މައުމޫން މިނިވަންކުރަން އިންޑިއާއަށް ދައުރެއް އަދާކުރެވޭނެ: ދުންޔާ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އޮކްޓޫބަރު 2015 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވަނީ --- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން

ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުން މިނިވަންކުރުމަށް އިންޑިއާއަށް އަދާކުރެވޭނެ ދައުރެއް އޮންނާނެކަމަށް ގަބޫލުކުރައްވާކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މައުމޫނުގެ ދޮށީ ދަރިކަނބަލުން ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ދުންޔާ މިއަދު ވިދާޅުވީ ރައީސް މައުމޫނަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުމުގެ ބާނީ ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައީސް މައުމޫން ހުންނެވި ހާލަތަށް ބަލައި، އިންޑިއާއިން ކޮށްދިނީ ކޮން ކަމެއްތޯ ދުންޔާ ސުވާލު އުފެއްދެވިއެވެ.

"އިޚްލާސްތެރި ރައްޓެއްސެއް ކަމަށް ވަންޏާ ފެންނަން ޖެހޭނެ ދެއްތޯ އިންޑިއާގެ ދައުރެއް،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ، ރައީސް މައުމޫނާއި، ކޮއްކޯފުޅު އަހްމަދު ފާރިސް މައުމޫނާއި، ޖަލަށް ލެވިފައިވާ އެހެނިހެން ބޭފުޅުންވެސް މިނިވަންކުރުމަށް އިންޑިއާއާއި އެހެނިހެން ދޭދޭ ގައުމުތަކަށް ކުޅެވެން އޮތް އެއްވެސް ކަހަލަ ސުލްހަވެރި ދައުރެއް އޮތިއްޔާ އެކަމެއް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަޅުގަނޑު އިލްތިމާސްކުރަން ސުލްހަވެރިކަމާއެކު ވާހަކަ ދެއްކުމަށާއި ރައީސް މައުމޫނު މިނިވަންކޮށްދިނުމަށް ތިބޭފުޅުންގެ އެއްވެސް ކަހަލަ ދައުރެއް މީގައި ކުޅެވެން އޮތިއްޔާ [އެކަން ކޮށްދިނުމަށް]،" ދުންޔާ ވިދާޅުވިއެވެ.

ރާއްޖެއާ އިންޑިއާއާ މެދު ގުޅުންތަކަށް ކޮންމެވެސް ވަރަކަށް ހީނަރުވެފައިވާ މި ދަނޑިވަޅުގައި، ދުންޔާ ވިދާޅުވީ އިންޑިއާއާ އެކި އޮތް ޒަމާންވީ ގާތް ގުޅުން ދަމަހައްޓައި، އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެއްވި އިރު ރައީސް ޔާމީނަށް ލަފާ އެރުއްވި ކަމަށެވެ.

ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ބާރު ފޯރުވަން ބޭނުންވި ނަމަވެސް، ޚާރިޖީ ސިޔާސަތު ބިނާކުރުމުގައި ބަލަންޖެހޭނީ ރާއްޖެއަށްވެސް އެކަމުން މަންފާއެއް ލިބޭގޮތަކަށް ގުޅުން ބަދަހިކުރުމަށް ކަމަށް ދުންޔާ ވިދާޅުވިއެވެ.

"މިސާލަކަށް އިންޑިއާ ބޭނުން ހުރިހާ ކަމެއް ކޮށްގެން ރާއްޖެއަށް ބެނެފިޓް ނުވާނަމަ އަޅުގަނޑުމެން އެކަމެއް ނުކުރާނެ. އެގޮތުން ރައީސް ޔާމީން މުހިންމު ފިޔަވަޅުތަކެއް ނަންގަވައި، ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ރާއްޖެއަށް ހޯއްދެވި ދެއްތޯ،" ދުންޔާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ޗައިނާއާ އޮތް ގުޅުމަށް ބަލާއިރު މިހާރު ރާއްޖެއިން "މާ ބޮޑަށް ޗައިނާއާ ގާތްވެއްޖެ" ކަމަށް ދުންޔާ ވިދާޅުވިއެވެ.

"ކޮންމެވެސް އެއް ގައުމަކަށް މިހާ ބޮޑަށް ބަރޯސާވުމަކީ ބިރުވެރިކަމެއް ދެއްތޯ. އެއީ އެމީހުންގެ ބާރުގެ ދަށަށް ވަރަށް ބޮޑަށް އެބަ ވެއްޓޭ. އެމީހުން ބޭނުންގޮތަކަށް ކަންކަން ކުރީމާ އަޅުގަނޑުމެންނަށް އޭގެން ނުބައި އަސަރުތަކެއް އައިސްދާނެ،" ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް