކޮބައިކަން ވެސް ގިނަ މީހުންނަށް އެނގެއެވެ. ނުވެގެން އުޅޭކަމަކީ، މައްސަލަ ހައްލު ކުރެވުމެވެ. އެކަމަށް ބޭނުންވާ ފަރުވާ އެނގިތިބެ، އެކަން ކުރިޔަ ނުދެނީއެވެ.

ދިވެހި ފުޓްބޯޅަ ކުޅުންތެރީން ޕްރޮފެޝަނަލް ބަޔަކަށް ހަދަންޖެހޭ ވާހަކަ ދެކެވޭތާ އެތައް އަހަރެއް ވެއްޖެއެވެ. ކުޅުންތެރީންގެ ކިބައިގައި ކުޅިވަރުގެ އަޚްލާގު ހަރުލައްވަން ޖެހޭ ވާހަކައެވެ. އެކަމަށް މަސައްކަތްތަކެއްވެސް ކުރެވެއެވެ. ނަމަވެސް ކާމިޔާބާ ހަމައަށް އަދި ވާސިލް ނުވެވެނީއެވެ.

ޒިންމާ ނަގާނީ ކޮންބައެއް؟

ޒިންމާ ނަގަން ޖެހޭ މީހުން ވަރަށް ސާފެވެ. ދަރިވަރުންގެ އަޚްލާގު ގޯސްވާ ނަމަ އެކަމުގެ ޒިންމާ ނަގާނީ ކިޔަވައިދޭ މުދައްރިސެވެ. އަދި މަދަރުސާގެ ވެރީންނާއި ކުއްޖާގެ ބެލެނިވެރީންނެވެ. މިއީ ފުޓްބޯޅަ ޓީމަކަށް ނުވަތަ ކުޅުންތެރީންނަށް ބެލިކަމުގައި ވިޔަސް މިކަން އޮންނާނޭ ގޮތެވެ. ކުޅުންތެރީންގެ އަޚްލާގު ގޯސްވެ، ޓީމުގެ އަމާޒު ގެއްލޭ ހާލަތުގައި އެކަމާ ޒިންމާވާން ޖެހޭނީ ޓީމުގެ ކޯޗެވެ. ދެން އެއަށްފަހު، މެނޭޖްމަންޓެވެ. ގައުމީ ޓީމުނަމަ ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާ އިދާރާއެވެ.

މި ދިވެހިރާއްޖެއަކީވެސް އިންތިހާއަށް ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެކެވެ. ޚާއްސަކޮށް ބައިނަލްއަގްވާމީ ފެންވަރުގައި ގައުމީ ޓީމުންވެސް އަދި ކްލަބަކުން ނަމަވެސް ހޯދާ ކާމިޔާބާއި ނާކާމިޔާބަކީ ދިވެހީންގެ ޖަޒްބާތާ ވަރަށް ބޮޑަށް ކުޅެލާ ކަންތައްތަކެވެ. އެހެންކަމަށް ވާނަމަ، މިފަދަ "ގައުމީ ހަނގުރާމައަކަށް ލަޝްކަރު ތައްޔާރުކުރާއިރު، ފަހުލަވާނުން ތައްޔާރުކުރަން ތިބޭ މޭސްތިރީންނަކީ، ފިސާރި ހަރުދަނާ، ގާބިލް ބަޔަކަށް ވާންޖެހޭނެ"އެވެ.

ގައުމީ ޓީމަށް ކުޅުންތެރީން ހޮވުމުގައި އެ ކުޅުންތެރީން ކްލަބު ލެވެލްގައި ދައްކާ ހުނަރަށާއި ގާބިލްކަން އަދި އަޚްލާގަށް ވަރަށް ބޮޑަށް ބަލައެވެ. މިއީ ހުރިހާ ކޯޗުންވެސް އިއްތިފާގު ވާނޭ ކަމެކެވެ. އެހެންކަމުން ކުޅުންތެރީން ޕްރޮފެޝަނަލް ކުރުމުގައި ކޯޗުންގެ ޒިންމާއާ ދޭތެރޭ އިތުރަށް ސުވާލު އުފައްދާކަށް ނުޖެހެއެވެ. ވީމާ މި މައުލޫއަށް ވާހަކަ ދައްކާއިރު ޒިންމާ ނަގަން ޖެހޭ މީހުން ވަރަށް ސާފެވެ.

މިހާރު ދިމާވެގެން އުޅޭ މައްސަލަ

މިފަހަރު ދިވެހި ފުޓްބޯޅައިގެ މަސްރަހް ހޫނުވެގެން ދިޔައީ، އަހަރެމެން އެންމެންގެ ލޯބީ ހޯދާފައިވާ ގައުމީ ބަތަލު، އަލީ އަޝްފާގަށް ގައުމީ ޓީމުން ޖާގަ ނުދިނުމުންނެވެ. ޖާގަ ނުލިބުނު ސަބަބު އޮތްތާނގައި ބާއްވާފައި ކޮންމެވެސް ބަޔަކު ބެލީ "ހާލަތުގެ ކޯރުން ކަރުހިއްކުން ފިލުވާލެވޭތޯ" އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި، ބޫޓާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރާއްޖެ ކުޅުނު މެޗުގެ އެއްދުވަސް ކުރީން، ދަގަނޑޭ ބުނީ އޭނާ ޓީމުން ވަކިކޮށްފި ކަމަށެވެ. ސަބަބައް ކަމަށް ކޯޗު ޕީޓަރ ސެގަޓް ބުނީ، އެދުވަހުގެ ޕްރެސް ކޮންފަރެންސަށް އޭނާ ނުދިއުން ކަމަށެވެ.

"ކޯޗު އަންގާފައިވަނީ ޓީމުން ވަކިކުރިކަން، ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މިއަދުގެ [ބޫޓާން މެޗުގެ ކުރިން އޮތް] ޕްރެސް ކޮންފަރެންސަށް ނުދިއުން. އިތުރު ކަމެއް އުޅޭކަމެއް އެނގިފައެއް ނެތް،" ސަން ސްޕޯޓްސް އަށް ދަގަނޑޭ ބުންޏެވެ.

ކޯޗުގެ އެ ނިންމުމަށް ދަގަނޑޭ ފުރިހަމައަށް އިހްތިރާމްކުރިއެވެ. އެކަމާ އިތުރަށް ވާހަކަ ދައްކަންވެސް އޭނާ ބޭނުމެއް ނުވިއެވެ. ރާއްޖޭގެ އިތުރުން މެލޭޝިއާގެ އެންމެ ވަރުގަދަ ލީގުގައިވެސް ޕްރޮފެޝަނަލްކޮށް ކުޅެފައިވާ ކުޅުންތެރިއަކަށްވުމުން މިފަދަ ޕްރޮފެޝަނަލް ނިންމުންތައް ދަގަނޑޭއަށް ހަމަ ޔަގީނުންވެސް އަލެއް ނުވާނެއެވެ. އެހެންކަމުން ކޯޗެއްގެ އެފަދަ ނިންމުމެއް އަންނާނީ ކީއްވެގެންކަން ދަގަނޑޭއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ.

"ފުރިހަމައަށް އިހުތިރާމް ކުރަން ކޯޗުގެ ނިންމުމަށް."

ގައުމީ ކޯޗު ޕީޓަރ ސެގަޓާއި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ސަލާމްކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދަގަނޑޭ އެވާހަކަ އިތުރަށް ދައްކަން ބޭނުން ނުވި ނަމަވެސް މިކަން ހޫނުކުރަން ބަޔަކު މަސައްކަތް ކޮށްފިއެވެ. ދަނޑިވަޅަށް ފަރިވެތިބި ސިންގާތަކެއްހެން، ފުއްލާ ފެންނައިރަށް ފުރަތަމަވެސް ކަރުގައި ހިފޭތޯ ބެލީއެވެ. ކަންބަލަން ތިބި މީހުންނަށް މަންޒަރު އޮޅުވާލުމަށް ބޭނުންކުރެވޭނޭ އެންމެ މޮޅު ހަތިޔާރަކީ، ފުޓްބޯޅައަށް ލޯބިކުރާ ދިވެހީންގެ "ލޮލުގެ ނޫރު" ކަމަށްވާ ދަގަނޑޭއަށް ވާތީ، އަވަހަށް ދަގަނޑޭގެ ދިފާއުގައި ކަމަށް ބުނެ ނުކުތީއެވެ. ދެން ވާހަތަކުން ބޮކިޖަހައި ރަނގަޅަށް ކެކެން ފެށީއެވެ.

ދަގަނޑޭގެ ވާހަކަ އެންމެފަހުން ރަނގަޅަށް ހޫނުވެ، އޮލަވާހިސާބަށް ދިޔައީ ބޫޓާން މެޗަށް ދަގަނޑޭ "މެންޓަލީ ޕްރިޕެއަޑް" ނޫންކަމަށް ކޯޗު ސެގަޓް ބުނުމުންނެވެ. އެހިސާބުން އެއްބަޔަކު، "ދަގަނޑޭއަކީ މޮޔައެއްކަމަށް ކޯޗު ބުނެފި،" ކަމަށާއި "ދަގަނޑޭ ސިކުނޑި ހަމަނުޖެހޭކަމަށް ކޯޗު ބުނެފި،" ކަމަށާއި މިފަދަ މޭރުމަކުން ވާހަކަތައް ފަތުރާލީއެވެ. އެންމެ ފަހުން ދަގަނޑޭއަށް ވެސް މިކަމާ ޖަވާބުދާރީ ވާން ޖެހުނީއެވެ.

"އަހަރެންގެ މައްސަލައެއް ނެތް ޓީމަށް ނުނެގުމަކުން. އެކަމަކު އަހަންނަކީ މޮޔައެކޭ ބުނާނަމަ ކޯޗު އެކަމަށް މާފަށް އެދެން ޖެހޭނެ،" ވަރަށް ސާދާކަމާއެކު ދަގަނޑޭ ބުންޏެވެ.

އަހަރެން ހިތަށް އަރައެވެ. ކުޅުންތެރިއަކު މެޗަށް ނުކުންނަން "މެންޓަލީ ޕްރިޕިއަރޑް"އެއް ނޫނޭ ކޯޗު ބުނުމުން އެއީ އެ ކުޅުންތެރިޔާއަކީ މޮޔައެއް ކަމަށް މާނަކުރާ ނަމަ، ކުޅުންތެރިއަކު މެޗަށް "ފިޒިކަލީ ޕްރިޕިއަޑް"އެއް ނޫނޭ ކޯޗަކު ބުނެފި ނަމަ އެމީހުން ބުނާނެތާއެވެ. އެބުނީ އެކުޅުންތެރިޔާއަކީ "ނުކުޅޭދޭ މީހެއް" ކަމަށެވެ. އެހެންކަމުން ފުޓްބޯޅަގައި ބޭނުންކުރާ މިފަދަ ބަސްތަކުގެ މާނަކުރުންތައް ދަސްކުރާންވެސް އެބަ ޖެހޭތާއެވެ.

މިކަމުގައި ގައުމީ ކޯޗު ސެގަޓްގެ ބަސްވެސް ވަރަށް ސާދާ ސީދާއެވެ. އަދި ހަމަ އެހާމެ ސާފެވެ. ކޯޗު ބުނީ، "އަހަރެންނަކީ ޓީމުގެ ލީޑަރު، އެކަން އެންމެވެސް ގަބޫލުކުރަން ޖެހޭނެ. ކުޅުންތެރީން ޓީމަށް ނަގާނީ އަދި އުނިކުރާނީ އަހަރެން" ކަމަށެވެ. އަދި ދަގަނޑޭއަށް ނިސްބަތްކޮށް "މޮޔައެކޭ" ނުވަތަ "ސިކުނޑި ހަމަ ނުޖެހޭ މީހެކޭ" ބުނެފައި ނުވާނެކަމަށް ކޯޗު ބުންޏެވެ.

ޕީޓާރ ސެގަޓަކީ ކާކުކަން، އާންމު ދިވެހި ސަޕޯޓަރުންނަށް ނޭނގިދާނެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ފުޓްބޯޅަ މައިދާނުގައި އެތަކެއް ދުވަސްތަކެއް ހޭދަކޮށްފައިވާ، ފުންނާބު އުސް ފަރާތްތަކަށް އޭނާ ނޭނގިދާނޭ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެން ނަމަވެސް، ސެގާޓަކީ ކިހާ ފެންވަރެއްގެ ކާކުތޯ ސުވާލު އުފައްދައި، ކޯޗުކަން ހަވާލުކުރުމުން އެއީ "ރަސްކަމެއް" ފަދަ ކަމެއްގެ ގޮތުގައި ދެކި، ބާރުގެ ބޭނުންކުރަނީއޭ ބުނާފަދަ މޭރުމަކުން ކޯޗަށް "ކުރުދޮށިން" ދޭނަމަ، މިފަދަ ދަނޑިވަޅެއްގައި މިއީ ދިވެހި ފުޓްބޯޅައަށް ލިބޭނޭ އިތުރު ހީނަރުކަމަކަށް ނުވެދާނެބާއޭ ހަމަ ހަގީތަގަތުގައިވެސް ހިތަށް އަރައެވެ.

ސެގަޓްއަކީ ކާކު؟

ކްރޮއޭޝިއާއަށް އުފަން، ޖަރުމަނު ކޯޗު ޕީޓަރ ސެގަޓަކީ ޔޫއެފާ ޕްރޯ ލައިސަންސް ހޯދާފައިވާ ކޯޗެކެވެ. އުމުރުން އެންމެ 17 އަހަރުގައި ކޯޗިންގެ ދާއިރާގެ ޝައުގުވެރިކަމާއެކު ފުޓްބޯޅަ ކެރިއަރު ފެށި ސެގަޓްގެ އުމުރުން 27 އަހަރުގައި ވަނީ، "ޔޫއެފާ ބީ ކޯޗިން ލައިސަންސް" ހާސިލްކޮށް ކޯޗިން ކެރިއަރު ރަސްމީކޮށް ފަށައިފައެވެ. ވޭތުވެ ދިޔަ 25 ވަރަކަށް އަހަރު ތެރޭގައި ސެގަޓް ވަނީ، ތަފާތު ލެވެލްގެ ކްލަބްތަކަށް ކޯޗުކޮށްދީފައެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަފަދަ ޖަރުމަނު ލީގަށް ނިސްބަތްވާ، ދެ ޓީމެއްގެ ޖޫނިއަރ ޓީމާއެކު އޭނާ މަސައްކަތްކޮށްފައި ވެއެވެ. އަދި ޖޯޖިއާ، އާއި އަފްޣާނިސްތާނުގެ ގައުމީ ޓީމު ހިމެނެއެވެ.

ޖޯޖިއާގެ ފުޓްބޯޅަ ތާރީޚުގައި ހޯދި އެންމެ ފާހަގަކުރެވޭ އެއް ކާމިޔާބީ ހާސިލްކުރީ ސެގަޓްގެ އިރުޝާދުގެ ދަށުންނެވެ. 2007 ވަނަ އަހަރު ޔޫރަޕިއަން ކަޕް ކޮލިފިކޭޝަންގައި ޖޯޖިއާގެ 21 އަހަރުން ދަށުގެ ޓީމު 2-0 އިން ރަޝިއާގެ 21 އަހަރުން ދަށުގެ ޓީމު ބަލިކުރީ ސެގަޓްގެ މޭސްތިރިކަމުގައެވެ. ސެގަޓް ވަނީ އެޓީމަކަށް ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ނިސްބަތްވާ ޕޯޗްގަލްގެ ގައުމީ ޓީމާ ދެކޮޅަށް ޖޯޖިއާގެ ގައުމީ ޓީމަށް އިރުޝާދުދީފައެވެ. އަދި އެސްޓޯނިއާ ފަދަ ޓީމުތަކާ ދެކޮޅަށް ކޯޗުކޮށްދީފައެވެ. މީގެ އިތުރުން އަފްޣާނިސްތާނުގެ ފުޓްބޯޅައަށް އެންމެ ބޮޑު އިންގިލާބެއް ގެނެސްދިން ކޯޗަކީ ސެގަޓްކަން ފާހަގަކޮށްލެވެއެވެ. ތިން އަހަރު ތެރޭ ސެގަޓްގެ އިރުޝާދުގެ ދަށުން އަފްޣާން ފުޓްބޯޅަ އާ ހަރުފަތްތަކަކަށް ގެންދިޔައީ ޕްރޮފެޝަނަލް އަދި ޑިސިޕްލިން ޓީމެއްގެ ގޮތުގައެވެ.

