މާލޭ ލީގު: ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޓީސީން އީގަލްސް ބަލިކޮށްފި

މާލޭ ލީގުގައި ޓީސީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: ޓީސީން މެޗު ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯ މާލޭ ލީގުގައި ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ޓީސީ ސްޕޯޓްސް ކްލަބުން ކްލަބު އީގަލްސް ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް ތިރިން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅެން މަސައްކަތް ކޮށްފައިވާ އިރު، މެޗުގައި ގިނަ ހަމަލާތަކެއްވެސް ފެނިފައިވެއެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ޓީސީގެ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. ޓީސީގެ އަރިމައްޗަށް ކުޅެމުންދިޔަ އަހުމަދު އާރިފް (އާރީ) ނަގައިދިން ހުރަސް، ފޭދޫ އިއްބެ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

މާލޭ ލީގުގައި ޓީސީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: ޓީސީން މެޗު ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 14 ވަނަ މިނެޓުގައި ޓީސީން ލީޑު ނެގީ ލިބުނު ޕެނެލްޓީ އަކުންނެވެ. އީގަލްސްގެ އޭރިއާ ތެރެއިން ފޭދޫ އިއްބެއަށް އަހުމަދު ނޫމާން (ހެލްމެޓް) ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށްދިނީ އެނަޓޮލީ ވްލާސިޗޭވް އެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި ޓީސީން މޮޅަށް ކުޅުނު ނަމަވެސް، އީގަލްސްއިންވަނީ އޭގެ ފަހުން ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން 25 ވަނަ މިނެޓުގައި ޓީސީ އޭރިއާ ބޭރުން އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޓީސީގެ ކީޕަރު އަބްރާހީމް ނަދީމެވެ.

ހާފް ނިމުމުގެ ކުރިން، މެޗުގެ 30 ވަނަ މިނެޓުގައި އީގަލްސްއިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އީގަލްސްއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް، އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑްރިއާނޯއެވެ. އޭގެ މިނެޓެއް ފަހުން އީގަލްސްއަށްވަނީ ލީޑު ނަގާނެ ފުރުސަތެއްވެސް ލިބިފައެވެ. ޓީސީގެ ޕެނެލްޓީ އޭރިއާ ތެރެއިން ރިޒޭއަށް ލިބުނު ބޯޅަ އޭނާ ކުރިއަށް ފޮނުވާލި ނަމަވެސް، އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ އޭނާގެ ހަމަލާއަށް ހުރަސް އަޅައިފައެވެ.

އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރިތާ 10 މިނެޓްވެސް ނުވަނީސް އަނެއްކާވެސް ޓީސީން ލީޑު ނެގިއެވެ. މެޗުގެ 38 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ނަގައިދިނީ އާރީއެވެ. އީގަލްސްއިން އެޓޭކް ކުރުމަށް ކުރިއަށް ޖެހި ތިބި ދަނޑިވަޅެއްގައި ކައުންޓާ އެޓޭކްގެ ބޭނުން ހިފައި ޓީސީން ލީޑު ނަގައި، ފުރަތަމަ ހާފް ނިންމާލީ ލީޑުގައެވެ.

މާލޭ ލީގުގައި ޓީސީއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: ޓީސީން މެޗު ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް ދެވަނަ ހާފް ފެށިގެން މެޗުގެ 53 ވަނަ މިނެޓުގައި އީގަލްސްއަށްވަނީ އަނެއްކާވެސް ޕެނެލްޓީއެއް ލިބިފައެވެ. ޓީސީ އޭރިއާ ބޭރުން ރިޒޭ ފޮނުވާލި ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި، ޓީސީ ކެޕްޓަން އަދި ޑިފެންޑަރު އަހުމަދު ފައްރާހު (ފައްރަ) އަތުގައި ޖެހުމުން ރެފްރީ ދިން ޕެނެލްޓީވެސް ކާމިޔާބުކުރީ ލުއިޒްއެވެ.

ޕެނެލްޓީގައި އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރިފަހުންވެސް ދެޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް ގިނަ ހަމަލާތަކެއް ފެނިފައިވެއެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ޓީސީގެ ވްލަސިޗޭވްއަށް ރެފްރީވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ. ރަތް ކާޑާއެކު ޓީސީގެ ކުޅުންތެރިން ފަރާތުން ވަރަށް ބޮޑަށް ރެފްރީ ކައިރީގައި ޝަކުވާ ކުރި މަންޒަރު ފެނިގެން ދިޔައެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޓީސީން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 82 ވަނަ މިނެޓުގައެވެ. ހެލްމެޓް ހެދި ގޯހެއްގެ ފައިދާ ނަގައި، ފޭދޫ އިއްބެ ދިން ބޯޅައިން ޓީސީ މޮޅުކޮށްދިން ގޯލް ޖަހައިދިނީ އިބްރާހީމް ވަހީދު (އިއްބެ) އެވެ.

މެޗުން މޮޅުވެ ޓީސީވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ. ފަސް މެޗުން ޓީސީއަށް ލިބެނީ ހަތް ޕޮއިންޓެވެ. ފަސް މެޗުން އަށް ޕޮއިންޓާއެކު އީގަލްސް އޮތީ ތާވަލުގެ ތިންވަނައިގައެވެ.

މާލޭ ލީގުގެ މެޗުތައް ދެން އޮންނާނީ މިމަހު 15 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް