އަނެއްކާވެސް ހަތަރު ކައުންސިލަރަކު ސަސްޕެންޑްކޮށްފި

އެލްޖީއޭއިން ސަސްޕެންޑްކުރި ހަތަރު ކައުންސިލަރުން -- ފޮޓޯ: މީސްމީޑީއާ

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބަޔާން ނެރެފައިވާތީ ހަތަރު ކައުންސިލަރަކު ސަސްޕެންޑްކޮށްފިއެވެ.

ލޯކަލް ގަވާމެންޓް އޮތޯރިޓީން މިއަދު ސަސްޕެންޑްކޮށްފައިވަނީ ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކާއި ގއ. ދެއްވަދޫ ކައުންސިލްގެ ދެ މެމްބަރެކެވެ.

ޅ. އަތޮޅު ކައުންސިލްގެ މެމްބަރުންގެ ތެރެއިން ސަސްޕެންޑްކުރީ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު އާއި މެމްބަރު މުހައްމަދު ހުސައިނެވެ. ދެ ބޭފުޅުންވެސް މަސްދުވަހަށް ސަސްޕެންޑް ކުރި އިރު އެ ދެމީހުންނަކީވެސް އެމްޑިޕީގެ ދެ މެމްބަރުންނެވެ. މީގެ ކުރިންވެސް މުހައްމަދު ހުސައިން ވަނީ ސަސްޕެންޑްކޮށްފައެވެ.

ގއ. ދެއްވަދޫ ކައުންސިލް ގެ މެމްބަރުންގެ ތެރެއިން ސަސްޕެންޑް ކުރީ ކައުންސިލްގެ ރައީސް އަހްމަދު ނަޖުމީން އަދި ނައިބު ރައީސް އިބްރާހިމް ތައުފީގެވެ. ދެ ބޭފުޅުންވެސް ސަސްޕެންޑް ކުރީ މަސްދުވަހަށެވެ.

އެ ހަތަރު ކައުންސިލަރުން ވެސް ސަސްޕެންޑުކުރީ މުސާރަ ނުލިބޭ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބަޔާން ނެރުނު މައްސަލާގައި މިހާތަނަށް 30 ކައުންސިލަރެއް ވަނީ ސަސްޕެންޑްކޮށްފައެވެ. ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލާގައި އެލްޖީއޭއާ ދެކޮޅަށް މިއަދު އައްޑޫ ސިޓިގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ވަނީ ހައިކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

comment ކޮމެންޓް