ޝަރީއަތް ނިމެންދެން މަހުލޫފު ގޭބަންދަށް ބަދަލުކޮށްފި

އަހްމަދު މަހްލޫފް: ޝަރީއަތް ނިމެންދެން މަހުލޫފު ގޭބަންދަށް ބަދަލުކުރަން ވަނީ އަމުރުކޮށްފައި--ސަން ފޮޓޯ: މުހައްމަދު އަފުރާހު

ފުލުހުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މަހުލޫފު ހައްޔަރުކުރީ، އިދިކޮޅު ފަރާތްތަކުން ފެބުރުއަރީ ތިންވަނަ ދުވަހު، މާފުށީ ޖަލު ކައިރީ ކުރި މުޒާހަރާއާ ގުޅިގެންނެވެ. އެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ސަރުކާރުން ވަނީ ޓެރަރިޒަމްގެ ތުހުމަތުކޮށްފައެވެ.

މަހުލޫފު ވަނީ މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށްބުނެ ދެފަހަރެއްގެ މަތިން ޖަލަށްވެސް ލައިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މަހުލޫފް، 13 ދުވަހަށް ބަންދުގައި ބަހައްޓަން ދެ ހަފުތާ ކުރިން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ތެރޭގައި މާސްކު ބެހި މައްސަލައިގައިވެސް ފުލުހުން ވަނީ މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފައެވެ.

comment ކޮމެންޓް