ސެގަޓްގެ ފިލޯސަފީ އެންމެ ތިލަކޮށް ބުނާނަމަ ބުނެވޭނީ އޭނާއަކީ، ލީޑަރޝިޕް ނަގަން ދަންނަ، ޕްރޮފެޝަނަލް، ޑިސިޕްލިންޑް، އަދި މޮޅުވުމުގެ ރޫހާއެކު ކުޅުންތެރީންނާއި ޓީމުތައް ބިނާކުރާ "އޯގަނައިޒޭޝަނެއް" ފަދަ ޝަޚްސިއްޔަތެކެވެ.

އެފްއޭއެމުން ސެގަޓާ ހަވާލުކުރީ، ފުޓްބޯޅައިގެ ރަނގަޅު ޖީލެއް އުފެއްދުމުގެ މަސްއޫލިއްޔަތެވެ. "ޑިސިޕްލިންޑް" އަދި "ޕްރޮފެޝަނަލް" ޓީމެއް އުފެއްދުމުގެ ޒިންމާއެވެ. އޭނާ ކުރީ އެ މަސައްކަތެވެ. އަދި ކުރަމުން ދަނީވެސް އެ މަސައްކަތެވެ.

"އަޅުގަނޑުމެން ކޯޗާ ހަވާލުކުރީ، ރަނގަޅު ޒުވާން ގައުމީ ފުޓްބޯޅަ ޓީމެއް އުފެއްދުމުގެ މަސައްކަތް. ހާއްސަކޮށް ޕްރޮފެޝަނަލް އަދި ޑިސިޕްލިން ޓީމެއް. އެވްރެޖްކޮށް 25 އަހަރު ނުވަތަ 25 އަހަރުން ދަށުގެ ކުޅުންތެރީން އެކުލެވޭ، ފިޓްނަސް ލެވެލް ރަނގަޅު، ބެލަންސް ޓީމެއް އުފައްދަން،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

"ކުއްލި ބަދަލެއް ގެންނަން އުނދަގޫ ވާނޭކަމަށް ބުނެފައި ވާނީ، އަދި ފާޑުކިޔުންތަކާ ޕްރެޝަރުތައްވެސް ކުރިމަތި ވާނޭކަމަށް ބުނިން. ކިތަންމެ މޮޅު ކުޅުންތެރިއަކަސް ދަނޑު މަތީގައާއި އަދި ދަނޑުން ބޭރުގައި ވެސް ގައުމީ ޓީމަށް 100 ދެވޭ ކުޅުންތެރީންނަށް ވާން ޖެހޭނޭކަމަށް ބުނިން."

ސެގަޓް ބުނީ، ކޯޗެއްގެ ގޮތުގައި އޭނާ އަދާކުރަނީ ޕްރޮފެޝަނަލް ވަޒީފާއެއް ކަމަށެވެ. އެއީ ޒާތީ މަސައްކަތްތަކެއް އެކުލެވޭ، ނުވަތަ މީހަކާ ޒާތީގޮތުން ޖައްސާލަން ޖެހޭ މަސައްކަތެއްވެސް ނޫންކަމަށެވެ.

ފާޑުކިޔަން ޖެހޭނޭ ކަމަށާއި، ނަމަވެސް އެ ވާންޖެހޭނީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ކަން ފާހަގަކުރަމުން ތަޖްރިބާކާރު ކޯޗު ބުނީ، "އަހަރެންގެ ޓީމަށް ބޭނުންވަނީ 100 ޕަސެންޓް ދޭނެ ކުޅުންތެރިން. ކޮންމެ ކުޅުންތެރިއަކުވެސް މެޗުތަކަށް ނުކުންނަން ޖެހޭނީ 100 ޕަސެންޓް ގައުމަށްޓަކައި ދޭން،" ކަމަށެވެ.

ބޫޓާން މެޗުގެ ޕްރެސްގައި ދަގަނޑޭ ބައިވެރި ނުވުމުން، އޭނާ ޓީމަށް ނުނެގީ ޕްރޮފެޝަނަލް ނިންމުމެއްގެ ގޮތުގައި ކަމަށް ކޯޗު ބުންޏެވެ. އަދި އެ މެޗަށް ދަގަނޑޭ "މެންޓަލީ ޕްރިޕެއަރޑް" ނޫންކަމަށް ބުނުމުން އޭނާއަކީ "މޮޔައެއްކަމަށް" ކޯޗު ބުންޏޭ ބުނެ ބަޔަކު ވާހަކަތައް ފަތުރާނަމަ އެއީ ހިތާމަކުރާން ޖެހޭ ކަމެއްގެ ގޮތުގައި ކޯޗުގެ އިތުރުން އެފްއޭއެމްގެ ރައީސްވެސް ފާހަގަކުރިއެވެ.

"މެޗަށް ފަހު އަޅުގަނޑުވެސް އަދި ކޯޗުވެސް ދަގަނޑޭއާ ވާހަކަ ދެއްކިން. ކޯޗު ވަރަށް ބޭނުން އަޝްފާގު ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕާ ހަމައަށް ހުންނަން. ނަމަވެސް ބަޔަކު މީހުން މީގެ ތެރެއަށް ބުންޏޭ ބުންޏޭ ކިޔައި އަޝްފާގު ނުދައްކާ ވާހަކަތައްވެސް ދެއްކިއޭ ކިޔައިގެން ވާހަކަތައް ފަތުރަނީ،" ކްލަބް ވެލެންސިއާއިން، ދަގަނޑޭގެ ސީނިއަރ ފުޓްބޯޅަ ކެރިއަރު ފެށީއްސުރެންވެސް އޭނާއާ ވަރަށް ގާތްކޮށް މަސައްކަތްކުރަމުން ދާ ބައްސާމް ވިދާޅުވިއެވެ.

"ސިންގަޕޫރު މެޗަށް އަޝްފާގު ނުދާން ނިންމުމުން ވެސް އެކަމަށް އިހްތިރާމްކޮށް، ކޯޗު ބޭނުންވީ، ބޫޓާން މެޗަށް ދަގަނޑޭއަށް ރެސްޓް ދޭން. އަދި ސާފް ޗެމްޕިއަންޝިޕާ ހަމައަށް ދަގަނޑޭ ޓީމުގައި މަޑުކުރުން އެއީ ކޯޗު އެންމެ ބޭނުންވާގޮތް. ދަގަނޑޭގެ މުހިންމުކަން އެންމެ ބޮޑަށް ފާހަގަކުރަމުން ދަނީވެސް ކޯޗު."

ދިވެހި ފުޓްބޯޅަ ސިޔާސީ ކުރަން އަބަދުވެސް ކޮންމެވެސް ބަޔަކު މަސައްކަތް ކުރެއެވެ. ދެއިރު ދެދަޅައަށް އަންނައުނު ބަދަލުކުރާ އުސޫލުން ގައުމީ ޓީމުގެ ކޯޗު ބަދަލުކުރުން މީގެ ހެއްކަކަށް ފުދެއެވެ. ކިތަންމެ މޮޅު އަދި ރަނގަޅު ކޯޗަކު ގެނަޔަސް ކޮންމެވެސް ބަޔަކަށް އޭނާ ގޯސް އެބަވެއެވެ. ރަނގަޅު ޓީމެއް ބިނާކުރަން ހަވާލުވާ ގައުމީ ކޯޗަށް، އޭނާގެ މަސައްކަތް ރަނގަޅަށް ނުފެށެނީސް ޓީމު ދޫކޮށް ދާން ޖެހެނީ މިދެންނެވިފަދަ ފިކުރުތަކުގައި ބައެއް ކުޅުންތެރީންނާއި ދިވެހި ކްލަބުތަކުގެ ކޯޗުންގެ ފަރާތުންވެސް އިންތިހާއަށް ކުރިމަތިވާތީއެވެ. މިއީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.

ދަގަނޑޭއަށް ލޯބި އެބައޮތް، ގައުމީ ޓީމަށްވެސް ހެޔޮ ބަދަލުތަކެއް

ދަގަނޑޭ ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ރިޓަޔާކުރަން އުޅޭކަން އިއުލާނުކޮށްފައެވެ. އަދި އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނޭކަމަށް އޭނާ ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމު ވިދާޅުވީ، އަލީ އަޝްފާގަކީ ދެބަސްވުމެއް ނެތި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަދި ދިވެހި ފުޓްބޯޅައަށް އެތައް ގުރުބާނީތަކެއް ވެފައިވާ ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން އަޝްފާގުގެ ކާމިޔާބީ އެންމެ ފުރިހަމަ ގޮތުގައި ފާހަގަކުރާން ޖެހޭކަން އެންމެ ރަނގަޅަށް އެނގޭނީވެސް އަދި އެކަން ކުރާނީވެސް އެފްއޭއެމް ކަމަށެވެ. ދަގަނޑޭއަށް ދޭންޖެހޭ ފުރިހަމަ ލޯތްބާއި އިހްތިރާމް، އޭގެ އެންމެ ފުރިހަމަގޮތުގައި ދޭނޭކަމަށް ބައްސާމް ވިދާޅުވިއެވެ.

"ދަގަނޑޭގެ ރިޓަޔަމަންޓާ ބެހޭގޮތުން ދަގަނޑޭ ވަނީ އަޅުގަނޑާ މަޝްވަރާކޮށްފައި. އެއީ ކޯޗު އައުމުގެ ކުރިން. ނަމަވެސް، ފަހުން ކޯޗު އައިސް ދަގަނޑޭއާ މަޝްވަރާކުރުމުން، އަދި އަޅުގަނޑުވެސް މަޝްވަރާ ކުރުމުން ދަގަނޑޭގެ ނިންމުން ހުރީ ޓީމާއެކު ކުރިއަށް ދާފަދަ ގޮތަކަށް. ސީދާ ވަކި ގޮތަކަށް ފަހުން ވާހަކައެއް ނުދައްކާ. ނަމަވެސް ދަގަނޑޭގެ ރިޓަޔަމަންޓް މިއަހަރުގެ އޯގަސްޓް ހިސާބުގައި ފާހަގަކުރަން އަޅުގަނޑުމެން ވާނީ ދަގަނޑޭއާ މަޝްވަރާކޮށް ނިންމާފައި."

ހާލަތު ކޮންމެ ގޮތަކަށް ބަދަލުވަމުން ދިޔަ ނަމަވެސް، ދިވެހި ގައުމީ ޓީމަށް ހެޔޮ ބަދަލުތަކެއް އަންނާން ފަށައިފިއެވެ. ދިވެހި ގައުމީ ޓީމުގެ ގިނަ ކުޅުންތެރީން މިއަދު ބުނަމުން ދަނީ، "ޓީމު ވަރަށް ތަފާތުވެއްޖެ. ގަޑިއަށް ފަރުވާ ބެހެއްޓުމާ، ލީޑަރޝިޕް ނެގުމާ، ކަންކަމަށް ފަރުވާތެރިވެ، ފަރިތަކުރުންތަކުގައި ވެސް މިހާރު ތަފާތު ފެންނަން ފަށައިފި،" ކަމަށެވެ.

"އަހަރެމެން ވަރަށް ދެރަވޭ ދަގަނޑޭ ޓީމުގައި ނެތުމުން. ދަގަނޑޭގެ ރިޓަޔަމަންޓް ފާހަގަކުރަން ޖެހޭނެ. ދަގަނޑޭއާ މެދު ކަންތައް ވާން ޖެހޭނީ ވަރަށް ރަނގަޅަށް،" ގައުމީ ޓީމުގެ ޒުވާން ދެ ކުޅުންތެރިއަކު ނަން ނުޖެހުމަށް އެދި ހިޔާލު ފާޅުކުރިއެވެ.

މިވަގުތު ދިވެހި ފުޓްބޯޅައަށް ބޭނުންވަނީ، ކެރޭ ޒިންމާދާރު، ތަޖްރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން ފުޓްބޯޅައިގެ ރަނގަޅު ޖީލެއް ބިނާކުރުމެވެ. ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު، މިވަގުތު ޓީމުތެރޭގައި އަދި ފުޓްބޯޅަ އާއިލާތެރޭގައި ނަފްރަތު އުފެދޭ ވާހަކައެއް ނުދައްކާނެއެވެ. ރަނގަޅު ޓީމެއް ބިނާކުރެވޭނީ، ރާއްޖޭގެ ހުރިހާ ކޯޗުންނާއި ގައުމީ ޓީމުގެ ކޯޗުވެސް ގުޅިގެން ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. މިއީ ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލާމެދު އެންމެން ވިސްނަންވީ ވަގުތެވެ.

comment ކޮމެންޓް